އާންމު މަޖިލީހުގެ މި ދައުރުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު --

އިންސާނިއްޔަތުކަން ދެމެހެއްޓޭނީ އަންހެނުންނަށް އިހުތިރާމުކޮށްގެން

އިންސާނިއްޔަތުކަން ދެމެހެއްޓޭނީ އަންހެނުންނަށް އިހުތިރާމުކޮށްގެން ކަމަށް އާންމު މަޖިލީހުގެ މި ދައުރުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަރަބި ނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.

ޖިންސުގެ ހަމަހަމަކަން ނެތް ޕެނަލްއެއްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ޝާހިދު ވިދާޅުވެފައިވާ ވިދާޅުވުން އިތުރަށް ތަފްސީލު ކޮށްދެއްވަމުން ވިދާޅުވީ އަންހެނުންނަށް ދޭންޖެހޭ އިހުތިރާމު ދޭން ޖެހޭ ކަމަށެވެ. ޝާހިދު ވަނީ އަންހެނުންނަށް އިހުތިރާމް ދޭން ޖެހޭ ސަބަބުތަކާއި ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވާފައެވެ. އަދި އަންހެނުންނަށް ކަންކަން ނުކުރެވޭނެ ކަމަށް ބައެއް މީހުން ދެކޭ ދެކުން ބަދަލު ކުރަން ޖެހޭ ސަބަބުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

“އަންހެނުން އަދާކުރާ ދައުރާމެދު މީހަކު ޝައްކު ކުރާނަމަ ކުރާނީ ފިރިހެނުން. އަޅުގަނޑު އެފަދަ މީހަކު ކައިރީ ބުނާނީ އިށީނުމަށްފަހު ވިސްނާލާށޭ. އަޅުގަނޑު އަހާނީ ކަލޭ އައީ ކޮންތަނަކުންހޭ. ކާކު ހެއްޔޭ ނުވަ މަސް ވަންދެން ކަލޭ ބަނޑުގަ ބޭއްވީ، އެއީ މަންމަ. ވަރަށް ސިމްޕަލް. މަންމައަށް އިހުތިރާމުކުރަން ޖެހޭނެ. މަންމައަށް ދޭންޖެހޭ އިހުތިރާމް ދޭށޭ،” ޝާހިދު ވިދާޅުވިއެވެ. “ދެން އަންހެން ކުއްޖަކު ލިބުނީމަ އޭނައަށް ބަލާލަބަލަ. އަންހެން ދަރިފުޅު ކަމެއް ތަހައްމަލް ކުރަމުންދާ މަންޒަރު ބަލަން ހުރެވޭނެތަ؟ އަންހެން ދަރިފުޅަށް ވެސް ރެސްޕެކްޓް [އިހުތިރާމް] ދޭން ޖެހޭނެ. އެއީ ވަރަށް ޕާސަނަލް ކަމެއް. އެއްވެސް މީހަކަށް އަމިއްލަ މަންމަ ނުވަތަ އަންހެން ދަރިފުޅު އެހެން ކަމެއް ސަފާ [ތަހައްމަލް] ކުރަމުންދާ މަންޒަރު ބަލާކަށް ނުހުރެވޭނެ. ދެން އެހެން މީހުންގެ މަންމައިންނާ އަންހެން ދަރިން ސަފާ ކުރަންވީ؟،”

ޝާހިދު މި އިންޓަވިއުގައިވެސް ވިދާޅުވީ އަންހެނުން ބާކީ ކޮށްގެން ކުރިއަށް ދެވެން ނޯންނާނެ ކަމަށެވެ. މުޖްތަމައުގެ ކަންކަމުގައި އަންހެން ބައިވެރި ކުުރުވުމުގެ ފައިދާ ވަރަށް ބޮޑު ކަމަށާ ނަމަވެސް އަންހެނުންނަށް ހައްގު މަގާމު ނުދީ އެ ފައިދާ ލިބޭނެ ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

“މި ދުނިޔޭގައި އަންހެނުންނާ ފިރިހެނުން އުޅޭ، ގައުމެއްގެ ދެބައިކުޅަ އެއްބައި އާބާދީގައި ތަޅުއެޅުވުމަށްފަހު އެމީހުންގެ ފަރާތުން ބެނެފިޓެއް [މަންފާއެއް] ބޭނުންވާނަމަ އެ މަންފާއެއް ނުލިބޭނެ. އާބާދީގެ 50 ޕަސެންޓް އެ އުނިވީ. އިގްތިސޯދީ ދާއިރާއަށް މީގެ އަސަރުކުރާނެބާ؟ ސޯޝަލް ލެވެލްގައި މިއަށް އަސަރުކުރާނެބާ؟ އިންސާނިއްޔަތަށް އަސަރުކުރާނެބާ؟ ބުއްދި ހުރި ކޮންމެ މީހަކުވެސް ބުނާނީ އިންސާނިއްޔާތުކަން ދެމެހެއްޓޭނީ އަންހެނުންނަށް ރެސްޕެކްޓްކޮށްގެންނޭ،” ޝާހިދު ވިދާޅުވިއެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!