ފިޔަވަތީގައި ތިބި ކުދިން، އެތަނުގެ ފުރާޅު މަތީގައި --

ފިޔަވަތި ކުދިންގެ ފަރާތުން އިވޭ ބޭއަދަބީ ބަސްބަހުން، ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ކަންބޮޑުވުން

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ބައެއް ކަމުގައިވާ ފިޔަވަތީގައި ބައިތިއްބައިގެން ބަލަހައްޓަމުން އަންނަ ކުދިންގެ ފަރާތުން އިވޭ ބޭއަދަބީ ބަސްބަހުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ފޔަވަތީގައި ތިބޭ ކުދިންތަކެއް މީގެ ތިން ދުވަސް ކުރިން ފެށިގެން އަންނަނީ ބޭރަށް ނުކުމެ، ނުކިޔަމަންތެރިކަން ދައްކަމުންނެވެ. އެގޮތުން ފުރާޅުމައްޗަށް އަރާ ތިބެގެން އަޑުގަދަކޮށް، ހަޑިހުތުރު ބަހުރުވަ ބޭނުންކޮށް މަގުމަތީގައި ތިބި މީހުންނާއި މުހާތަބުކޮށް އެއްޗެހި ގޮވަމުން ދިޔަ އަޑު އެ ހިސާބު ގޭގެއަށް ސާފުކޮށް އިވެމުން ދިޔައެވެ. އެ ސަރަހައްދުގައި ދިރިއުޅޭ އަންހެނަކު “ސަން”އަށް ބުނީ ފިޔަަވަތީގައި ތިބޭ ކުދިން ހިތްހަމަނުޖެހޭ ވަގުތުތަކުގައި ބޭރަށް ނުކުމެ، ފުރާޅުމައްޗަށް އަރާ ތިބެގެން އެ ބޭނުންކުރާ ބޭއަދަބީ ބަސްބަހުގެ ސަބަބުން އޭނާގެ ދަރިފުޅުގެ އުޅުމަށް އެކަމުގެ ނޭދެވޭ އަސަރު ކުރަމުން އަންނަ ކަމަށެވެ. ސްކޫލް ޓީޗަރުން ވެސް އެވާހަކަ ބުނާ ކަމަށެވެ. “ފިޔަވަތީގަ އުޅޭ ކުދިން ފުރާޅަށް އަރާ ތިބެގެން އަޑުގަދަކޮށް، އެ ގޮވާ ހަޑިހުތުރު އެއްޗެހި އަހަރެމެންގެ ދަރިން އެބަ ދަސްކުރޭ. ބައެއް ފަހަރު ރޯއަވަގުރާނަ ވެސް އެބަ ގޮވާ. އެތަނުގައި އެބަތިބި ގޭންގް ތަކަށް ނިސްބަތްވާ ބޮޑެތި ކުދިންވެސް. މިއީ މިއަދު އެކަނި ކަމެއް ނޫން. މިކަން ވެއްޖެ އާއްމު އުނދަގުލަކަށް. އަހަރެމެން ލޯބިން ބޮޑުކުރާ ދަރިން މި ހަލާކުވަނީ،” ހުޅުމާލެއިން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ. މާލެސިޓީ، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު “ސަން”އަށް ވިދާޅުވީ އެ ސަހަރައްދުގެ ސަލާމަތާ ރައްކާތެރިކަމަށް ޓަކައި މަސައްކަތް ކުރުމަކީ އޭނާގެ ޒިންމާއެއް ކަމަށާއި އެހެންކަމުން، އެ ހިސާބުގަނޑުގައި ބޮޑެތިވަމުން އަންނަ ކުދިންގެ ހައްގުގައި ވެސް ފިޔަވަތި އެނޫން އެހެން ތަނަކަށް ބަދަލުކުރަން ޖެހޭ ކަމަށެވެ. ސުޖާއު ވިދާޅުވީ ފިޔަވަތީގައި ދިމާވާ މައިގަނޑު އެއް މައްސަލައަކީ ތަނުގެ ޖާގައަށްވުރެ، ކުދިންގެ އަދަދު ގިނަވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ކަމަށެވެ. “މި ތަނަށް ދިމާވެގެން މިއުޅޭ މައްސަލައަކީ ތަނަށް ނުކަތާ ވަރަށް ކުދިން ލައިގެން މި އުޅެނީ. އެހެންވީމަ ހުޅުމާލެ ކައުންސިލަރުގެ ހައިސިއްޔަތުން ޖެންޑާ މިނިސްޓަރަށް އަޅުގަނޑު މި ގޮވާލަނީ މި ސަރަހައްދުގަ އެބައުޅޭ ވަރަށް ގިނަ ކުޑަކުދިން. ފިޔަވަތި ކުދިންގެ ފަރާތުން އިވޭ ބޭއަދަބީ ބަސްބަހުން މި ސަރަހައްދުގެ ކޮމިއުނިޓީގެ ސަލާމަތާ ރައްކާތެރިކަމަކީ ވެސް އަޅުގަނޑު ބަލަންޖެހޭ ކަމަކަށް ވާތީވެ، އަޅުގަނޑު އެދެނީ ވީހާވެސް އަހަވަކަށް ފިޔަވަތި މިތަނުން މޫވްކޮށް އެހެން ތަނަކަށް ގެންދިއުމަށް. ނޫނިއްޔާ ސެކިއުރިޓީ ވައިސްކޮށް މިކަން ރަނގަޅަށް ބެލެހެއްޓޭނެ ގޮތަކަށް ޖެންޑާ މިނިސްޓްރީން އެބަޖެހޭ އަމަލުކުރަން،” ސުޖާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޖެންޑާ މިނިސްޓަރު ޖަވާބުދާރީ ކުރުވާ، ފިޔަވަތި ރަނގަޅު ކުރުމުގެ މަސައްކަތް ޕީޕީއެމް/ޕީއެންސީ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރައްވާ ކަމަށެވެ. ޖެންޑާ މިނިސްޓްރީގެ ފަރާތުން “ސަން”އަށް މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވީ ފިޔަވަތީގެ ފުރާޅު މައްޗަށް ކުދިން އަރަނީ އެ ސަރަހައްދަށް އެއްވާ ބައެއް މީހުން އެ ކުދިންނާ ބެހޭގޮތުން އެކިއެކި ވާހަކަތައް ދައްކާ އެ ކުދިން ރުޅި އަރުވަން މަސައްކަތް ކުރާތީ ކަމަށެވެ. ރޭގެ ހާދިސާއާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯ ނެގުމާއި، ވީޑިއޯ ކުރުމާ މީހުން އެއްވެ ކުދިން ކުރާ ކަންކަން ބަލަން ތިބުމަކީ ކުދިން އިތުރަށް ޓްރިގާ ވާނެ ކަމެއްކަން ފާހަގަ ކުރާ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ކެތްތެރިކަން އިސް ކުރައްވާ، ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް، އެ މިނިސްޓްރީން ކުރަންޖެހޭ ކަންކަން ކުރުމުގައި އެންމެހާ ފަރުދުންގެ އެއްބާރުލުން ދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. ފިޔަވަތީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ އުމުރުން 13 އަހަރު ނުފުރޭ ކުދިންގެ ތެރެއިން މަންމަ އާއި ބައްޕަ ދުނިޔޭގައި ނެތް އަދި ބަލާނެ އެއްވެސް މީހަކު ނެތް ކުދިން ބެލެހެއްޓުމާއި މަގުމަތިން ނުވަތަ އެހެންވެސް އާންމު ތަނަކުން ހޮވޭ ކުދިން، އެކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ހޯދައި އެ މީހުންނާ އެ ކުދިން ހަވާލުކުރެވެންދެން ބެލެހެއްޓުމެވެ. މީގެ އިތުރުން މައިންބަފައިން ނުވަތަ ބެލެނިވެރިން ކުދިންނަށް އިހުމާލުވާކަން އެނގުމުން އެ މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނަސޭހަތްތެރިވެ އަމަލުތައް އިސްލާހުކުރުމަށް އިރުޝާދު ދިނުމުންވެސް އިސްލާހުނުވުމުން މައިންބަފައިންނާ ނުވަތަ ބެލެނިވެރިންނާ ވަކިކުރެވޭ ކުދިންނާއި މައިންބަފައިން އެކަށީގެންވާ ވަރަށް ނުބެލެހެއްޓުމުގެ ސަބަބުން އެ ކުދިންނަށް ލިބެންޖެހޭ ޒަރޫރީ ޚިދުމަތްތައް ލިބެމުން ނުދާ ކުދިންނާއި، އެ ކުދިންގެ މުސްތަގުބަލު ގެއްލިގެން ހިނގައިދާނެކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގަބޫލުކުރެވޭ ކުދިން ހިމެނެއެވެ. އަދި ކުދިންނަށް އަނިޔާކޮށްގެން ނުވަތަ ބޮޑެތި އިހުމާލުވެގެން މައިންބަފައިން ނުވަތަ ބެލެނިވެރިން ހައްޔަރުކުރަންޖެހޭ ހާލަތްތަކުގައި ކުދިން ބަލާނޭ އެއްވެސް މީހަކު ނެތް ކުދިންނާއި މައިންބަފައިން ނުވަތަ ބެލެނިވެރިން ޖަލަށްލުމުން ބަލާނެ އެހެން އެއްވެސް މީހަކު ނެތް ކުދިންނާއި ބެލެނިވެރިޔާގެ ބުއްދި ގޯސްވެގެން ބަލާނެ އެހެން އެއްވެސް މީހަކު ނެތް ކުދިން ހިމެނެއެވެ. ފިޔަވަތީގައި ތިބޭ ކުދިންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކުގެ ތެރޭގައި މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ކުދިން އިސްލާމްދީނާއި ރާއްޖޭގެ ގާނޫނާއި ދިވެހި ސަގާފަތާ އެއްގޮތްވާ ގޮތުގެ މަތިން ތަރުބިޔަތުކޮށް، އެ ކުދިންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ހައްގުތައް، މަރުކަޒުގެ ގަވާއިދުތަކާ އެއްގޮތަށް ލިބިދިނުން ހިމެނެއެވެ. މީގެ އިތުރުން ވެސް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމާއެކު، ރާއްޖޭގައި ކުޑަކުދިން ގެންގުޅޭ މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް ކުދިންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!