ރައީސް ޔާމީން ޕީޕީއެމްގެ ދިދައާއި ގައުމީ ދިދަ ހިއްޕަވައިގެން

ރައީސް ޔާމީނަށް ލިޔުމުން ނަސޭހަތްދީ މައްސަލަ ނިންމާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭބަންދުގައި ހުންނަވައިގެން އިދިކޮޅު މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނާ މައްސަލާގައި ރައީސް ޔާމީނަށް ނަސޭހަތްދީ މައްސަލަ ނިންމާލައިފި އެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން “އިންސާފު ހޯދަން” ނަމުގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އެއްވުމުގެ ބައިވެރިން ވަނީ އެއްވުމުގެ ވަކި ހިސާބަކުން ފުލުހުން ހުރަސް އެޅުމާ ގުޅިގެން އާޓިފިޝަލް ބީޗާ ދިމާލުގައި ހުންނަ ރައީސް ޔާމީންގެ ގެކޮޅުގެ ކުރިމައްޗަށް އެއްވެ އަޑުއުފުލާފަ އެވެ.

އެވަގުތު ރައީސް ޔާމީން ވަނީ ގޭގެ ކުޑަދޮރުން ބޭރަށް ބޯދިއްކޮށްލެއްވުމަށްފަހު ޕީޕީއެމްގެ ސަޕޯޓަރުންނަށް ހަޅުއްވާ އަދި ޕީޕީއެމްއާއި ގައުމީ ދިދަ ވިހުރުވާފަ އެވެ.

ރައީސް ޔާމީން އެ ދުވަހު އަމަލުކުރެއްވި ގޮތުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު އެ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން އަމަލުކުރެއްވީ ގައިދީން ގޭބަންދަށް ބަދަލުކުރާއިރު ވެވޭ އިގްރާރާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލާ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ރައީސް ޔާމީނަށް އެޅި ފިޔަވަޅަކާ ގުޅިގެން އަވަސް އިން މިއަދު ސުވާލުކުރުމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުޒާހަރާގައި ބައިވެރިވުން ރަމްޒުކޮށްދޭ ފަދަ އަމަލެއް ނުހިންގުމަށް އަންގާ، ލިޔުމަކުން ރައީސް ޔާމީނަށް އިއްޔެގެ ވަގުތެއްގައި ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމުން މިދިޔަ ރޯދަ މަހުގެ މެދަކާ ހަމައަށް އެމަނިކުފާނު ހުންނެވީ ޖަލުގަ އެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވުމުން ރޯދަ މަހުގެ ތެރޭގައި ގޭބަންދަށް ބަދަލުކުރި ގޮތަށް ރައީސް ޔާމީން ހުންނެވީ ގޭބަންދުގަ އެވެ.

ރައީސް ޔާމީން މިހާރު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގއ. ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވައި، މަނީ ލޯންޑާކުރި ކަމަށް ބުނެ އުފުލި ދައުވާ ސާބިތުމުންނެވެ.

މީގެއިތުރުން ރ. ފުއްގިރި މައްސަލައިގައި ވެސް ރައީސް ޔާމީންގެ މައްޗަށް ދައުލަތުން މިހާރު ވަނީ ދައުވާ އުފުލާފަ އެވެ. އަދި ވ. އާރަށުގެ މައްސަލައިގައި ވެސް ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕީޖީ އަށް މައްސަލަ ފޮނުވާފަ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!