ޖާބިރު، ޝިފާގެ ކެމްޕޭން ހަރަކާތުގައި

ޖާބިރު ވަޑައިގަތީ ކެމްޕޭނަށް ހުރަސް އަޅުއްވަން: ޝިފާ

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މާލެ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ކެމްޕޭނު ހަރަކާތެއް ކުރިއަށް ދަނިކޮށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެތަނަށް ވަޑައިގަތީ ދައުވަތު ދީގެން ނޫން ކަމަށާއި އެއީ ހުރަސް އެޅުއްވުމުގެ ގޮތުން ކުރެއްވި ކަމަށް ކަމަށް ޝިފާ ވިދާޅުވެއްޖެ އެވެ.

ޖާބިރު ވަޑައިގެންފައިވަނީ އެމްޑީޕީ ހަރުގޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ކެމްޕޭނު ހަރަކާތަކަށެވެ.

ޝިފާގެ ކެމްޕޭނު އޮފީހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި އިވެންޓް ފެށުނުތާ މާ ގިނައިރުތަކެއް ނުވަނީސް ޖާބިރު އެތަނަށް ވަޑައިގެން އަޑުގަދަ ކުރައްވާ ތަނުގެ މަސްލަހަތު ނަގައިލަން އުޅުއްވި ކަމަށެވެ. އެހެންވެ ވަގުތުން ފުލުހުންނަށް އެ މައްސަލަ ރިޕޯޓު ކުރި ކަމަށެވެ.

މިއީ ޝިފާގެ ކެމްޕޭނަށް ހުރަސް އެޅުމަށް ހިންގި ބޮޑު ޖަރީމާއެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

“އަޅުގަނޑުގެ ކެމްޕޭނު ހަރަކާތްތަކަށް މިފަދަ ގޮތްގޮތަށް ހުރަސްއަޅާ ފުރައްސާރަ ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑަށް ލިބިފައިވާ ސިޔާސީ ހައްގުތައް ނިގުޅައިގަނެ، ސިޔާސީ މައިދާނުގައި އަންހެނުންނަށް ހުރި ފުރުސަތުތައް އިތުރަށް ހަނިކުރުމަށް ހިންގި އަމަލެކެވެ.” ޝިފާގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސިޔާސީ މަގާމުތަކަށް ވާދަކުރާ މީހުންނަށް ފުލުހުން ރައްކާތެރިކަން ދޭން ޖެހޭނެ ކަމަށެވެ. އަދި ޖާބިރު ހިންގި ފަދަ އަމަލުތައް ހިންގުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްވެސް ގޮވާލާފައިވެ އެވެ.

ޝިފާގެ ކެމްޕޭނު އޮފީހުން ބަޔާނެއް ނެރެފައި މިވަނީ ކަން ހިނގިތާ 24 ގަޑިއިރަށް ވުރެ ގިނައިރުވީ ފަހުންނެވެ. އޭރު މި އިވެންޓްގެ ވީޑިއޯތައް ވަނީ އާންމުވެފަ އެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި ޝިފާ ވާހަކަ ދައްކަމުން ދިޔަ ވަރަކަށް ޖާބިރު ވެސް ދިޔައީ ޝިފާއަށް ވޯޓު ދެއްވުމަށް ގޮވައިލައްވަމުންނެވެ. ޝިފާ މިހާރުވެސް ހުންނެވީ ހޮވިފައި ކަމަށާއި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވުމަށް ވެސް ގޮވައިލެއްވި އެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި ޖާބިރު އަޑުގަދަ ކުރައްވާ ހަޅޭއްލެވިއިރު އެކަން ހުއްޓުވަން އެއްވެސް މީހަކު މަސައްކަތް ކުރާ ތަނެއް ނުފެނެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!