19 މާރިޗް، 2020: ކުރީގެ އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު އަބްދުﷲ ފައިރޫޝް - ސަންފޮޓޯ/ އަހްމަދު ސައީދު

ޝަރަފުވެރިކަމާއެކު ފައިރޫޝް ރިޓަޔާ ކުރުން ބަލައިނުގަންނާނަން: ކޮމިޓީ

ކުރީގެ އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު އަބްދުﷲ ފައިރޫޝް ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ބުނެފިއެވެ. މަޖިލީހުގެ 241 ކޮމިޓީއަށް ފައިރޫޝްގެ މައްސަލަ ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މައްސަލަ ކޮމިޓީން ތަހުގީގުކުރުމަށް ފަހު، ކޮމިޓީން އެކުަލަވާލި ރިޕޯޓު ވަނީ މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅާފައެވެ. ކޮމިޓީގެ ރިޕޯޓުގައި ވާ ގޮތުން ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ކޮމިޓީއަށް ދެއްވި މަޢުލޫމާތުގައި ޑރ.ޢަބްދުﷲ ފައިރޫޝް ރިޓަޔާކުރުމާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ސުވާލު އުފައްދައި އެއްވެސް މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ. މިނިސްޓަރު ވަނީ ފައިރޫޝް ރިޓަޔަކުރައްވަން 2020ވަނަ އަހަރުގެ މެދު ތެރެއިން ފެށިގެން ތައްޔާރުވަމުން އަންނަ ކަމަށާއި އޭނާ ރިޓަޔަކުރައްވަން އުޅުއްވި އިރު ފުލުހުންގެ ގާނޫނަށް އެފަދަ އިސްލާހުތަކެއް ގެންނަން އުޅޭކަން އެނގިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 112 ވަނަ މާއްދާގައި އެއްވެސް ތައުދީބީ މައްސަލައެއް އުފުލިފައިނެތް ޙާލަތުގައި، އަދި އެފަދަ މައްސަލައެއް އުފުލުމުގެ ޙާލަތުވެސް އުފެދިފައި ނެތި ޑރ.ޢަބްދުﷲ ފައިރޫޝްގެ ޢަމަލުތައް ރަސްމީ ޕާލަމަންޓަރީ ރިކޯޑިން ތަކުންނާއި، ޢާންމުވެފައިވާ އޯޑިއޯ އަދި ވީޑިއޯ ރިކޯޑިންގ ތަކުން ފެންނަންހުރި މަންޒަރުތަކުން، ޝަރަފުވެރިކަމާއެކު ފައިރޫޝް ވަޒީފާއިން ރިޓަޔާކުރެއްވުމަށް ނިންމަވާފައިވާ ނިންމުން އެންމެ ފުރިހަމައަށް ބެލިފައިވާކަމަށް މި ކޮމިޓީއަށް ޤަބޫލުނުކުރެވޭ ކަމަށް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ރިޕޯޓުގައި ވަނީ ދެ ހުށަހެޅުމަށް ފުލުހުންނަށް ހުށަހެޅުމަށް ނިންމާފައެވެ. އެގޮތުން ފުރަތަމަ ހުށަހެޅުމުގައި ފައިރޫޝްއަށް މި މައްސަލަގައި ކުރެވިފައިވާ ތުހުމަތުތަކަކީ އާންމު އިޖުތިމާޢީ މިންގަނޑުތަކުން ބަލާއިރު ބޮޑެތި ތުހުމަތުތަކެއް ކަމަށްވާތީ، ކުރިއަށް އޮތް ތަނުގައި އެފަދަ ތުހުމަތުތަކެއް ކުރެވިފައިވާ ފަރާތެއް މަޤާމުން ރިޓަޔާ ކުރުމަށް އެދުމުން، އެފަދަ ފަރާތެއް ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރުމުގައި އެތުހުމަތުތަކަށް ރިޢާޔަތްކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި ދެންނެވުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ކުރިއަށް އޮތްތަނުގައި މި ބާވަތުގެ މައްސަލައެއް ތަކުރާރުވިޔަ ނުދިނުމަށާއި، އެކަމުގައި ޢަމަލުކުރެވޭނެ ގޮތް ހަރުދަނާކުރުމަށްޓަކައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެއް ނުވަތަ ގަވާއިދެއް ހަދައި، އެގަވައިދު މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހެޅުމަށް ފުލުހުންނަށް ހުށަހެޅުމަށް ވެސް ކޮމިޓީން ވަނީ ނިންމާފައެވެ. ފައިރޫޝްއަކީ ފެބުރުއަރީ ހަތެއްގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް އައުމުން، ފުލުހުންގެ އިދާރާއާ ވަގުތީ ގޮތުން ހަވާލުވި ބޭފުޅާއެވެ. އަދި އެ ދުވަހު ނަޝީދު އިސްތިއުފާ ދެއްވަން ކުރިމަތިވި ހަމަނުޖެހުންތަކުގައި ފައިރޫޝް އިސް ދައުރެއް އަދާކުރެއްވި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!