ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް --

އެންމެ ބޮޑު ބިރަކީ ޓެރަރިޒަމް، އެ ބިރު ދަނީ ބޮޑުވަމުން: ރައީސް

އެންމެ ބޮޑު ބިރަކީ ޓެރަރިޒަމް ކަމަށާ އެ ބިރު ދަނީ ބޮޑުވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ. ރައީސް ސޯލިހް މި މޭރުމުން ވާހަކަފުޅު ދެއްކެވީ އދ. އާންމު މަޖިލީހުގެ ޖަލްސާގައި ތަގުރީރު ކުރައްވަމުންނެވެ.

ދިވެހިން ބަހުން ކުރިއަށް ގެންދެވި ތަގުރީރުގައި ރައީސް ވިދާޅުވީ ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑެތި ނުރައްކާތަކާ ގޮންޖެހުމުގެ ވާހަކަތަކުން ފަށާނަމަ ލިސްޓުގެ ކުރި ހޯދާނީ ޓެރަރިޒަމް ކަމަށެވެ. ހަރުކަށި ފިކުރުން ދީން މަނާކުރުމުގެ ނުރައްކަލަށް ބަލައިގެން ތިބެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއަކީ ފެށުނީއްސުރެ މެދު މިނުގެ ދީނީ އަގީދާ ގަބޫލުކުރާ ގައުމެއް ކަމަށާ ނަމަވެސް ހަރުކަށި ފިކުރުން ކުޑަކުޑަ ރާއްޖެވެސް ސަލާމަތް ނުވި ކަމަށް ވިދާޅުވިއެވެ. މެއި ހަވަނަ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަކީ ދިވެހި ބިމުގައި ދެވުނު ބޮޑު، ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ކަމަށްވެސް ވިދާޅުވިއެވެ.

“މިފަދަ ހަމަލާ ދޭތަން ބަލަން އަދި ޅަކުދިންގެ ސިކުނޑިތަކުގާ ހަރުކަށި ފިކުރު އަށަގަންނުވާތަން ދެކޭން އަޅުގަނޑުމެނެއް ނުތިބޭނަން،”

ރައީސްގެ ތަގުރީރުގައި ވިދާޅުވީ ހުރިހާ މާނައެއްގައި އަދި ހުރިހާ ސިފައެއްގައި ޓެރަރިޒަމް ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ބައިނަލްއަގްވާމީ މުޖްތަމައުއާއެކު ފުރިހަމަ އެއްބާރުލުން ދީގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

“ކޮވިޑް-19 ގެ އާލަމީ ބަލިމަޑުކަން މި ވަނީ މުޅި އިންސާނިއްޔަތު ފަހަށް ޖައްސާފަ. މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ މައްސަލަތައް ދަނީ ގިނަވެ ބޮޑުވަމުން. ބަނަ ވިލާތައް ކެހިގެނެއް ނުދޭ. އަދި އެންމެ ބޮޑު ބިރުގެ ގޮތުގާ އޮތް ބިރުވެރިކަން އިތުރަށް ދަނީ ބޮޑުވަމުން. ޓެރަރިޒަމްއަކީ އެންމެ ބޮޑު އެއް ގޮންޖެހުން. މި ދެންނެވީ އިންސާނީ ހަޔާތުގެ ރީތި ތަސްވީރުގެ ނުފުށުން ފެންނަ މިއަދުގެ މަންޒަރު. މިކަންކަމުން އަރައިގަތުމަށް ދުނިޔެ އެއްތަންވެ އެއްބަސްކިޔަން ޖެހޭ. އިތުރު ހިތްވަރާ އަޒުމުން އަމާޒު ހޯދަން ޖެހޭ. މުޅި ބައިނަލްއަގްވާމީ މުޖްތަމައުގެ އެއްބާރުލުމަށް އަޅުގަނޑު ގޮވާލަން. އަދުގެ ރިޔާސަތުގެ ދުސްތޫރުގައިވާ ފައިވްރޭސް އޮފް ހޯޕަކީ އުންމީދު،”

ރައީސްގެ ތަގުރީރުގައި ވިދާޅުވީ ކޮވިޑް-19 އިން ބުނެދިން ހަގީގަތަކީ އެއްވެސް ގައުމަަކަށް ވަކިވެ އެކަހެރިވެގެން ހޯދޭނެ މޮޅު ނަތީޖާއެއް ނެތް ކަމާއި އަމާން ރައްކާތެރި ދިރިއުޅުމަކަށްޓަކާ އެންމެން އެއްބައިވަންތަވެ އެކުވެރިވާން ޖެހޭ ކަމެވެ. ކޮވިޑްގެ ބަލިމަޑުކަމަކީ ދިވެހިންވެސް ތަޖުރިބާ ކުރި އެންމެ ބޮޑު ގޮންޖެހުން ކަމަށާ ދިވެހިންގެ އިގްތިސާދު ބަރޯސާވެފައި އޮތް ފަތުރުވެރި މުޅީން ހުއްޓި ބޭރު ފައިސާ ލިބުން ދަތިވެ ވިޔަފާރިތައް ހުއްޓި ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއެކު ފޫނުބެދޭވަރުގެ ގެއްލުންތަކެއް ތަހަންމަލު ކުރަން ޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ.

“ބޯޑަރުތައް ބަންދުކުރީ ހިތާ ޒަމީރު ރުހިގެނެއް ނޫން. ބަޔަކު އެކަމަށް އެދޭތީއެއްވެސް ނޫން. އެކަމަކު އެ އުނދަގޫ ނިންމުން ނިންމަން އެ ވަގުތު ޖެހުނު. މި ބަލިމަޑުކަމާ ކުރިމަތިލުމަށް އަޅުގަނޑުމެން ފަށަން ޖެހުނީ ސުމަކުން. އޭރު އަދި ވެކްސިން އޮތީ ހަމައެކަނި ދެކޭ ހުވަފެނެއްގެ ގޮތުގައި،”

ރައީސް ވަނީ ރާއްޖޭގެ ވެކްސިން ޖެހޭ އުމުރުގެ 95 އިންސައްތަ މީހުން ކިޔަވާ ކުދީން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި އުޅޭ އާބާދީގެ 85 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ރައީސްގެ ތަގުރީރުގައި ވެކްސިނުން ސަލާމަތްވާން އޮތް އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިން ކަމަށް ވިދާޅުވެ ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށް ދިނުމުގެ މުހިންމު ކަމާމެދު ވާހަކަ ދައްކަވާފައެވެ.

ރައީސް ވަނީ މޫސުމަށް އަންނަ ބަދަލާ ތިމާވެއްޓަށް ލިބޭ ގެއްލުންތަކާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. ވިދާޅުވީ މޫސުމަށް އަންނަ ބަދަލާ ތިމާވެއްޓަށް ލިބޭ ގެއްލުމުގެ އަގު އިންސާނިއްޔަތަށް މާ ބޮޑު ކަމަށެވެ. އަދި އެއީ މިއަދުގެ ދިރާސާތަކާއި އިލްމީ ހަގީގަތްތަކާ ސައިންޓިފިކް ރައުޔު ހެކިދޭ ކަންކަން ކަމަށް ވިދާޅުވެ މިސާލު ދެއްކެވިއެވެ.

އައިޕީސީސީ އިން ދާދި ފަހުން އެކުލަވާލި ރިޕޯޓާއި ހަވާލާ ދެއްވާ ރައީސް ވިދާޅުވީ މިދިޔަ ފަސް އަހަރަކީ 19 ވަނަ ގަރުނުގެ މެދުތެރެއިން ފެށިގެން މިހާތަނަށް ދުނިޔެ ތަހަންމަލު ކުރި އެންމެ ހޫނުގަދަ ފަސް އަހަރު ކަމަށެވެ. އަދި 1901 ވަނަ އަހަރުން 1970 ވަނަ އަހަރާ ދެމެދަށް ބަލާނަމަ ކަނޑުގެ ލޮނުގަނޑު އުފުލޭ ނިސްބަތް ތިން ގިނަ އިތުުރުވެފައިވާ ކަަމަށް ވިދާޅުވިއެވެ. ދުނިޔޭގެ ހޫނުމިނުން 1.1 ޑިގްރީ ސެލްސިއަސް އުފުލި މޫސުމީ މައްސަލަތައް ހައްލުކުރަން އިންސާނުންނަށް ވަގުުތު ކުޑަތަންވެފައިވާ ކަމުގެ އިންޒާރު އެ ރިޕޯޓްގައި ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

“ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސް ގާ ހިފެހެއްޓުމަށްޓަކާ މިހާރު ޖައްވަށް ބޭރުކުރާ ގެނދަބުޅީގެ މިންވަރު 2030 އާ ހަމައަށް 45 އިންސައްތަ ދަށްކުރަންޖެހޭ. މި އަމާޒަށް ވާސިލުވެވޭނީ 2050 ގެ ނިޔަލަށް މުޅި ދުނިޔެ ނެޓްޒީރޯ ހާސިލުކޮށްގެން. އިންސާނީ ނަސްލު ނެތިދިއުންް ނުވަތަ މާހައުލީ ނިޒާމަކަށް އަންނަ ބަދަލުން ހާލަތު ނާޒުކުވުން މިއީ އިވޭ އަޑެއް. އަތުރާލެވޭ ބަސްތަކެއް. ގެއްލި ދިއުން ނުވަތަ ރެފިއުޖީންނަށް ބަދަލުވުން ނޫނީ އަމިއްލަވަންތަކަން ނެތި ދިއުން. މިފަދަ ބަސްމަަގަކީ ރާއްޖެއާ ރާއްޖެފަދަ ނާޒުކު ތިމާވެށި ލިބިފައިވާ ގައުމުތަކުގެ ފަހު މަރުހަަލާ ސިފަކޮށްދޭ ގޮތް،” ރައީސްގެ ތަގުރީރުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުދި ޖަޒީރާތައް ނެތި ދަނީ މިއަދު އައި ތިމާވެށީގެ ސަބަބުން ކަމަށްވާނަމަ ބޮޑެތި ބައްރުތަކުގެ ފަހަތުބް ހަމަ އެ ސަބަބު މާދަމާ އަންނާނެ ކަމަށެވެ. އަދި ދިވެއްސަކަށް ދިރިނޫޅެވި ދިވެހިރާއްޖެއަށް ދެމި ނޯވެވުނު ދުނިޔެއަކު އެހެން ގައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަގީން ކަމެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. އެ ހަގީގަތްތައް ކިޔައިދީފައިވާ މާ ސާފު ސާދާ މައުސޫމް ކަރުދާސްތަކެއް އެމަނިކުފާނުގެ އަތްޕުޅުގައި އެބަހުރި ކަމަށް ވިދާޅުވެ އެ ކަރުދާސްތައް ރައީސް ވަނީ ދައްކަވާލައްވާފައެވެ. ރައީސް ވިދާޅުވީ އެ ކަރުދާސްތަކަކީ މޫސުމީ ކަންބޮޑުވުންތަކާ ގުޅިގެން ދިވެހި ތުއްތު ކުދީން ލިޔެފައިވާ ސިޓީތަކެއް ކަމަށެވެ.

ރައީސްގެ ތަގުރީރުގައި ވަނީ ދިވެހި ރައްޔިތުން ތިބީ ފަލަސްތީނާއެކު ކަމަށްވެސް ވިދާޅުވެފައެވެ. އަދި އދ ގެ އެތައް އަހަރެއްގެ މަސައްކަތުންވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށް ނުދެވުނު ކަމަށް ވިދާޅުވިއެވެ.

އިޒްރޭލުން ފަލަސްތީނުގެ އަންހެން، ފިރިހެން، ކުދިބޮޑު އެތައް ބައެއްގެ ހައްގު ތަކުރާރުކޮށް ނިގުޅައިގަންނަމުންދާއިރު އަދުގެ ހޭލުންތެރި ޒުވާން ޖީލުގެ އެތައް ބަޔަކު އެތައް ގައުމަކުން ފަލަސްތީނުގެ ހައްގުގާ ނިކުންނަނީ ބޭއިންސާފާއި ލާއިންސާނިއްޔަތަށް ނޫނެކޭ ބުނަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

“އދ ގެ އާންމު މަޖިލީހާ ސެކިއުރިޓީ ކައުންސިލުން ފަލަސްތީނުގެ ހައްގުގާ ނެރުނު ގަރާރުތަކާއި ނިންމުނު ނިންމުންތައް ގިނަ. މަދު އެއްޗަކީ އަމުދުން ނުވެސް ނެތް އެއްޗަކީ ފަލަސްތީނުގެ ހައްގު. ކުޑަ ދައުލަތެއް ތަމްސީލު ކުރާ މީހެއްގެ ހައިސިއްޔަތުން މިއަދު މިތާހުރެ މި ވާހަކަ އަޅުގަނޑަށް ދެއްކޭ ސަބަބެއް އެބަވޭ. އެއީ ދުނިޔެއިން އަޅުގަނޑުމެން ދިވެހިރާއްޖެ ބަލައިގެންފައިވުން. މިލިއަނުން އަދަދު މަތި ފަލަސްތީނުުގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ. އެބަޔަކު އަޅުގަނޑު މިތާ ހުރެ ތަމްސީލު ކުރާ ދިވެހިން ބޭނުންވަނީ އދންނާއި މުޅި ދުނިޔެއިން މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަަލައިގަތުން،” ރައީސް ވިދާޅުވިއެވެ.

ރައީސްގެ ތަގުރީރުގައި ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތު ކުރުމުގާ ދިވެހިން އަބަދުވެސް ދެމި ތިބޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.

މީގެ އިތުރުން އަފްޣާނިސްތާނުގެ މިއަދުގެ ހާލަތާމެދުވެސް ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ ގައުމުގެ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުވުން ބޭނުންވާ ކަމަށާ އަންހެނުންނާއި އަންހެން ކުދީންގެ ހައްގުތަކާއި ސަލާމަތާއި ހިމާޔަތް އެ ގައުމުގައި އޮތުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެެވެ. އަދި އެެކަމަށްޓަކައި ރައްޔިތުން އިންތިހާބު ކުރާ ސަރުކާރެއް އަފްޣާނިސްތާނުގައި އޮތުން މުހިންމު ކަމަށް ވިދާޅުވިއެވެ.

ރައީސްގެ ތަގުރީރު ނިންމަވާލައްވަމުން ވިދާޅުވީ އިންސާނިއްޔަތަށް އަދިވެސް އޮތް އެންމެ ބޮޑު އުންމީދަކީ އެމަނިކުފާނުގެ ނަޒަރުގައި އދ ކަަމަށެވެ. ބައިނަލްއަގްވާމީ ގުޅުންތަކުން ހާސިލުވާ ކޮންމެ ކާމިޔާބީއެއް ރަމުޒުކޮށްދެނީ އދ ކަމަށާ ސުލްހަވެރި ހައްލާއި މަސަލަސްކަމުގެ ސައްލާ އުފެދެނީ އެ މަރުކަޒުން ކަމަށް ރައީސް ވިދާޅުވިއެވެ.

“ހުރިހާ އިންސާނުންގެ ހުރިހާ ފަންތިއާ ގިންތިއާ މިންތީގެ މުގޫ ހިފަހައްޓަނީ މި މަރުކަޒުން. ފަގީރުކަމާ ބަލިމަޑުކަމާ ޓެރަރިޒަމް ފަދަ ކަންކަން ނައްތާލުމުގެ އެކްސްޕަޓީސް އެންމެ މުއްސަދި ބޭންކަކީ މިއީ،” ރައީސްގެ ތަގުރީރު ނިންމަވާލައްވަމުން ވިދާޅުވިއެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!