ހުޅުމާލެ ޖަލު. އަސްލަމް މަރުވި މައްސަލަ ބެލުމަށް އެމްނެސްޓީން ވަނީ ގޮވާލާފައި -- ފޮޓޯ: ކަރެކްޝަންސް

އަސްލަމް މަރުވި މައްސަލަ ބެލުމަށް އެމްނެސްޓީން ގޮވާލައިފި

ހުޅުމާލޭ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް މުހައްމަދު އަސްލަމް މަރުވި މައްސަލަ ދެފުށް ފެންނަ މިނިވަން ތަހުގީގަކުން ބެލުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދިޔަ ގދ. ވާދޫ / ޖަނަވަރީގެ މުހައްމަދު އަސްލަމް (40 އަހަރު) މަރުވީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަސްލަމް މަރުވި މައްސަލާގައި ހޮސްޕިޓަލުން ދީފައިވާ މަރު ސެޓްފިކެޓްގައި މަރުވި ސަބަބު ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި އަސްލަމް މަރުވުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިހްމާލެއް އޮތް ކަމަށް އެ އިދާރާއިން ނުދެކޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.

އެމްނެސްޓީން ބުނީ އަސްލަމް ޖަލަށް ވެއްޓި ހޮސްޕިޓަލަށް ގެންދިޔަ ކަން އަސްލަމްގެ އާއިލާ އަށް އެނގުނީ ވެސް މީހެއްގެ ފަރާތުން ކަމަށެވެ. އަދި އަސްލަމް މަރުވި ސަބަބު ނޭނގުމަކީ އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

އެމްނެސްޓީގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ޖަލު ތަކަކީ ލާއިންސާނީ އަނިޔާ ދިނުމާއި ގައިދީންނަށް ރަނގަޅު ފަރުވާގެ ހިދުމަތް ނުދެވޭ ތަންތަނުގެ ތާރީހެއް އޮތް ތަންތަން ކަމަށެވެ. އެހެންކަމުން ގައިދީންނާ ދެކޮޅަށް ހިންގާ އަނިޔާތައް ހުއްޓާލައި ގައިދީންނާ މެދު ރަނގަޅު އަމަލުކުރުމަށްވެސް ގޮވާލާފައިވެ އެވެ.

މިބަޔާނުގައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގައި ހައްޔަރު ކުރި އަހްމަދު ސިރާޖު ކިޔާ މީހަކަށް ފުލުހުން އަނިޔާކުރި ކަމަށްވެސް ބުނެފަ އެވެ. އެހެންވެ ސިރާޖަށް އަނިޔާކުރި މައްސަލަ ބެލުމަށްވެސް ގޮވާލާފައިވެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!