އިންޓަޕޯލް އަދި މީރާ އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕޮލިސް

ގުޅުންހުރި ދާއިރާތަކުގެ ޑޭޓާބޭސްއަށް މީރާއަށް ވަދެވޭ ގޮތް ހަދަނީ

އިންޓަޕޯލް ސެކިއޯ އިންފޮމޭޝަން ނެޓްވޯކްގެ އެކްސެސް ދިނުމުގެ އެއްބަސްވުމުގައި އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެންސީ.ބީ) މާލެ އާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެޑް އޮފް އެންސީބީ، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ، މި އެމްއޯޔޫއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ އެމްއޯޔޫއެއް ކަމަށާއި ހާއްސަކޮށް އިންޓަޕޯލްގެ ޑޭޓާ ބޭސްތައް އަދި ޓޫލްތަކުގެ ތެރެއިން މީރާއާ ގުޅުން ހުރި ދާއިރާތަކުގެ ޑޭޓާ ބޭސްތަކަށް އެކްސެސް ވެވޭނެ މަގު ފަހިވެގެން ދާނެ ކަމަށެވެ. އެގޮތުން މީރާގެ އޮޕަރޭޝަންސްގެ މަސައްކަތްތަކާއި ތަންފީޒީ މަސައްކަތްތަކަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ. ހަމައެއާއެކު ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަން ފާހަގަ ކުރައްވައި، ތަންފީޒީ އިދާރާތައް، ހާއްސަކޮށް ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ގިނަ އިދާރާތަކާ އެކު އިންޓަޕޯލް ޑޭޓާ ބޭސްގެ އެކްސަސް ދީފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ. އެންސީބީ މާލެ އާއި މީރާއާ ދެމެދު ސޮއިކުރި މި އެއްބަސްވުމުގެ ތެރެއިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ މަސައްކަތްތަކާ ގުޅުންހުރި ދާއިރާއިން، އިންޓަރޕޯލްގެ އެކިއެކި ކްރިމިނަލް އިންފޮމޭޝަން ޑޭޓާ ބޭސްތަކާއި ލޯއެންފޯސްމަންޓް ކޭޕެބިލިޓީސް އަދި ޓޫލްސްގެ ބޭނުން ކުރެވޭނެ ގޮތް މަގުފަހި ވެގެންދާނެއެވެ. އަދި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ލިބުމަށް އިންޓަޕޯލްގެ އެހީތެރިކަން ލިބިގެންދާނެއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!