ފަލަސްޠީނުގެ ރައީސްގެ ހާއްސަ މަންދޫބު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން --

ރާއްޖޭގެ މެސެޖް ވަރުގަދަ، ޝުކުރިއްޔާ: ފަލަސްތީން

އދ. އާންމު މަޖިލީހުގެ ޖަލްސާގައި ރާއްޖެއިން ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތު ކުރުމާއި ގުޅިގެން އެ ގައުމުން ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކޮށްފި އެވެ.

އދއަށް ފަލަސްތީނުން ކަނޑައަޅާފައިވާ މިޝަންގެ ރަސްމީ ޓްވީޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ވަނީ ރައީސް ސޯލިހްގެ ތަގުރީރާމެދު ވަރަށް ބޮޑަށް އުފާ ކުރާ ކަމަށް ބުނެފައެވެ. އަދި ފަލަސްތީނުގެ ހައްގުގައި އަޑު އުފުއްލެވީތީ ރައީސް ސޯލިހާއި ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

ރައީސްގެ ތަގުރީރުގައި ވަނީ ދިވެހި ރައްޔިތުން ތިބީ ފަލަސްތީނާއެކު ކަމަށް ވިދާޅުވެފައެވެ. އަދި އދ ގެ އެތައް އަހަރެއްގެ މަސައްކަތުންވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށް ނުދެވުނު ކަމަށް ވިދާޅުވިއެވެ.

އިޒްރޭލުން ފަލަސްތީނުގެ އަންހެން، ފިރިހެން، ކުދިބޮޑު އެތައް ބައެއްގެ ހައްގު ތަކުރާރުކޮށް ނިގުޅައިގަންނަމުންދާއިރު އަދުގެ ހޭލުންތެރި ޒުވާން ޖީލުގެ އެތައް ބަޔަކު އެތައް ގައުމަކުން ފަލަސްތީނުގެ ހައްގުގާ ނިކުންނަނީ ބޭއިންސާފާއި ލާއިންސާނިއްޔަތަށް ނޫނެކޭ ބުނަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

“އދ ގެ އާންމު މަޖިލީހާ ސެކިއުރިޓީ ކައުންސިލުން ފަލަސްތީނުގެ ހައްގުގާ ނެރުނު ގަރާރުތަކާއި ނިންމުނު ނިންމުންތައް ގިނަ. މަދު އެއްޗަކީ އަމުދުން ނުވެސް ނެތް އެއްޗަކީ ފަލަސްތީނުގެ ހައްގު. ކުޑަ ދައުލަތެއް ތަމްސީލު ކުރާ މީހެއްގެ ހައިސިއްޔަތުން މިއަދު މިތާހުރެ މި ވާހަކަ އަޅުގަނޑަށް ދެއްކޭ ސަބަބެއް އެބަވޭ. އެއީ ދުނިޔެއިން އަޅުގަނޑުމެން ދިވެހިރާއްޖެ ބަލައިގެންފައިވުން. މިލިއަނުން އަދަދު މަތި ފަލަސްތީނުުގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ. އެބަޔަކު އަޅުގަނޑު މިތާ ހުރެ ތަމްސީލު ކުރާ ދިވެހިން ބޭނުންވަނީ އދންނާއި މުޅި ދުނިޔެއިން މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަަލައިގަތުން،” ރައީސް ވިދާޅުވިއެވެ.

ރައީސްގެ ތަގުރީރުގައި ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތު ކުރުމުގާ ދިވެހިން އަބަދުވެސް ދެމި ތިބޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!