އޭޑީކޭ ހޮސްޕިޓަލަށް ދޮރުމަތީގައި އޭޑީކޭގެ 2 ސްޓާފުން މަޑުކޮށްލައިގެން / ފައިލް ފޮޓޯ: އައިޝަތު ޝާޒުލީން - ދަ ޕްރެސް

ޑިންގީއަށް ލޯންޗެއް އެރުން: ޑިންގީގައި އިން މީހާ ފުރާނަ އާ ހަނގުރާމަ ކުރަނީ!

ކ. މާފުށީ ނެރުމަތީގައި އެންމެ މީހަކާއެކު މަހަށް ނުކުމެ އުޅުނު ޑިންގީއެއްގެ މައްޗަށް ލޯންޗެއް އަރައި ހިނގި ހާދިސާގައި ޑިންގީގައި އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބި ފުރާނަ އާ ހަނގުރާމަ ކުރަމުންދާ ކަމަށް އާއިލާއިން ބުނެފިއެވެ. “ދަ ޕްރެސް” އަށް މައުލޫމާތު ދެމުން މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވީ މި ހާދިސާ ހިނގީ ރޭ ގާތްގަނޑަކަށް 9:20 ހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާ ލިބިފައި ވަނީ 59 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އަނިޔާ ލިބުނު މީހާ އެމަޖެންސީކޮށް މާލެއަށް ފޮނުވާލައިފައި ވާ ކަމަށާއި އަދި އޭނާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދާ ކަމަށް ވެސް ކައުންސިލްގެ ރައީސް ސޮލާހު ވަނީ ވިދާޅުވެފައެވެ. މި ހާދިސާ ހިނގީ ޑިންގީގައި ފަރު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ލޯންޗެއް ފަހަތުން އަރައިގެންނެވެ. އަދި ޑިންގީއަށް ލޯންޗު އެރުމާ އެކު ޑިންގީގައި އިން މީހާ ވަނީ މޫދަށް ވެއްޓިފައެވެ. އަނިޔާ ލިބުނު މީހާގެ ހާލާ ގުޅޭ ގޮތުން ވާހަކަދައްކަމުން އާއިލާގެ މެންބަރު ބުނީ މިހާރުވެސް ފަރުވާދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސޫޔީގައި ކަަމަށެވެ. އެމެޖެންސީކޮށް މާފުށިން މާލެ ގެނެސް ހޭނަށްތާ ޓެސްޓުތަކެއް ހެދިކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އަދި ނަތީޖާތަކުން މޫނުމަތީގެ ކަށިތަށް ބިނދި ފުއްޕާމެއަށް ލެ އާއި ލޮނު އެޅިފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާގެ މެންބަރު ވަނީ މައުލޫމާތު ދީފައެވެ. މޫނު މަތީގެ ކަށިތަށް ބިނދިފައިވާއިރު ނޭފަތުގެ ކަށިތަށް ގާތްގަނޑަކަށް އެއްކޮށް ބިންދައިގެން ގޮސްފައިވާ ކަމަށް އާއިލާ ވަނީ ބުނެފައެވެ. ޓެސްޓުތައް ހެދުމަށް ހޭނެއްތުމަށް ފަހު އަދި ހޭނާރާ ކަމަށާއި އިރުކޮޅެއް ތެރޭގައި ހޭއަރާނެ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ބޮލަށް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އެހެންނަމަވެސް ބޮލަށް ލިބިފައި ވަނީ މާ ބޮޑު އަނިޔާ އެއް ނޫން ކަމަށް އާއިލާއިން ވާހަކަދެއްކި މީހާ ވަނީ ބުނެފައެވެ. އިތުރަށް ލިިބިފައިވާ އަނިޔާތަކާއި ގުޅޭގޮތުން ވާހަކަދައްކަމުން އާއިލާއިން ބުނީ އޭނާގެ ދަތްޕިލާ ވެސް އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ހަލާކުވެފައި ކަަމަށެވެ. ދަތްޕިލައިގެ ބޮޑުބައެއް ހަލާކުވެފައި ވާއިރު އޭނާ ކެއްސާލުމުން ވެސް އަންނަނީ ލޭ ކަމަށާއި ނޭވާލަނީ ވެސް ވަަރަށް އުނދަގުލުން ކަމުގައި އާއިލާއިން ބުންޏެވެ. މާފުށީ ކައުންސިލްގެ ރައީސް ސޮލާހު ވިދާޅުވީ މާލެ އަށް ގެންދިޔައިރުވެސް ބޭރުފުށުން ފެންނަން ހުރި އަނިޔާތަކަށް ބަލާއިރު ބޮލާއި ނޭފަތާއި އަދި އަނގަޔަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އަދި މާލެ ގެންދިޔަފަހުން ލިބުނު މައުލޫމާތުގައި ނޭވާލުމުގައި ދަތިތަކެއް ހުރި ކަމަށް ސޮލާހު ވަނީ ވިދާޅުވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހާދިސާގައި އަނިޔާވި މީހާ މާފުއްޓަށް ގެންގޮސްފައި ވަނީ ޑިންގީ މައްޗަށް އެރި ލޯންޗަށް ލައިގެންނެވެ. އެ ލޯންޗަކީ 100 ހޯސްޕަވަރުގެ އިންޖީނެއް އަޅާފައިވާ ގާތްގަނޑަކަށް 18 ފޫޓުގެ ލޯންޗެކެވެ. ރޭގެ އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ވަނީ އަދި ލިބޭގޮތް ނުވެފައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!