ވެމްކޯ އިން ކުނި ނެގުމުގެ މަސައްކަތް ކުރަނީ: ފަންގިފިލާތަކަށް އަރައި ކުނިގަނަް އެ ކުންފުނިން ނިންމައިފި ---- އަވަސް ފޮތޯ

ގެތަކަށް ވަދެ ކުނި ނަގަން ވެމްކޯ އިން ތައްޔާރުވެއްޖެ

ކުނި ނަގަން ރަޖިސްޓްރީކޮށްފައިވާ ހުރިހާ ގެއެއްގެ ހުރިހާ ފަންގިފިލާތަކަށް ވެމްކޯގެ މުވައްޒަފުން ވަދެ ކުނި ނަގާ ގޮތަށް ނިންމާފައިވާ ކަމަށް ވެމްކޯ އިން ބުނެފި އެވެ.

ވެމްކޯ އިން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ މިމަހުގެ 15 އިން ފެށިގެން ކުރިއެކޭ ވެސް އެއްގޮތައް ކޮންމެ އެޕާޓްމަންޓަކާއި ހަމައަށް ވެމްކޯގެ މުވައްޒަފުން ގޮސް ކުނި ނަގާނެ ކަމަށެވެ. އެކަމަކު ކުނި ނަގާނީ ރަޖިސްޓްރީ ކޮށްފައިވާ ގޭބިސީތަކުންނެވެ.

ވެމްކޯއިން ހިދުމަތްދޭ ގަޑިތަކުގައި ކުނި ނެގުމަށް އިމާރާތްތަކަށް ވަދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ވެސް އާދަމް ވަނީ އެދިވަޑައިގެންފަ އެވެ. ހާއްސަކޮށް ކުނި ނަގާ ވަގުތަކީ ރޭގަނޑުގެ ކާރޫބާރު ބޮޑު ވަގުތަކަށް ވުމުން ވެމްކޯގެ މުވައްޒަފުން މަގުމަތީގައި މަޑުކުރަންޖެހޭ ވަގުތު ކުޑަ ކުރުމަކީ ހިދުމަތް އަވަސްކުރުމަށް މުހިންމު ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

އާދަމް ވިދާޅުވީ ކުނި ނަގަން ރަޖިސްޓްރީ ނުކުރާ ގިނަ އަދަދެއްގެ ގޭބީސީތައް އެބަހުރި ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކަށް ދެން ހިދުމަތް ދޭނީ ފައިސާ ނުދައްކާ ހުރި ބިލްތަކުގެ ތެރެއިން މިދިޔަ ތިން މަހުގެ ބިލް ފިޔަވައި އެހެން ބިލްތަކަށް ފައިސާ ދެއްކުމުން ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން މިއަދުން ފެށިގެން ވެމްކޯއިން ގޭބީސީތަކަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ރަޖިސްޓާ ކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ވެރިފަރާތުގެ ނަމުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ކޮންމެ ގޭބީސީއަކުން ދުވާލަކު އުކާލެވޭނެ ކުނީގެ އަދަދުވެސް ވެމްކޯއިން މިއަދު ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން އުކާލެވޭނީ ދުވަހު ކުނީގެ މިންގަނޑަށް ފެތޭ 40 ލީޓަރު ސައިޒްގެ ތިން ޑަސްބިން ކޮތަޅުގެ ކުނި ނުވަތަ ކަޅު ޑަސްބިން ކޮތަޅުގެ 120 ލީޓަރުގެ ކުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!