ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ޕްރައިވެޓައިޒް ކޮށްގެން އަންނަ އަހަރުގެ ބަޖެޓަށް 462.5 މިލިއަން ރުފިޔާ ހޯދަނީ

އަންނަ އަހަރުގެ ބަޖެޓަށް ފައިސާ ހޯދުމަށް ޕްރައިވެޓައިޒް ކޮށްގެން 462.5 މިލިއަން ރުފިޔާ ހޯދަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. ފިނޭންސް މިނިސްޓްރީން މި އަދަދު އާންމު ކޮށްފައި ވަނީ 2022-2024 އަށް ދައުލަތުގެ މެދުރާސްތާ ދަރަނީގެ ސްޓްރެޓެޖީ އާއި ފިސްކަލް ސްޓްރެޓެޖީ އާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ޕްރެޒެންޓޭޝަނުގައެވެ. އެ ޕްރެޒެންޓޭޝަން އިން ދައްކާ ގޮތުގައި އަންނަ އަހަރަށް 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ލަފާ ކުރެއެވެ. ބަޖެޓަށް ފައިސާ ހޯދަން ރާވާފައިވާ ކަންކަމުގެ ތެރޭގައި ޖުމްލަ ފައިނޭންސް ބޭނުން ވަނީ 16.5 ބިލިއަން ރުފިޔާއެވެ. އެގޮތުން ޕްރޮޖެކްޓު ލޯނުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ، ބޭރު ލޯނު އެހީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ، ސޮވެރިން ބޮންޑު އަދި ސުކޫކު ވިއްކައިިގެން 4.6 ބިލިއަން ރުފިޔާ، ރާއްޖޭގެ މާކެޓަށް ޓީބިލާއި ބޮންޑު ވިއްކައިގެން 6.6 ބިލިއަން ރުފިޔާ އަދި ޕްރައިވެޓައިޒް ކޮށްގެން 462.6 މިލިއަން ރުފިޔާ ހޯދަން ވަނީ ރާވާފައެވެ. ފިނޭންސް އިން ބުނީ، 2022 އިން 2024 އަށް ހުށަހަޅާ މެދުރާސްތާގެ ފިސްކަލް ސްޓްރެޓަޖީގެ އަމާޒަކީ ކޮވިޑް-19 އާއެކު ބަދަލުވެފައިވާ މާލީ ހާލަތަށް ރިއާޔަތްކޮށް ދަރަނީގައި ދެމެހެއްޓޭނެ ކަން ޔަގީން ކުރުން ކަމަށެވެ. އެގޮތުން ބަޖެޓް ޑެފިސިޓް އަދި ދައުލަތުގެ ދަރަނި އަހަރަކަށް ފަހު އަހަރެއް ކުޑަވަމުންދާ މިސްރާބެއްގައި މެދުރާސްތާގައި ބެހެއްޓުމަކީ އަމާޒެއް ކަމަށް ފިނޭންސުން ބުނެއެވެ. އަންނަ އަހަރު ދައުލަތުގެ ޖުމްލަ އާމްދަނީ އަށް 23.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށާއި، ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. ހަމައެއާއެކު ޓެކްސް އާމްދަނީ އަށް 14 ބިލިއަން ރުފިޔާ، ޓެކްސް ނޫން ގޮތްގޮތުން 5 ބިލިއަން ރުފިޔާ، އާމްދަނީ ހޯދަން އަލަށް ތައާރަފްކުރާ ކަންކަމުން 1.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވޭ ކަމަށް ފިނޭންސުން ބުނެއެވެ. މިއާއެކު ދައުލަތުގެ ހަރަދުތައް ހުންނާނެ ކަމަށް ލަފާ ކުރެވެނީ 33.8 ބިލިއަން ރުފިޔާގައި ކަމަށް ވީ އިރު އަންނަ އަހަރުގެ ބަޖެޓު 10.2 ބިލިއަން ރުފިޔާ އިން ޑެފިސިޓް ވާނެ ކަމަށް ވެސް ފިނޭންސުން ބުނެއެވެ. ފިނޭންސް ރިޕޯޓުގައި ޕްރައިވެޓައިޒް ކޮށްގެން ފައިސާ ހޯދަން ނިންމާފައިވާ ކަމަށް ބުނެފައި ވާއިރު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވަނީ ސަރުކާރު ކުންފުނިތައް ޕްރައިވެޓައިޒް ކުރާނެ ކަމަށާއި އެކަމުން ރައްޔިތުންނަށް ތަރައްގީ ފެންނާނެ ކަމަށް ވިދާޅުވެފައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!