އިޓަލީގައި މަރުވެފައި ހުއްޓާ ފެނުނު ހދ. ނޮޅިވަރަންފަރު އިމާދު މަހުމޫދު 44އ

އިޓަލީގައި މަރާލި ދިވެހި މީހާގެ މަރު: ސިއްރަކީ ކޮބާ؟

ރާއްޖެއިން ބޭރުގައި ގިނަ އަދަދެއްގެ ދިވެހިން އުޅުނަސް އޭގެ ތެރެއިން ޔޫރަޕް ގައި އުޅެނީ މަދުބައެކެވެ. މި މަހުގެ 17 ވަނަ ދުވަހު އިޓަލީގައި މަރުވި އިމާދު މަހުމޫދަކީ އޭގެ ތެރެއިން އެކަކެވެ. ހދ. މާވައިދުއަށް އުފަން އަދި މިހާރު އެ އަތޮޅު ނޮޅިވަރަންފަރަށް ދިރިއުޅުން ބަދަލުކޮށްފައި ވާ އިމާދު މަހުމޫދު (44އ)ގެ މަރުގެ ހަބަރާ އެކު ހަގީގަތް ބަލަން ކެތްމަދުވެފައި އެތަށް ބަޔަކު ތިބޭނެ ކަން ޔަގީނެވެ. އިމާދު މަރުވީތޯ ނޫނީ މަރާލީތޯ އަދި އޭނާގެ މަރުގެ ފަހަތުގައި ވަނީ ކޮންކަމެއްތޯ؟ މި ސުވާލުތަކަކީ އެ ހަބަރުގެ އަޑު އިވޭ ކޮންމެެ މީހެއްގެ ވެސް ހިތުގައި އުފެދޭނެ ސުވާލުތަކެއް ކަން ހަމަ ގައިމެވެ. “ދަ ޕްރެސް” އަށް އިމާދު މަރުގެ މައުލޫމާތު ހިއްސާކުރަމުން އޭނާގެ އެއްބަނޑުއެއްބަފާ ބޭބެ، އަހުމަދު ހަނީފު ބުނީ އިމާދު އިޓަލީގައި ދިރިއުޅޭ ގޭގައި އޭނާ ދަންޖެހިފައި ހުއްޓާ މިދިޔަ ހުކުރު ދުވަހު އެ ގައުމުގެ ގަޑިން މެންދުރު 12 ޖަހާ ހާއިރު ފެނިފާ ވަނީ އިމާދުގެ އަންހެނުންގެ މަންމައަށް ކަމަށެވެ. ފެނުނުއިރު އިމާދު ހުރީ އެ ގޭގެ ގޯތިތެރޭގައި ގަސް ހެއްދުމަށް ޖަހާފައި ހުރި އެއްޗެއްގައި ދަންޖެހިފައި ކަމަށް އޭނާގެ އަންހެނުންގެ މަންމައާ ހަވާލާދީ ހަނީފް ބުންޏެވެ. ހަނީފް އިތުރަށް ބުނީ މި ހާދިސާ ހިނގިއިރު އިމާދުގެ އަންހެނުނާއި އަންހެނުންގެ ބައްޕަ ހުރީ ރާއްޖޭގައި ކަމަށެވެ. ޑައިވިން އިންސްޓްރަކްޓަރެއްގެ ގޮތުގައި ސަފާރީއެއްގައި މަސައްކަތްކުރަން އުޅުމުގެ ތެރޭގައި ދިމާވެ ލޯބީގެ ގޮތުން އިޓަލީގެ ރައްޔިތަކާ އިމާދު ގުޅުނެވެ. އެއަށް ފަހު މީގެ 10 އަހަރު ކުރިން ޒަވާޖީ ހަޔާތެއް ފަށާ، އިޓަލީ އަށް ދިރިއުޅުން ބަދަލުކުރިއެވެ. އެ ކައިވެންޏަށް މިހާތަނަށް ދަރިއަކު ލިބިފައި ނެތަސް އެ ދަމަފިރިން އުޅުނީ ލޯބިން ޒަވާޖީ ހަޔާތް އާރާސްތު ކުރުމުގައެވެ. ދިރިއުޅުމަށްޓަކައި ދެފަރިން އެކުގައި ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެ ދެމަފިރިންގެ 10 އަހަރުގެ ދިގު ގުޅުމުގައި ކޮންމެ އަހަރަކު ރާއްޖެ އައިސް ރާއްޖޭގައި ދުވަސްތަކެއް ހޭދަކުރެއެވެ. ރާއްޖޭގައި ރައްޓެހިންނާއެކު މަޖާކޮށް، މަސްވެރިކަމަށްވެސް ގޮސް އުޅެއެވެ. ބައެއް ފަހަރު އިމަދުގެ ދެމަފިރިން އެއްކޮށް ރާއްޖެ އައި ނަމަވެސް ދެމަފިރިން ވަކިން ރާއްޖެ އަންނަ ފަހަރުވެސް މަދެއް ނޫނެވެ. ގެސްޓް ހައުސް ވިޔަފާރިއެއް ފެށުމުގެ ގޮތުން އިމާދުގެ އާއިލައިން ނޮޅިވަރަންފަރުގައި އޮތީ މަސައްކަތް ފަށާ ނިމުމަކާ ގާތަށް ގެންގޮސްފައެވެ. އިމާދުގެ ބޭބެ ހަނީފް ބުނީ ގެސްޓްހައުސްގެ ފިނިޝިންގެ މަސައްކަތް ކުރިއަށް ދާތީ ކޮއްކޮގެ އަންހެނުންގެ ބައްޕައާއި ކޮއްކޮގެ އަންހެނުން (އިމާދުގެ އަންހެނުން) ނޮޅިވަރަންފަރަށް އައިސް އުޅޭތާ ކުޑަ ދުވަސްކޮޅެއްވެއްޖެ ކަމަށެވެ. އަދި އެ ގެސްޓު ހައުސްއަށް ބޭނުންވާ ތަކެތީގެ 40 ފޫޓުގެ ކޮންޓެއިނަރެއް ރާއްޖެ ފޮނުވުމަށް ފަހު ފުރަތަމަ އައީ އިމާދުގެ އަންހެނުންގެ ބައްޕަ ކަމަށާއި އޭނާގެ އަންހެނުން ރާއްޖެ އައީ މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ކަމަށް ހަނީފް ވަނީ ބުނެފައެވެ. ހަނީފު އިތުރަށް ބުނީ އެ މަސައްކަތަށް އިމާދު ވެސް މި މަހުގެ 20 ހިސާބުގައި ރާއްޖެ އަންނަން އޮތީ ޓިކެޓްވެސް ނަގާފައި ކަމަށެވެ. އިމާދަކީ ކަސްރަތުކޮށް، ޖިމަށް ގޮސް ވަރަށް “އެކްޓިވް” ކޮށް އުޅޭ މީހެއްގެ ގޮތުގައި އާއިލާއިން ސިފަކުރާއިރު، އޭނާގެ ބޭބެ ހަނީފް ބުނާ ގޮތުގައި އިމާދު އަކީ ހުސްވަގުތުތަކުގައި ވެސް ގޭތެރޭގެ ކޮންމެވެސް މަސައްކަތެއްގައި އުޅޭ މީހެކެވެ. މިދިޔަ ބުރާސްފަތި ދުވަހާއި އަދި ބުރާސްފަތި ދުވަހުގެ ރޭ އިމާދު ވަނީ އޭނާގެ އަންހެނުންގެ މަންމައާ އެކު ވަގުތުތަކެއް ހޭދަކޮށްފައެވެ. އެ ގޮތުން އިމާދުގެ އަންހެނުން ފޮނުވި، ގެސްޓްހައުސަށް ބޭނުންވާ ތަކެތީގެ ލިސްޓަށް ވިޔަފާރި ކުރަން އޭނާ ދިޔައީ އަންހެނުންގެ މަންމައާ އެކުއެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ އަންހެނުންގެ މަންމައާ އެކު އިމާދު ވަނީ ބާބަކިއު އެއްވެސް ހަދާފައެވެ. މިކަން ކަމުގެ ފޮޓޯ އިމާދު، އާއިލާއާ ހިއްސާކޮށްފައިވާ ކަމަށް އޭނާގެ ބޭބެ ހަނީފް ބުނެއެވެ. އިމާދުމެން ދެމަފިރިން އިޓަލީގައި އުޅެމުން ދިޔައީ މިލާނުގައި ވަކިންނެވެ. އިމާދުގެ އަންހެނުން ނެތުމާ އެކު އަންހެނުންގެ މަންމަ އިމާދުމެން ގެއަށް ގޮސް ކައްކާދީ، ކަންތައްތައް ކޮށްދޭ ކަމަށް ހަނީފް ބުނެއެވެ. ހަނީފް ކިޔައިދިން ގޮތުގައި އާދައިގެމަތިން މިދިޔަ ހުކުރު ދުވަހުވެސް އިމާދުގެ އަންހެނުންގެ މަންމަ އެ ގެއަށް ދިޔައީ އިމާދުގެ ކަންތައްތައް ކޮށްދޭށެވެ. ބަގީޗާ ހެއްދުމަށް ޖަހާފައި ހުރި އެއްޗެއްގައި އިމާދު ދަންޖެހިފައި ހުރި އިރު އޭނާގެ ގައިން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް އިމާދުގެ އަންހެނުންގެ މަންމަ (މައިދައިތަ) އާ ހަވާލާދީ ހަނީފް ކިޔައިދިނެއެވެ. އެހެންނަމަވެސް އިމާދުގެ ފޯނު އޮތީ ހަލާކުކޮށްލާފައި ކަމަށް ހަނީފް ބުންޏެވެ. އެ ދުވަހު (ހުކުރު) އިމާދު މަރުވުމާ ހަމައަށް ކަންތައްތައް ހިނގާ ދިޔަގޮތް އަދި ސާފެއް ނުވެއެވެ. ބުރާސްފަތު ދުވަހުގެ ރޭގެ ބާބަކިއުއަށް ފަހު ދެން ކަން ހިނގާދިޔަގޮތްވެސް އަދި ސާފެއް ނުވެއެވެ. އިމާދުގެ ހަށިގަނޑު މިހާރު މޯޗަރީގައި އޮތް އިރު އިމާދުގެ އާއިލާއިން ވަނީ އެ މައްސަލަ ފޮރިން މިނިސްޓްރީއަށް ހުށަހަޅާފައެވެ. އަދި އެ މިނިސްޓްރީ މެދުވެރިކޮށް އިޓަލީގެ އިދާރާތަކުން ރަސްމީކޮށް މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވީހާ ވެސް އަވަހަކަށް ހަށިގަނޑު ގެނެވޭތޯ ބަލަމުން އަންނަކަމަށް ހަނީފު ބުނެއެވެ. ހަނީފު ބުނީ ފޮރިން މިނިސްޓްރީން ދޭ އެއްބާރުލުން އާއިލާއިން ފާހަގަ ކުރާ ކަމަށާއި އިއްޔެއަކީ ބަންދު ދުވަހެއް ނަމަވެސް މިނިސްޓްރީން މަސައްކަތް ކޮށްދޭކަމަށެވެ. އިމާދުގެ ރައްޓަހެހިންގެ ގޮތުގައި އިޓަލީގައި ދިރިއުޅޭ ބައެއް ދިވެހިންނާއި އިޓަލީގެ ރައްވެހިންވެސް ތިބެއެވެ. އަދި މީގެ ކުޑަދުވަސްކޮޅެއް ކުރިން އިމާދު އޭނާގެ ރަށްޓެއްސަކާ އެކު އެހެން ގައުމަކަށް ދިޔަ ކަމަށާއި އެނބުރި އިޓަލީއަށް އައީ މި މަހުގެ 8 ދުވަހު ކަަމަށް އޭނާގެ ބޭބެ ހަނީފް ކިޔައިދިނެވެ. ހަނީފް ބުނީ އިމާދުގެ މަރާ ގުޅިގެެން މިހާތަނަށް އަދި އެއްވެސް މީހަކަށް ޝައްކުކުރެވިފާ ނުވާކަމަށާއި ޝައްކު ކުރާނެ އެއްވެސް އިޝާރާތެއް ކުރިން ލިބިފައި ނެތް ކަމަށެވެ. ދުވަހަކުވެސް މީހަކާ، ނުވަތަ ބަޔަކާ މައްސަލައެއް ޖެހިފައިނުވާ ކަމަށާއި އަދި ބައެއްގެ ފަރާތުން އިންޒާރެއް ލިބުނު ވާހަކައެއް ވެސް އިމާދު ބުނެފައި ނުވާ ކަމަށް ހަނީފް ބުންޏެވެ. އިމާދުގެ މަރާ ގުޅިގެން އެެ ކަމުގެ މައުލޫމާތެއް ލިބިފައިވޭތޯ އާއިލާއިން އޭނާގެ ރައްޓެހިންނާ ވެސް ވަނީ ގުޅާފައެވެ. އެގޮތުން އިމާދުގެ ރައްޓެހި އިޓަލީގައި ދިރިއުޅޭ ދިވެއްސަކު ވަނީ އެފަދަ މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި އިޓަލީގައި ދިރިއުޅޭ ދިވެހިން ތިބޭ ވަޓްސްއަޕް ގްރޫޕެއްގައި ރަށަށް ދާން ރެޑީވާ ވާހަކަ ބުނެފައިވާ ކަމަށް ހަނީފް ބުނެއެވެ. އަދި މި ހާދިސާއިން ކޮއްކޮގެ އިޓަލީގެ ރައްޓެހިންނާއި އެހެން ރައްޓެހިންވެސް ތިބީ ޝޮކެއްގައި ކަމަށް ހަނީފް ވަނީ ބުނެފައެވެ. އިމާދާއި އޭނާގެ މަންމައާ ރަނގަޅު ގުޅުމެއް އޮންނަކަން ފާހަގަކުރަމުން ހަނީފް ބުނީ ކޮންމެ ދުވަހަކުވެސް ގުޅާ ކަމަށެވެ. އިމާދުގެ މަރުގެ ހަބަރާއެކު އާއިލާއާއި މަންމައަށް ނުތަނަވަސްކަން ލިބިފައި ވާއިރު، އޭނާގެ މަރާ ގުޅުވައި ބައެއް ނޫސްތަކުގައި އޭނާ މަރާލާފައި ވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށް ރިޕޯޓުކޮށްފައި ވާތީ ހަނީފް ވަނީ އެކަމުގެ ސަބަބުން އާއިލާއަށާއި، ހާއްސަކޮށް މަންމަައަށް ވަރަށް ބޮޑަށް އަސަރު ކޮށްފައި ވާ ކަމަށް ބުނެފައެވެ. އިމާދުގެ މަރާބެހޭ ގޮތުން އަދިވެސް ސާފު ނުވާ ގިނަ ކަންކަން އެބަހުއްޓެވެ. އޭނާ މަރުވި ދުވަހުގެ ހެނދުނުއްސުރެ މަރުވުމާ ހަމައަށް ހިނގާފައި ހުރި ކަންކަމާއި ފޯނުގައި ހުރި މުއާމަލާތްތަކާއި އިތުރު އެހެން އެވިޑެންސް ހުންނާނެކަން ޔަގީނެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!