އޮސްޓްރިއާ ސަރުކާރުގެ އިސް ފަރާތްތަކުންނާ ޝާހިދު ބައްދަލުކުރެއްވުމުގެ ތެރެއިން / ފޮޓޯ: ފޮރިން މިނިސްޓްރީ

ޝާހިދުގެ ރިޔާސަތުގައި އިސްކަން ދޭނެ ދާއިރާތަކާ ބެހޭ މައުލޫމާތު ދެއްވައިފި

އދގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިސްކަން ދެއްވާނެ ދާއިރާތަކާ ބެހޭ މައުލޫމާތު އަރުވައިފިއެވެ. ފޮރިން މިނިސްޓްރީން ބުނީ އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި އޮތް ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ 5 ވަނަ ބައްދަލުވުމުގައި ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް އޮސްޓްރިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ޝާހިދު އޮސްޓްރިއާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެގޮތުން އޮސްޓްރިއާގެ ޗާންސެލާ ސެބާސްޓިއަން ކާޒް އާ ބައްދަލުކުރައްވާ، އދގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތުގައި ޝާހިދު އިސްކަން ދެއްވާނެ ދާއިރާތަކާ ބެހޭ މައުލޫމާތު އެރުވި ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އޮސްޓްރިއާއިން ސްޕީކާސް ސަމިޓާ، ވިމެން ސްޕީކާސް ސަމިޓް ވަރަށް ފުރިހަމައަށް އިންތިޒާމްކުރެއްވީތީ އެކަމަށް މަރުހަބާ ދެންނެވި ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން ބުނީ އޮސްޓްރިއާގެ ފޮރިން މިނިސްޓާ އެލެގްޒެންޑާ ޝެލެންބާގްއާ ވެސް އިއްޔެ ޝާހިދު ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމަށްފަހު، އޮސްޓްރިއާއަކީ މަލްޓިލޭޓަރަލިޒަމްއަށް ޒަމާނުއްސުރެ ތާއީދުކުރާ ގައުމެއްކަން ފާހަގަކުރައްވާ، އެގައުމުގެ ފުރިހަމަ އެއްބާރުލުން “އުއްމީދުގެ ރިޔާސަތަށް” ލިބޭނެކަމުގެ ޔަގީންކަން އޮސްޓްރިއާއިން ދެއްވި ކަމަށް ޝާހިދު ވިދާޅުވެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ އޮސްޓްރިއާގެ ދިފާއީ ވުޒާރާއަށް ޒިޔާރަތްކުރައްވާ، ދިފާއީ ވަޒީރު ކްލައުޑިއާ ޓެނާއާ ޝާހިދު އިއްޔެ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެ ޒިޔާރަތުގައި އޮސްޓްރިއާ ޑިފެންސް މިނިސްޓްރީން ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާ، ބައިނަލްއަގްވާމީ ސުލްހަ ދެމެހެއްޓުމަށް ސުލްހަ ބަލަހައްޓާ ފައުޖުތަކަށް އޮސްޓްރިއާއިން ދޭ އެއްބާރުލުން ޝާހިދު ފާހަގަކުރެެއްވި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން ބުނީ ވިއެނާއަށް ކުރައްވާ ދަތުރުގައި ޝާހިދު ވަނީ ވިއެނާގައި ހުންނަ އދގެ މަރުކަޒުގެ އިސްވެރިންނާ، އަދި ވިއެނާގައި މައި އޮފީސް ގާއިމްކޮށްފައިވާ އދގެ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!