ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް

ދައްޕަރުގެ މައްސަލަ ހޫނުވެ މެންބަރު އިބްރާހީމް ޝަރީފް ފިއްލަދޫ އިން ބާލައިފި

ކެލާ ދާއިރާގައި ހިމެނޭ ފިއްލަދޫ އަށް އެ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފް ވަޑައިގަތުމުން ރައްޔިތުންގެ ބަޔަކު އޭނާއާ ދެކޮޅަށް އިހްތިޖާޖުކޮށް އިސްތިއުފާ ގޮވާލުމުން ރަށުން ފާބައިވަޑައިގެންފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ފިއްލަދޫ ކައުންސިލް އިދާރާގެ މުވައްޒަފަކު ވިދާޅުވީ ވަރަށް ގިނަ ދުވަސް ތަކަކަށްފަހު އެ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ފިއްލަދޫ އަށް ވަޑައިގެންނެވީ މިއަދު ކަމަށެވެ. މެންބަރާ ދެކޮޅަށް ރައްޔިތުންގެ ތެރެއިން ބަޔަކު އިހްތިޖާޖުކޮށް އިސްތިއުފާ އަށް ގޮވުމުން އެމްޑީޕީގެ މަދު ބަޔަަކާ ބައްދަލުކުރެއްވުމަށްފަހު މެންބަރު ރަށުން ފައިބައިވަޑައިގެންނެވީ ކަމަށްވެސް ވިދާޅުވި އެވެ.

“ހަގީގަތުގައި ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި އެމްޕީ ވަޑައިގަތީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށް ކޮންމެވެސް ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް. ދެން އަނެއްކާ ދައްޕަރު މައްސަލަ ވެސް މިއޮތީ ފެންމަތިވެފައި. އެމްޕީ ކެމްޕޭންގައި ވައުދުވި ކޮންމެ ތިން މަހަކުން އެއް ފަހަރު މިރަށަށް އަންނަން. އެގޮތަށް ނާދޭ މިރަށަކަށް. މި ހުރިހާ ސަބަބަކާ ހެދި ރައްޔިތުންގެ ތެރެއިން ބަޔަކު ހިތްހަމަ ނުޖެހުނީ،” އޭނާ ވިދާޅުވި އެވެ.

އިބްރާހީމް ޝަރީފް ފިއްލަދޫގެ ގެއެއްގެ ދޮރުމަތީގައި މަޑުކޮށްލައިގެން ހުންނަވާއިރު އެރަށުގެ ބަޔަކު އޭނާއާ ދެކޮޅަށް އަޑުއުފުލާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯ އެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

ފިއްލަދޫއާ ގުޅިފައިވާ ދައްޕަރު އެރަށުގެ އިހްތިސާސުން ވަކިކުރުމާ ގުޅިގެން ރުޅި އައިސްފައިވާ ރައްޔިތުން ވަނީ ރުޅިވެރި ބަސްތަކުން ޝަރީފަށް އެއްޗެތި ގޮވާފަ އެވެ. ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކިކޮށްލުމުގައި ޝަރީފްގެ ބައިވެރިވުން އޮތް ކަމަށްވެސް ފިއްލަދޫގެ ބައެއް ރައްޔިތުން ތުހުމަތުކުރެ އެވެ.

“[މެންބަރު ކެލާ ޝަރީފަކީ] ރައްޔިތުންނަށް އޮޅުވާލާ މީހެއް. މަކަރު ހަދާ މީހެއް. ދޮގު ހަދާ މީހެއް. އިސްތިއުފާދީ. އިސްތިއުފާ ނުދީފިނަމަ އޮންނަ އުސޫލު މަތިން ކޯޓަށްވެސް ދާނަން،” އިހްތިޖާޖުގެ ބައިވެރިޔަކު ގޮވަމުން ދިޔަ އެވެ.

މެންބަރު އިބްރާހީމް ޝަރީފަކީ ކެލާ އަށް ނިސްބަތްވާ ބޭފުޅެކެވެ. ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކިކުރިއިރު ޝަރީފް ނިސްބަތްވާ ކެލާއާ ގުޅިފައި އޮންނަ ތުނޑި ކެލާގެ އިހްތިސާސުން ވަކިކޮށްފައި ނުވާތީ ހަމަހަމަކަން ގާއިމުކޮށްދިނުމަށް ވެސް އެއްވެފައި ތިބި މީހުން ގޮވާލާފައިވެ އެވެ.

މެންބަރު އިބްރާހީމް ޝަރީފާ ދެކޮޅަށް ފިއްލަދޫގައި މިއަދު ކުރިއަށް ގެންދިޔަ އިހްތިޖާޖުގައި ހުރިހާ ޕާޓީއެއްގެ މީހުން ވެސް ބައިވެރިވެފައިވެ އެވެ. ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ހިންގާފައެއް ނުވެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްތަކުގެ އިހްތިސާސް ކަނޑައެޅުއްވިއިރު ދައްޕަރު ފުރަތަމަ އޮތީ ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި ހިމަނާފަ އެވެ. އެކަމަކު ފަހުން އެ ނިންމުން ބައްދަލުކުރައްވަ ދައްޕަރު މިހާރު ވަނީ އެ ރަށުގެ އިހްތިސާސުން ވަކިކޮށްފަ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!