ހެލްތު މިނިސްޓަރު އަހްމަދު ނަސީމް

ވެންޓިލޭޓަރުގެ ބަދަލު ހޯދަން ނޯޓިސް ފޮނުވައިފި

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއަށް ސަރުކާރުން ފައިސާ ދޫކޮށްފައިވީ ނަމަވެސް ތަކެތި ލިބިފައި ނުވާތީ ބަދަލު ހޯދަން ނޯޓިސް ފޮނުވައިފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެގްޒެކިއުޓާސް އަށް ނޯޓިސް ފޮނުވީ މިދިޔަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު އެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެއްބަސްވުމާ އެއްގޮތަށް ބަދަލުގެ ކަންކަން ހަމަޖައްސަން އެ ކުންފުންޏަށް ދީފައި ވާނީ 30 ދުވަހުގެ މުއްދަތު ކަމަށެވެ. އެ މުއްދަތު އަންނަ ހުކުރު ދުވަހަށް ހަމަވާނެ އެވެ.

މިނިސްޓްރީ ހުށަހެޅީ ކިހާ ވަރެއްގެ ބަދަލެއް ހޯދުމަށްތޯ އެހުމުން އޮފިޝަލް ވިދާޅުވީ އެ މައުލޫމާތު ލިބޭނީ ވެންޓިލޭޓަރުގެ ހާއްސަ އޮޑިޓް ހެދި އޮޑިޓް އޮފީހުން ކަމަށެވެ. އޮޑިޓް އޮފީހުގެ ފަރާތުން މީގެ ކުރިން އަވަސް އަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ ވެންޓިލޭޓަރުތަކުގެ އޮޑިޓަކީ ސަރުކާރުން އެދިގެން ހެދި އޮޑިޓަކަށް ވާތީ އެކަމުގައި ވާހަކަ ދައްކަން ޖެހޭނީ ސަރުކާރުން ކަމަށެވެ.

ވެންޓިލޭޓަރު އޮޑިޓް ރިޕޯޓް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުވާފައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.

ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއާއެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރީ އޭޕްރީލް 2، 2020 ގައެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ތަކެތި ލިބިފައި ނުވާތީ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ކުންފުންޏަށް ނޯޓިސް ފޮނުވީ މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހު އެވެ.

އެއްބަސްވުމުގައި ވަނީ އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދިނުމަށެވެ. ނަމަވެސް އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން އެގްޒެކިއުޓާސް އިން މުދާ ފޯރު ކޮށްދީފައެއް ނުވެ އެވެ. އެގްޒެކިއުޓާސްއާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލު ކުރުމުން ލިބުނީ 10 ވެންޓިލޭޓަރެވެ. އެކަމަކު ތަކެތި ގަންނަން ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފަ އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ބަންޑާރަނައިބް އޮފީހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްބަސްވުމުގައިވާ މުއްދަތުގެ ތެރޭގައި ސަޕްލަޔަރު މުދާ ފޯރުކޮށް ނުދީފިނަމަ އެއްބަސްވުން ބާތިލު ކުރެވިދާނެ ކަމަށް އެއްބަސްވުމުގައި ބަޔާން ކޮށްފައިވާތީ އެގްޒެކިއުޓާސް ކުންފުންޏަށް “ޓާމިނޭޝަން ނޯޓިސް” ފޮނުވީ ކަމަށެވެ.

އެއްބަސްވުން ބާތިލް ކުރާ ދުވަހާ ހަމައަށް މުދާ ފޯރުކޮށްދީފައިނުވާނަމަ އެ މުދާ ފޯރުކޮށްދިނުމަށް އެހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށްދޭންވާނެ ކަމަށްވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ.

ވެންޓިލޭޓަރު އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުމާ ގުޅޭ މައްސަލައެއް އުފެދިއްޖެނަމަ އެ މައްސަލައެއް ހައްލުކުރާނީ އާބިޓްރޭޝަން މެދުވެރިކޮށެވެ. އާބިޓްރޭޝަން ހިންގަން އެއްބަސްވުމުގައިވާ ތަނަކީ ދިވެހިރާއްޖެ އެވެ. އަދި އެމަރުހަލާގައި އަމަލުކުރަން ވެސް ޖެހެނީ ރާއްޖޭގެ ގާނޫނަށެވެ. އެހެންކަމުން އެ މައްސަލައިގެ އާބިޓްރޭޝަން ހިންގާނީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގަ އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތަކުގެ މައްސަލައިގައި ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ދެ ފަހަރަށް ފޮނުވުމުން ވެސް މައްސަލަ ސާބިތު ކުރަން ބޭނުންވާ ވަރަށް ހެކި ނެތް ކަމަށް ވިދާޅުވެ ޕީޖީ ހުސައިން ޝަމީމް ވަނީ އެ މައްސަލާގައި ދައުވާ ކުރަން ދެކޮޅު ހައްދަވާފަ އެވެ. އެކަމަކު ކުރިމަތިވި ފާޑު ކިޔުންތަކާ ގުޅިގެން ޕީޖީ މިހާރު ގެންދަވަނީ ފުލުހުންނާއި އޭސީސީއާ ގުޅިގެން އެ މައްސަލަ އިތުރަށް ދިރާސާ ކުރައްވަމުންނެވެ. އަދި މައްސަލައާއި ގުޅުންހުރި ބައެއް އާ މައުލޫމާތު ލިބިފައިވާ ކަމަށްވެސް މިދިޔަ މަހުގެ ތެރޭގައި ޕީޖީ ވިދާޅުވެފައިވެ އެވެ.

އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއް ކަމަށްވާތީ ރާއްޖެއާއި ބޭރު ގައުމެއްގެ ކުންފުންޏަކާ ދެމެދު ހިންގޭ އާބިޓްރޭޝަންގެ މައްސަލައަކީ މިމައްސަލައަކީ ބައިނަލްއަގްވާމީ އާބިޓްރޭޝަން މައްސަލަ އެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!