މުހައްމަދު އަމީން

އަމީން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކޮށްފި

އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް މީހާ ކަމަށް ފުލުހުން ތުހުމަތުކުރާ މުހައްމަދު އަމީން މިނިވަންކުރުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

ހައިކޯޓުން މި މަހުގެ 16 ވަނަ އަމީން ދޫކޮށްލުމަށް އަމުރުކުރީ ދައުވާކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާކޮށްފައި ނުވާތީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާތިލް ވެސް ކުރުމަށްފަހު އެވެ.

ހައިކޯޓުން ޓެރަރިޒަމްގެ ގާނޫނު މާނަކުރީ އެ ގާނޫނުގެ ބާރު ކެނޑޭ ގޮތަށް ކަމަށް ވިދާޅުވެ މައްސަލަ އިސްތިއުނާފް ކުރައްވާނެ ކަމަށް ޕީޖީ ހުސައިން ޝަމީމް ވަނީ ކުރިން ވިދާޅުވެފަ އެވެ. އަމީންގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ މިއަދުގެ ވަގުތެއްގަ އެވެ.

އަމީން ދޫކޮށްލުމަށް ހައިކޯޓުން މިމަހުގެ 16 ވަނަ ދުވަހު ހުކުމް ކުރި ނަމަވެސް ހައިކޯޓުން ރޭގެ ވަގުތެއްގައި ވަނީ އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި ވަނީ އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް އަމީން ބޭރަށް ނުކުތުން މަނާކޮށްފަ އެވެ. އަދި މާލެއިން ބޭރަށް ދެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެން ކަމަށްވެސް ކަނޑައަޅާފައިވެ އެވެ.

ފުވައްމުލަކަށް ނިސްބަތްވާ އަމީނަށް އުފުލާފައިވާ ދައުވާތަކަކީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ. ދައުލަތުގެ ދައުވާތަކާއި އަމީނަށް ކުރާ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.

ހައި ކޯޓުން އަމީން ދޫކޮށްލުމަށް ނިންމީ ދަށު ކޯޓު މަރުހަލާގައި ޝަރީއަތް ފެށުމުގެ ކުރިން އަމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކެއް ބަލައިނުގަތުމުން އެ ނިންމުން ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވެސް އެންމެ ފުރަތަމަ އެކަން ބަލައިނުގަނެ ބޭރުކޮށްލުމުން ސުޕްރީމް ކޯޓަށް ހުށަހަޅައި ސުޕްރީމް ކޯޓުން ކުރި އަމުރަކަށްފަހު ހައިކޯޓުން އަލުން އެ މައްސަލަ ބެލުމަށް ފަހުގަ އެވެ.

ބަންދުގައި ހުންނަތާ ދޮޅު އަހަރު ފަހުން އަމީން މިނިވަންވެގެން ދިޔައިރު އަމީނަކީ އައިއެސް ޖަމާއަތާ ގުޅިގެން އަފްޣާނިސްތާނުގެ ޚުރާސާނަށް ދިވެހިން ފޮނުވި މީހެއް ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.

އަމީނަށް ކުރާ ދައުވާތަކާއި ގުޅިގެން ދައުލަތުން ވަނީ އިންޓެލިޖެންސް ރިޕޯޓުތަކާއި އޭނާ ގެންގުޅުނު އިލެކްޓްރޯނިކް ޑިވައިޒް ތަކުގެ ފޮރެންސިކް ރިޕޯޓަކާއި އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުގެ ސިއްރު ލިޔުންތަކަކާއި އަމީނަކީ ކާކުކަން ބަޔާންކޮށް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ތައްޔާރުކޮށްފައިވާ ބްރީފިންއެއް ކޯޓަށް ހުށަހަޅާފަ އެވެ.

ސަލްޓަން ޕާކުގައި 2007 ވަނަ އަހަރު ބޮން ގޮއްވި މައްސަލާގައި އަމީން ބައިވެރިވި ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ދުވަސްވަރު އަމީން ވަނީ ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފަ އެވެ. އިންޓަޕޯލާއި ލަންކާ ފުލުހުންނާ ގުޅިގެން އަމީން ލަންކާ އިން ހައްޔަރުކޮށްގެން ރާއްޖެ ގެނެސް ދެމަަސް ވަންދެން ޖަލުގައި ބެހެއްޓުމަށްފަހު އޭނާ ދޫކޮށްލީ 2012 ވަނަ އަހަރު އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!