ނައިފަރު މުަހައްމަދު ހުސެއިން

ނައިފަރު މުހައްމަދު ހުސެއިން އަވަހާރަވެއްޖެ

ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ހިދުމަތްތެރިޔާ އަދި ޅެންވެރިޔާ ނައިފަރު މުހައްމަދު ހުސެއިން، ނ. ހޮޅުދޫ / ނައިފަރީގެ އަވަހާރަވެއްޖެ އެވެ.

އޭނާ އަވަހާރަވީ އުމުރުން 93 އަހަރުގައި ރޭގެ ވަގުތެއްގައި ހޮޅުދޫގަ އެެވެ. އަދި މިއަދު މެންދުރު އޭނާގެ ޖަނާޒާ ވަނީ ބާއްވާފަ އެވެ. ތައުލީމަށް ކޮށްދެއްވި ހިދުމަތްތައް ބަލައިގަނެ ސަރުކާރުން އޭނާއަށް ވަނީ 1985 ވަނަ އަހަރު އާންމު ހިދުމަތުގެ އިނާމުވެސް އަރުވައިފަ އެވެ.

އޭނާ ވަނީ ހިޖްރައިން 1366 ވަނަ އަހަރުން ފެށިގެން، ދިވެހި ތައުލީމަށް އެކި ގޮތްގޮތުން ހިދުމަތް ކުރައްވައިފަ އެވެ. އެގޮތުން ރާއްޖެތެރޭގެ މަކްތަބުތަކާއި މަދަރުސާތަކުގައި ގުރްއާން، ތަޖްވީދު، ހިސާބު އިލްމު، ކިޔަވައި ދެއްވުމުގައި ވަރަށް ބޮޑަށް މަސައްކަތްކުރެއްވިއެވެ.

އޭނާ އެންމެ ފުރަތަމަ ތަޢުލީމް ހާސިލު ކުރެއްވީ، އައްޝައިޚުލް މަރްޙޫމް އަބްދުﷲ ޖަލާލުއްދީނުގެ އަރިހުންނެވެ. ދެން ނައިފަރު މަދަރުސަތުލް އިފްތިތާހުންނެވެ. ރާއްޖެތެރޭގެ މަކްތަބްތަކަށާއި، މަދަރުސާތަކަށް ކިޔަވައިދޭން ފުދޭވަރަކަށް ތައުލީމް ހާސިލުކުރެއްވުމަށްފަހު އޭނާ އެންމެ ފުރަތަމަ ކިޔަވައި ދެއްވަން ފެށްޓެވީ، ނ.ހޮޅުދޫ މަކްތަބުގެ މުދައްރިސެއްގެ ގޮތުގައި ހުންނަވައިގެންނެވެ. އޭރު އެމަކްތަބުގައި ތިބީ 80 ވަރަކަށް ކުދިންނެވެ.

އެ މަކްތަބުގެ ނަން ނ.ހޮޅުދޫ މަދަރުސަތުލް ސަގާފަތުގެ ނަމަށް ބަދަލުކުރުމާ ގުޅިގެން، ކުދީންގެ ޢަދަދު 200 އަށްވުރެ ގިނަވެގެންދިޔަ ނަމަވެސް އޭނާގެ ހިސާބު އިލްމާއި، ގުރްއާނާއި، ތަޖްވީދާއި، ދިވެހިބަސް ވަރަށްގިނަ ކުދީންނަށް ކިޔަވައި ދެއްވިއެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!