އަހުމަދު ނިހާން މިއަދު ކްރިމިނަލް ކޯޓުގައި

ދައުވާތަކަށް ނިހާން އިންކާރު ކުރައްވައިފި

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅުންހުރި މައްސަލަތަކެއްގައި ދައުވާ ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް އުފުލާފައިވާ ހަ ދައުވާއަށް އިންކާރުކުރައްވައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔައީ ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީ ވުމަށް ބޭއްވި އަޑުއެހުމެކެވެ. ދައުވާތައް އިއްވުމުން ނިހާން ވަނީ ހުރިހާ ދައުވާއަކަށް އިންކާރުކުރައްވާފަ އެވެ.

ނިހާންގެ މައްޗަށް ހަ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި، ރިޝްވަތު ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެކެވެ.

ނިހާނަށް ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ހުންނެވި ދުވަސްވަރު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފަރާތްޕުޅުން ރިޝްވަތަށް އެދިވަޑައިގަތުމާއި ރިޝްވަތު ހިއްޕެވުމާއި އެގޮތަށް ހޯއްދެވި ފައިސާ ލޯންޑާ ކުރެއްވުމުގެ ކުށުގަ އެވެ.

ދައުލަތުން ވަނީ ނިހާންގެ މިލްކިއްޔާތުގައި ހުރި ބައެއް ތަކެތި ދައުލަތަށް ނެގުމަށް ޝަރީއަތުގައި އެދިފަ އެވެ. އޭގެ ތެރޭގައި ނިހާންގެ ޕްލެޓިނަމް ރެސިޑެންޓާއި ފްލެޓާއި ރޮލެކްސް (ސަބްރީނާ) ބްރޭންޑްގެ ގަޑިއެއް ހިމެނެ އެވެ.

ދައުލަތުން ދައުވާގައި ބުނެފައި ވަނީ އެ ފްލެޓަކީ ނިހާން މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަމުގައި ހުންނެވިއިރު އަދީބު މެދުވެރިވެގެން ލިބިވަޑައިގެންނެވި 150،000 ޑޮލަރުން ގަތް ފްލެޓެކެވެ. އަދި އެ ޗެކް ނިހާނު ބަލައިގެންނެވީ އަދީބު ދޭ ފައިސާއަކީ ކުށްކޮށްގެން ހޯދާ ފައިސާކަން ނިހާނަށް ޝައްކުކުރެވޭ ހާލަތުގައި ކަމަށެވެ.

ދައުލަތަށް ނަގަން އެދުނު ނިހާންގެ ރޮލެކްސް ގަޑިއަކީ ވެސް ރިޝްވަތުގެ ގޮތުގައި އަދީބު ދެއްވައިފައިވާ ހަދިޔާއެއް ކަަމަށް ދައުލަތުން ބުނެ އެވެ. އެގޮތުން 2014 ވަނަ އަހަރު ޕްރޮސިކުޓާ ޖެނެރަލްގެ މަގާމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަނަށް މެމްބަރަކު އައްޔަނުކުރުމަށް ނެގި ވޯޓާ ގުޅިގެން ރޮލެކްސް ގަޑިއެއް ދިނުމަށް ނިހާނު އަދީބުގެ އަރިހުން އެދިވަޑައިގެންނެވި ކަމަށެެވެ.

އޭގެ އިތުރުން އަދީބު އެދިވަޑައިގަންނަވާ ގޮތުން ކަންތައްތައްކުރެއްވުމަށް އެދި 650،000 ރުފިޔާ ވެސް އަދީބު ނިހާނަށް ދެއްވައިފައިވާ ކަމަށް ދައުލަތުން ބުނެ އެވެ. އެ ފައިސާ ވެސް ދައުލަތަށް ހޯދުމަށް ޝަރީއަތުގައި އެދިފައި ވެއެވެ.

މި މައްސަލައިގައި ދެން އޮންނާނީ ދެފަރާތުން މައްސަލަ ސާބިތުކުރުމަށް ހެކި ހުށަހެޅުމުގެ މަރުލާ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!