ސުއޫދު މުހައްމަދުފުޅު

ސުއޫދު މުދައްރިސް ނިޔާވެއްޖެ

ވަރަށް ގިނަ ދަރިވަރުންނަށް ކިޔަވައިދެއްވާފައިވާ މުދައްރިސް ސުއޫދު މުހައްމަދުފުޅު މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

ސުއޫދުގެ ގާތް ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އޭނާ ނިޔާވީ ނިދާފައި އޮއްވައި ނޭވާލުމަށް އުނދަގޫވެގެން ހޮސްޕިޓަލަށް ގެންދެވުނު ފަހުން ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

ނިޔާވިއިރު އޭނާ ގެންދެވީ ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގައި ފުލް ޓައިމް އިސްލާމް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ. މީގެއިތުރުން އިސްލާމިކް ޔުނިވަސިޓީގައި ޕާޓް ޓައިމްކޮށްވެސް ކިޔަވައިދެއްވަމުން ގެންދެވި އެވެ.

އުމުރުން 52 އަހަރުގައި ސުއޫދު ނިޔާވިއިރު އޭނާ ސީއެޗްއެސްއީގައި މަސައްކަތް ކުރައްވާތާ 19 އަހަރުވެއްޖެ އެވެ. އެ ސްކޫލުގައި އިސްލާމް ޑިޕާޓްމަންޓުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ސުއޫދު މަސައްކަތް ކުރައްވާފައިވެ އެވެ. އަދި އަމީނިއްޔާ ސްކޫލާއި ކުރީގެ އެމްއީއެސް ސްކޫލުގައި ވެސް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުއޫދު ނިޔާވުމަކީ ތައުލީމީ ދާއިރާ އަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

ދަރިވަރުންގެ ލޯތްބާއި އިހްތިރާމު ހޯއްދަވާފައިވާ ސުއޫދު ނިޔާވުމާ ގުޅިގެން އޭނާގެ ދަރިވަރުންނާއި އެކުވެރިން ގެންދަނީ އާއިލާގެ ހިތާމައިގެ ބައިވެރިވެ ތައުޒިޔާ ކިޔަމުންނެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!