މީހަކު ފޯނެއް ހިފައިގެން. އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލު ކޮމިޓީއަށް ވަނީ ހުށަހަޅައިފިައި -- ފޮޓޯ: އަހުމަދު ޝުރާއު| އަވަސް

އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލު ކޮމިޓީއަށް

އިލެކްޓްރޯނިކް މުއާމަލާތްތަކާބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދެވެ. މި ބިލުގެ ބޭނުމަކީ އިގްތިސޯދީ އަދި އިޖުތިމާއީ ކަންކަން ފަސޭހަކޮށް ތަރައްގީ ކުރަން ވިޔަފާރީގެ މުއާމަލާތް ކުރުމަށާއި އެނޫން ބޭނުންތަކުގައި އިލެކްޓްރޯނިކް ޒަރިއްޔާއިން މުއާމަލާތް ކުރުމާއި އެ މުއާމަލާތްތަކުގެ ސަައްހަކަން ކަށަވަރު ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އިލެކްޓްރޯނިކް ޒަރިއްޔާއިން މުއާމަލާތް ކުރުމުގައި އަމަލު ކުރާނެ އުސޫލުތައް ބަޔާންކޮށް ޓްރަސްޓްގެ ހިދުމަތްތަކުގެ ބޭނުން ކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމެވެ.

އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ބިލު އިތުރަށް ދިރާސާކުުރުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވަން މިއަދު ވަނީ ފާސްކޮށްފަ އެވެ. މަޖިލީހުގެ ތަޅުމުން އެ ނިންމުން ފާސްކުރީ 42 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ބިލު ގާނޫނަކަށް ވުމުން އިލެކްޓްރޯނިކް ސޮއި އަދި ޓްރަސްޓްގެ ހިދުމަތް ހިމެނޭ ގޮތަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުއާމަލާތްތަކަށް ގާނޫނީ ހައިސިއްޔަތު ލިބޭނެ އެވެ. ނަމަވެސް ގާނޫނެއްގެ ދަށުން ރެގިއުލޭޓް ކޮށްފައިވާ އެކްސްޗޭންޖެއްގައި ހިނގާ މުއާމަލާތްތަކާއި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްތަކާއި ބޭންކްތަކުގައި ހިނގާ ޕޭމަންޓް ސިސްޓަމްތަކާއި ބޭންކްތަކުގެ މެދުގައި ފައިސާ ދެއްކުމަށް ވެފައިވާ އެއްބަސްވުމާއި ސެކިއުރިޓީޒާއި ފައިނޭންޝިއަލް ސިސްޓަމްތަކުގެ މައްޗަށް މި ގާނޫނެއް ނުހިނގާނެ އެވެ.

ބިލުގައި ބުނާ ގޮތުން ޑޭޓާ މެސެޖުގެ ގޮތުގައި ހިމެނޭ ކޮންމެ މައުލޫމާތެއްގެ މައްޗަށް އެ ގާނޫނު ހިނގާނެ އެވެ. އަދި ޑޭޓާ މެސެޖަކަށް ވީތީ ހަމައެކަނި އެ ސަބަބުގެ މައްޗަށް ބިނާކޮށް ޝަރީއަތެއްގައި ޑޭޓާ މެސެޖެއް ހެކީގެ ގޮތުގައި ބަލައި ނުގަނެވޭނެ ގޮތަށް ހެއްކާ ބެހޭ އުސޫލުތައް ތަތުބީގު ކޮށްގެން ނުވާނެ އެވެ. އަދި ޑޭޓާ މެސެެޖެއްގެ ސިފައިގައިވާ މައުލޫމާތަށް ދޭން ޖެހޭ ހެކީގެ ބުރަދަން ކަނޑައެޅުމުގައި އަމަލު ކުރާނީ ހެއްކާ ބެހޭ ގާނޫނުގެ މަތިންނެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!