ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފޯކައިދޫގެ މަސްވެރިންނާއި ދަނޑުވެރިންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސްރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފޯކައިދޫގެ މަސްވެރިންނާއި ދަނޑުވެރިންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

“މަސްވެރިކަމާއި ދަނޑުވެރިކަމުން ބަދަލުތައް ފެންނާނެ”

މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނެސް ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. ފޯކައިދޫގެ މަސްވެރިންނާއި ދަނޑުވެރިންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބާވަތްތަކުން ރަނގަޅު ފައިދާއެއް ހޯދައިދިނުމަށްޓަކައި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މި ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި އެ ބަދަލުތައް ފެނިގެންދާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާ އަކީ ރާއްޖޭގައި ރަނގަޅަށް ތަރައްގީކުރެވޭނެ ދާއިރާ އަކަށް ވާތީވެ އެކަމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. ރާއްޖޭގައި ހިންގާ ރިސޯޓުތަކަށް ބޭނުންވާ މޭވާއާއި ތަރުކާރީގެ ބޮޑު ބައެއް ރާއްޖެއިން ބޭރުން ގެންނަމުންދާތީ އެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދަނޑުވެރިކަމުގެ އުފެއްދުންތައް ސަރުކާރު ހިއްސާވާ އެގްރޯނެޓަށް ގަނެ މާކެޓް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށެވެ.

“އެގްރޯނެޓްގައި މި ރަށަށާއި ށ. އަތޮޅުގެ އެހެން ރަށްތަކުން ވެސް ބައިވެރިވެފައި އެބަހުރި. މިދާއިރާއިން އިންވެސްޓްކުރުމަށް ބޭނުންވާ ފަރާތްތަކަށް ދިގު މުއްދަތަކުން ދައްކާ ގޮތަށް ސަރުކާރުން ލޯން ހަމަޖައްސައިދީ އެހީތެރިކަން ވެސް ފޯރުކޮށްދޭނަން،” ރައީސް ވިދާޅުވި އެވެ.

މަސްވެރިކަމުގެ ދާއިރާއާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭ ކަމަށް ގަބޫލުކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ މަހުގެ ބާއްވަތްތައް ވަކިން ހާއްސަކޮށް ބޮޑު ކަންނެލި ރާއްޖެއިން ބޭރަށް ވިއްކުމުގައި ހަރަކާތްތެރިވަނީ އަމިއްލަ ކުންފުނިތަކުން ކަމަށްވާތީ ހަމަ އަގު ހޯދައިދިނުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ.

އަމިއްލަ ފަރާތްތަކުގެ ވިޔަފާރީގެ ތެރެއަށް ވަނުމަކީ ސަރުކާރުގެ ސިޔާސަތަކަށް ނުވާތީ އަމިއްލަ ކުންފުނިތަކާ ސަރުކާރުން ވާހަކަ ދައްކައިގެން މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފަ އެވެ.

“ބޭރުގައި އަގުތައް ހުރި ގޮތުން މިހާރު މަސްވެރިންނަށް މިލިބެނީ އެންމެ އެކަށީގެންވާ އަގުތަކެއް ނޫން،” ރައީސް ވިދާޅުވި އެވެ.

ށ. އަތޮޅު ކީކިމިނީގައި ހަދާ މަސް ފެކްޓަރީއާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެ ތަނުގެ މަސައްކަތް ނިމިފައިވާތީ ވަރަށް އަވަހަށް އެ ރަށުން މަސް ގަންނަން ފަށާނެ ކަމަށެވެ. އަދި މިފްކޯއާއި ފެލިވަރުގެ ސްޓޯރޭޖު ކެޕޭސިޓީ ބޮޑު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ވެސް ރައީސް ވަނީ ހިއްސާކުރައްވާފަ އެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ އެ މަސައްކަތްތައް ނިމުމުން މަސްވެރިކަމުގެ ދާއިރާ އަށް ކުރިމަތިވެފައިވާ ވަރަށް ގިނަ މައްސަލަތަކަކަށް ދާއިމީ ހައްލު ތަކެއް ލިބިގެންދާނެ ކަމަށެވެ. ހައްލުތަކާ އެކު މަސްވެރިންނަށް ހަމަ އަގު ލިބިގެންދާނެ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!