މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު

މުއިއްޒަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފިި

ދޮގު ބަޔާން ދިން މައްސަލައިގައި މާލޭސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި މިއަދަށް ތާވަލުކުރި އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފިއެވެ. އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކުރީ މިއަދު 11:30 އަށެވެ. ކްރިމިނަލް ކޯޓުން ބުނީ އެއަޑުއެހުން ކެންސަލް ކުރީ ޑރ. މުއިއްޒުގެ ވަކީލުންގެ ޓީމުގައި ތިއްބަވާ ބައެއް ވަކީލުން ރައީސް އަބްދުﷲ ޔާމީންގެ މައްސަލާގައި ވެސް ވަކާލާތު ކުރައްވާތީ ކަމަށެވެ. މިދިޔަ މަހުގެ 3 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި މުއިއްޒަށް ހުރިހާ ލިޔުންތަކެއް ހަމައަށް ލިބިވަޑައިގެންފައިވޭތޯ ގާޒީ ސަފްއަތު ހަބީބު ސުވާލު ކުރެއްވުމުން މުއިއްޒު ވިދާޅުވީ އެކަމަށް ޖަވާބެއް ދެއްވޭނީ ވަކީލެއް އައްޔަން ކުރުމަށް ފަހު ކަމަށެވެ. ވަކީލަކު ހަމަޖައްސަން ގާނޫނުން ތަންދޭ އެންމެ ދިގު މުއްދަތެއް ދިނުމަށް މުއިއްޒު އެދިވަޑައިގަތެވެ. ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްގެ ކަންކަމާ ގުޅޭ ގޮތުން ދޮގު ބަޔާން ދެއްވާފައިވާތީ މުއިއްޒުގެ މައްޗަށް ގާނޫނު ނަންބަރު 2014/09 ގެ 520 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ބ) ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. ދެ ކަމެއްގައި މުއިއްޒު ދޮގު ބަޔާން ދިން ކަމަށް ޕީޖީން ފާހަގަކުރެއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކުންފުނީގެ ހެކިވެރިއަކަށްވެ ހުރެ ހައުސިންގް ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާ އެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރުގައި ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި 2013 ވަނަ އަހަރު ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަ ކަަމަށް ވިދާޅުވެ މުއިއްޒު ދެއްވާފައިވާ ދޮގު ބަޔާނުގެ މައްސަލައަކީ އެއް ކަމެއް ކަމަށް ޕީޖީން ފާހަގަ ކުރެއެވެ. މީގެ އިތުރުން ނޫމަޑިއަށް ލަގްޒަރީ ވިލާއެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ވިދާޅުވެ މުއިއްޒު ދެއްވާ ފައިވަނީ ދޮގު ބާޔަން ކަމަށް ޕީޖީން ބުނެއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ފުލުހަށް ހާޒިރުކޮށް މުއިއްޒުގެ މައްޗަށް ވަނީ ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތާއި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ތުހުމަތާއި ދައުލަތުގެ މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތުހުމަތު ކޮށްފައެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ކޯޓަށް ހުށަހެޅި މި މައްސަލައިގެ އަޑުއެހުންތައް ލަސްވެފައި ވަނީ، މައްސަލައާ ހަވާލުވި ފުރަތަމަ ގާޒީ އެހެން ކޯޓަކަށް ބަދަލުވުމުންނާއި ދެން ހަވާލު ކުރި ގާޒީ އަމިއްލައަށް ތަނާޒުލްވުމުންނެވެ. ސަފްއަތަކީ މި މައްސަލަ ހަވާލު ކުރި ތިން ވަނަ ގާޒީއެވެ. އާބިޓްރޭޝަނަށް މުއިއްޒު ބަޔާން ދެއްވި މައްސަލާގައި މީގެ ކުރިން އޭނާ ރައްޔިތުންގެ މަޖިލީހަށް ވެސް ހާޒިރުކޮށް ސުވާލުކުރި އެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!