ރައީސް ޔާމީން ސުޕްރީމް ކޯޓުގައި ވާހަކަދައްކަވަނީ

ޔާމީންގެ އިސްތިއުނާފު: ދެން އޮތީ ދައުލަތުގެ ރައްދު

ސުޕްރީމް ކޯޓުގައި މިހާރު ފަށައިފައިވާ ކުރީގެ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގައި އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅާފައިވާ 22 އިސްތިއުނާފީ ނުކުތާ ތަފްސީލުކޮށް ހުށަހަޅައި ނިންމާލައިފި އެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށް ދަނީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލައިގެ އިސްތިއުނާފީ މައްސަލަ އެވެ.

މި މައްސަލައިގެ އަޑުއެހުންތައް ފަށައިފައި ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް ހުށަހަޅާ ނިންމާލައިފައި ވަނީ ދިގު ފަސް އަޑުއެހުމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ފަސް ގަޑިއިރާ 30 މިނެޓު އަދި ދެން ހުރި އަޑުއެހުންތައް ބާއްވާފައި ވަނީ ދުވާލަކު ތިން ގަޑިއިރަށެވެ.

މި މައްސަލައިގައި ދެން އޮންނާނީ ދައުލަތުގެ ފަރާތުން ޖަވާބުދާރީ ވުމެވެ.

ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދައްކާފައި ވަނީ މަނީލޯންޑަރިންގެ ކުށް ދައުލަތުން މާނަކޮށްފައި ވަނީ ގޯސްކޮށް ކަމަށް ހުށަހެޅި ނުކުތާ އާއި ޔާމީންގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ޝައްކެތް ނެތް މިންވަރަށް ސާބިތު ނުވާ ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއަށެވެ.

އެސްއޯއެފުން ފޮނުވާ ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަން އެނގިވަޑައިނުގަންނަވާ ކަމަށް ޔާމީންގެ ފަރާތްޕުޅުން ވަނީ ބުނެ އެވެ. ސަބަބެއް ކަމަށް ފާހަގކުރައްވާފައި ވަނީ އެކުންފުންޏަކީ ސައްހަ ވިޔަފާރީގެ މުއާމަލާތްތައް ކުރާ ކުންފުންޏަށް ވާތީ އާއި އަދި އެކުންފުނީގެ ފައިސާއަކީ ވެސް ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ކަމާ ގުޅުންހުރި އިދާރާއަކުން ކަނޑައަޅައިފައި ނުވާތީ ކަމަށެވެ.

އެ މަނިކުފާނަށް ކުރި ހުކުމުގައި ޑޮލަރުން ޖޫރިމަނާ ކޮށްފައި ވުމުން އެކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. ޔާމީންގެ ވަކީލުން ފާހަގަކުރެއްވި ގޮތުގައި ޖޫރިމަނާގެ ފައިސާ ކަނޑައަޅަން ޖެހޭނީ ރުފިޔާއިންނެވެ. ކޯޓުން އަމަލުކުރާ އާންމު އުސޫލަކީ ވެސް އެއީ ކަމަށް ފާހަގަކުރެއްވި އެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ގިނަ ނުކުތާތައް ބިނާކޮށްފައި ވަނީ ހައިކޯޓުން މި މަައްސަލަ ބެއްލެވުމުގައި ހަދާފައިވާ ގޯސްތަކަށް ރިއާޔަތްކޮށްފަ އެވެ. ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން މި މައްސަލައިގެ އަޑުއެހުންތައް ފެށުމުގެ ކުރިން ވަނީ ދެ ހުށަހެޅުމެއް ވެސް ހުށަހަޅާފަ އެވެ. އެއީ ކަފާލާތުގެ ދަށުން ދޫކޮށްލުމާއި ހުކުމް ތަންފީޒުކުުރުން ފަސް ކޮށްދިނުމެވެ. މި ހުށަހެޅުންތަކާއި މެދު ވާހަކަ ދައްކާނީ ދައުލަތުން ޖަވާބުދާރީވުމަށްފަހުގައި ކަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ދެން އަޑުއެހުމެއް ދެން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!