ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު --ޝުޖާއު، އިދިކޮޅު ކޯލިޝަންގެ އިސް ދެ ބޭފުޅަކާއެކު ފިޔަވަތި ކައިރީގައި

އެލްޖީއޭއަށް ޖަވާބުދާރީވާން ޝުޖާއުއަށް އަންގައިފި

ޖެންޑާ މިނިސްޓްރީގެ ދަށުގައި ހުންނަ ކުޑަކުދިން ބަލަހައްޓާ “ފިޔަވަތި” ގެ ހިންގުން ބޮއްސުންލާ ކުދިންގެ ތެރޭގައި ހަމަނުޖެހުން އުފެދިފައިވާ މައްސަލާގައި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އެ ތަނަށް ވެއްނެވި މައްސަލައާ ގުޅިގެން ޖަވާބުދާރީވެވަޑައިގަތުމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ޝުޖާއުއަށް އަންގައިފި އެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ސޮއިކުރައްވާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ “ފިޔަވަތި” ގައި ހަމަނުޖެހުން ހިނގި ދުވަހު ޝުޖާއު “ފިޔަވަތި” އެތެރެއަށް ވަދެވަޑައިގެން ކުދީންނާއި ވާހަކަ ދައްކާ ހެދުމުން އެ ކުދިންނަށް ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށާ އަދި އެ ސަރަހައްދަށް އާންމުން ވެއްދުމަށްވެސް ޝުޖާއު އެހީތެރިވެދީފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމެޓީން އަންގާފައިވާ ކަމަށާ އަދި އެކަން ބެލުމަށް އެ އޮތޯރިޓީގައި އެދިފައިވާ ކަމަށެވެ.

އެހެން ކަމުން އެކަމާއި ގުޅިގެން ޝުޖާއުގެ ފަރާތުން ދައްކަވަން ބޭނުންވާ ވާހަކަތައް ހިމެނޭ ބަޔާނެއް އަންނަ އާދިއްތަ ދުވަހުގެ ކުރީން ފޮނުއްވުމަށް ވަނީ އެދިފައެވެ.

ނަމަވެސް ޝުޖާއު ވަނީ ބަޔާނަކުން އެކަން އެންގުމުގެ ބަދަލުގައި އެލްޖީއޭއަށް ހާޒިރުވެ ޖަވާބުދާރީވާން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. އަދި މަގާމުގެ ހައިސިއްޔަތުން ލާޒިމުކުރާ ކަންކަން ކުރުމުގައި ފަސްނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އަވަސްއަށް ދެއްވި އިންޓަވިއު އެއްގައި ޝުޖާއު ކުރީން ވިދާޅުވީ ހުކުރު ދުވަހު ފިޔަވަތީގައި ހިނގާދިޔަ ހާދިސާއާ ގުޅިގެން އެތަނަށް ވަޑައިގެންނެވީ ދާއިރާގެ ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކެއް ހުރުމުން އަދި ރައްޔިތުން އެކަމަށް އެދިވަޑައިގަތުމުން ކަމަށެވެ. ހިޔާގައި ތިބި އެތައް ކުދީންނެއް އެތަނުގެ ފުރާޅަށް އަރައި ހުތުރު ބަސްތަކުން ވާހަކަ ދައްކާ އަޑުގަދަ ކުރަމުން ދިޔައިރު ފިޔަވަތި ވަށައިގެން ހުރި އިމާރާތްތަކުގައި ތިބި އާއިލާތަކުން ތިބީ ބޮޑު ކަންބޮޑުވުމެއްގައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި އެފަދަ ސީރިއަސް ކަމެއް ހިނގައިގެންދިޔައިރުވެސް ދައުލަތުގެ ޕޮލިސީ ލެވެލްގެ އެއްވެސް ބޭފުޅަކަށް އެރޭ އެތަނަށް ވަޑައިނުގަންނަވައެވެ. އަދި ހިޔާގައި ހުޅުޖަހާ ހާލަތު ގޯސްވެފައި ވަނިކޮށް އެތަނުގެ ތެރެއަށް ވެންނެވީ އެކަމުގެ ހުއްދަ ލިބުމުން ކަމަށެވެ. ފަހުން ހުއްދަ ނުދެއްވުމުން ނުވެއްނެވުނު ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުއްލިއަކަށް މުޅި މައްސަލައިގެ ފޯކަސް އަނބުރާލާ އެހެން މައްސަލަތަކެއް އުފަން ކުރަނީ ހަގީގަތް ފޮރުވުމަށްޓަކައެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށްވެސް އެލްޖީއޭއަށް ހާޒިރުވާން ހުންނެވީ ތައްޔާރަށް ކަމަށެވެ.

“އަޅުގަނޑު މިހުރީ ތައްޔާރަށް އެއިން ކޮންމެ ތަނަކަށްވެސް ދާން. ބައިވަރު ވާހަކަ އެބަހުރި އަޅުގަނޑުވެސް ދައްކަން. ފިސާރި ރަނގަޅަށް އެ ވާހަކަތައް ދައްކާލަން ބޭނުން އަޅުގަނޑުވެސް. އަޅުގަނޑަށް ކުދީންގެ ވާހަކަތައް އަޑުއިވުނު. މުވައްޒިފުންގެ ވާހަކަތައް އަޑުއިވުނު. ދަންނަވަންތޯ. ހަގީގަތުގައި ވެގެން މި އުޅޭ ގޮތަކީ ވެރިންގެ ނާގާބިލުކަމުން ދިމާވެގެން އުޅޭ ކަންތައްތަކެއް. އެތާންގައި [ފިޔަވަތި] ކުދީން އެ ގެންގުޅެނީ އުސޫލާއި މުޅީން ހިލާފަށް. ވެރީން އެ ތިބެނީ އެ ކުދީންނަށް ހެއްދެވި ނުހެއްދެވިއަށް ގޮވަން. މި ހުރިހާ ވާހަކަތައް ވަރަށް ރަނގަޅަށް އަޅުގަނޑު މިހުރީ ކިޔަައިދޭން ތައްޔާރަށް،” ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ “ފިޔަވަތި” ގައި ތިބި ކުދީންގެ ކަންކަން ވަރަށް ސީރިއަސްކޮށް ބަލާކަން ދައްކަން މަޖިލީހުގެ ޖެންޑާ ކޮމެޓީން މަސައްކަތް ކުރާއިރު އެ ކޮމެޓީގެ މެންބަރުން ލަދު ގަންނަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. ހުކުރު ދުވަހު ހަވީރުން ފެށިގެން ރޭގަނޑު ދަންވަންދެން ފިޔަވަތީގެ ހާލަތު ގޯސްވިއިރު ކޮމެޓީގެ އެންމެ މެންބަރަކަށްވެސް އެތަނަށް ވަޑައިގަންނަވަން ކެރިވަޑައިނުގެންނެވި ކަަމަށް ވިދާޅުވިއެވެ.

“މިއީ މާފުށީގައި ހިނގި ކަމެއް ނޫން. ކަނޑު ހުރަސްކޮށްފައި ދިގު ދަތުރެއް ކޮށްފައިދާން ޖެހޭ ތަނެއްގައި ހިނގި ކަމެއް ނޫން. މިއީ ވެރިރަށުގެ އެއް އަވަށުގައި ހިނގި ކަމެއް. އެތައް ގަޑިއިރެއްވީއިރު އެންމެ ކުޑަ މިނުން މިތަނުގެ ހާލަތު ބަލާލަން އަންނާންވެސް ނުކުރެވުނު އެ ކޮމެޓީގެ މެންބަރުންނަށް. ދެން ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެ،”

ޝުޖާއު ވިދާޅުވީ އެލްޖީއޭއިން މައްސަލަ ބަލާ ސަސްޕެންޑް ކޮށްފާނެ ކަމަށް ބިރު ނުގަންނަ ކަމަށެވެ. އަދި މަޖިލީހަށް ހާޒިރުވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

“އަޅުގަނޑު ދާންޖެހޭ އިނގޭތޯ . އެއީ އަޅުގަނޑުގެ ދާއިރާގެ އެތައް ރައްޔިތުންނެއްގެ ހައްގުގައި އަޅުގަނޑު ކުރަން ޖެހޭނެ ކަމެއް،” ޝުޖާއު ވިދާޅުވިއެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!