ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަފްރަތުގެ ބިލަށް ގެންނަ އިސްލާހުތައް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި

ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް އެޓާނީ ޖެނެރަލްގެ އޮފީހާއި އިސްލާމިކް މިނިސްޓްރީން މަޝްވަރާކުރުމަށް ފަހު، އިތުރަށް ހުށަހަޅަން ނިންމި އިސްލާހުތައް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ. އޭޖީ އޮފީހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރުމަށްފަހު، އެ ބިލަށް ގެނައުމަށް ފާސްކޮށްފައިވާ އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ. އަދި އެ މަޝްވަރާގެ ސިލްސިލާ ބައްދަލުވުންތައް މިއަދު ނިންމާލެވިފައިވާކަމަށެވެ. އެގޮތުން މިއަދު ބޭއްވި ބައްދަލުވުމުގައި، އެ ބިލަށް ކޮމިޓީން ގެނައި އިސްލާހުތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ހުށަހެޅިދާނެ އިސްލާހުތަކާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއާ އެކު ވެސް މަޝްވަރާކުރެވިފައިވާކަމަށް އެ އޮފީހުން ބުންޏެވެ. އެ ބިލު ޖުޑިޝަރީ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އިތުރަށް ފުރިހަމަކުރުމަށްޓަކައި އަބުރާ ވަނީ އެ ކޮމިޓީއަށް ފޮނުވާފައެވެ. އެ ބިލަށް އާ އިސްލާހުތަކެއް ގެންނަން ހުށަހެޅީ ގިނަބައެއްގެ ކަންބޮޑުވުންތަކެއް ހުރުމުން އެކަންތައްތަކަށް ހައްލު ގެނައުމުގެ ގޮތުންނެވެ. މީގެކުރިން ޖުޑިޝަރީ ކޮމިޓީން އެ ބިލް ދިރާސާކުރިއިރު ވަނީ އެ ބިލާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީ އާއި ހިއުމަންރައިޓްސް ކޮމިޝަނުގެ މަޝްވަރާ ހޯދާފައެވެ. މީގެކުރިން އިސްލާމިކް މިނިސްޓްރީން އެ ބިލަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި އިސްލާމްދީނުގެ ނަމުގައި މީހުންގެ އަބުރާއި މުދަލާއި ފުރާނައަށް ގެއްލުން ލިބުމަށް މަގުފަހިވާ ފަދަ ކުށްތައް މަނާކުރުން ހިމެނެއެވެ. އިސްލާމްދީނުގެ ދައުވަތު ފެތުރުމާއި ހެޔޮކަންކަމަށް ގޮވާލުމާއި ނުބައިކަންކަން ނަހީކުރުމުގެ މަތިވެރި ވާޖިބަށް ހުރަސް އެޅިދާފަދަ މާއްދާތައް އިސްލާހުކުރުމަށް ވެސް ހުށަހަޅާފައިވެއެވެ. މީގެއިތުރުން އިސްލާމްދީނާ ދެކޮޅަށް ހިންގާ ނަފުރަތުގެ އަމަލުތައް ބިލުގައި ހިމެނުމަށް ވެސް އެ މިނިސްޓްރީން ހުށަހަޅާފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!