އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް އޮފީސް

އދގެ ސެކްރެޓަރީ ޖެނެރަލް ގުޓާރޭޒްއާ ރައީސް ސޯލިހް ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފި

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް ވެސް އިއްޔެ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފައެވެ. އދ. ގެ މައި އިދާރާގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ އާ ދައުރަކަށް އެންޓޯނިއޯ ގުޓާރޭޒް އިންތިހާބުވެ ވަޑައިގަތުމާ ގުޅިގެން މަރުހާބާ ވިދާޅުވެ، ދުނިޔޭގެ މަޝްރަޙު މިހާ ހަލަބޮލި ދުވަސްވަރެއްގައި އޭނާ ދައްކަވާ ލީޑަރޝިޕަށް ތައުރީފު ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. މީގެ އިތުރުން، ކޯވިޑް-19 ރެސްޕޮންސް އެންޑް ރިކަވަރީ ފަންޑު އުފައްދަވާފައިވާކަން ފާހަގަކުރައްވައި، އޭގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކަށް އަދި ވަކިން ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ އެހީތެރިކަން މި ފަންޑުގެ ސަބަބުން ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. ދުނިޔޭގެ ހުރިހާ ހިސާބަކަށް ހަމަހަމަކަމާއެކު ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ފަށާފައިވާ ކޯވެކްސް ޕްރޮގްރާމް ފަދަ މުހިންމު ކަންކަމަށް އެއްބާރުލުންދީ، ހުރިހާ ގައުމުތައް އެކުގައި މަސައްކަތްކޮށް، ކޮވިޑް-19 ގެ ބަލިމަޑުކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އަލިއަޅުއްވާލައްވައި، މިކަމުގެ ނުރައްކަލަށް އެންމެބޮޑަށް ހުށަހެޅިފައިވާ ކުދި ޖަޒީރާ ޤައުމުތަކަށް، މިކަމުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެހީތެރިކަމަށް ބޭނުންވެފައިވާކަން ވަރަށް ސާފުކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ މުޅިދުނިޔެއިން މިހާރު ކުރިމަތިލާން ޖެހިފައިވާ ކޯވިޑް-19ގެ ޕެންޑަމިކްގެ ތެރޭގައި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ލުއި ފަސޭހަގޮތްތަކެއް ހޯދައިދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި، ކޯވިޑް-19ގެ ސަބަބުން ދިމާވި ދަތިތަކުން އަރައިގަނެ ޤައުމު އަލުން އާރާސްތްކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތަށް އެމަނިކުފާނުގެ އެއްބާރުލުން ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!