ރެއާލް އާއި މަލޯކާ ކުޅުނު މެޗުގެ ތެރެއިން: ރެއާލް މޮޅުވީ 6-1 ގެ ނަތީޖާ އަކުން

ރެއާލްއަށް ފަސޭހަ މޮޅެއް

ލަލީގާގައި ރެއާލް މެޑްރިޑް ކުޅުނު މެޗުން އެޓީމު ފަސޭހަ މޮޅެއް ހޯދައިފި އެވެ.

ރެއާލްގެ ދަނޑުގައި ރޭ މަޔޯކާ އާއި ބައްދަލުކުރި މެޗުން ރެއާލް މޮޅުވީ 6-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. މި މެޗުގައި ރެއާލްގެ މާކޯ އެސެންސިއޯ ހެޓްރިކް ހެދިއިރު، ކެޕްޓަން ކަރީމް ބެންޒެމާ ވަނީ ދެ ގޯލު ޖަހާފަ އެވެ.

މެޗުގެ ވަރަށް ކުރީ ކޮޅުގައި ރެއާލްއަށް ލީޑު ނަގައި ދިނީ ބެންޒެމާ އެވެ. ފުރަތަމަ ހާފުގެ ތިންވަނަ މިނެޓުގައި ބެންޒެމާ ޖެހި މި ގޯލަކީ ކަނާއަތު ފަޅިން އޭރިއާ ތެރެއަށް ވަދެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބު ކުރި ގޯލެކެވެ. އޭގެ ފަހުން މެޗުގެ 24 ވަނަ މިނެޓުގައި އެސެންސިއޯ ގޯލެއް ޖަހައި ލީޑު ފުޅާ ކޮށްދިން ނަމަވެސް 25 ވަނަ މިނެޓުގައި މަޔޯކާގެ ލީ ކަންގް އިން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން އެސެންސިއޯ ގޯލެއް ޖަހައި އަނެއްކާވެސް ރެއާލްއަށް ލީޑު ފުޅާ ކޮށްދިނެވެ. ފުރަތަމަ ހާފު ނިމުނީ 3-1 ގެ ނަތީޖާ އަކުންނެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވަނީސް އޭރިއާގެ ބޭރުން ބޯޅަ ގޯލަށް ފޮނުވާލައިގެން އެސެންސިއޯ އިތުރު ލަނޑެއް ޖެހި އެވެ. ބެންޒެމާގެ ދެވަނަ ގޯލަކީ އޭނާ ފޮނުވާލި ބޯޅާއެއް އިދިކޮޅު ޑެފެންޑަރެއްގެ ފައިގައި ޖެހިފައި މިސްރާބު ބަދަލު ވެގެން ވަން ގޯލެކެވެ. މެޗު ނިމެނިކޮށް ރެއާލްގެ ހަ ވަނަ ގޯލު ކާމިޔާބު ކޮށްދިނީ ވިނީޝިއަސް ޖޫނިއާ ދިން ޕާހަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުން އިސްކޯ އެވެ.

މި ނަތީޖާއާއެކުު ރެއާލުން އެއްވަނައިގައި އޮތީ 16 ޕޮއިންޓާއި އެކުގަ އެވެ. އަދި 14 ޕޮއިންޓާއެކު ދެވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތް އިރު، ތިން ވަނައިގައި ސެވިއާ އޮތީ 11 ޕޮއިންޓް ލިބިގެންނެވެ.

ލަލީގާގައި ރޭ ކުޅުނު އެހެން މެޗު ތަކަށް ބަލާއިރު، އަލާވޭސް އަތުން އެސްޕާނިޔޯލް މޮޅުވީ 1-0 ގެ ނަތީޖާ އަކުންނެވެ. އަދި އަދި ވަރުގަދަ ވެލެންސިއާގެ މައްޗަށް 3-1 އިން ސެވިއްޔާ ކުރިހޯދި އިރު، އެލްޗޭ އަތުން ވިޔަރެއާލް މޮޅުވީ 4-1 ގެ ނަތީޖާ އަކުންނެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!