އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ހުސެއިން އަމްރު އެމްއެމްއޭގައި ހުއްދައަށް އެދުމަށްފަހު އެމްއެމްއޭ ބޭރުގައި މަޑުކޮށްލައިގެން -- ފޮޓޯ: އަހުމަދު އަޝްހާދު | އަވަސް

އެސްޓީއޯއިން ޑިޖިޓަލް ބޭންކެއް ފަށަން ހުއްދައަށް އެދިއްޖެ

އެސްޓީއޯއިން ޑިޖިޓަލް ބޭންކުގެ ހިދުމަތް ފަށަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލައިސަންސް ހޯދުމަށް މިއަދު ހުށަހަޅައިފި އެވެ.

އެސްޓީއޯއިން މިއަދު ވަނީ މަރުކަޒީ ބޭންކްގައ ޑިޖިޓަލް ބޭންކް ހެދުމުގެ ހުއްދައަށް އެދިފައި ކަމަށެވެ. އަދި އެމްއެމްއޭ ކުރިމަތީގައި އެ ކުންފުނިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ލައިސަންސަށް ހުށަހެޅުމަށްފަހު މި މަރުހަލާގައި ތިން މަސް ނަގާނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވާ ކަމަށެވެ.

“އަޅުގަނޑުމެން ފަށަން ގަސްދު ކޮށްފައިވާ ބޭންކިންގް ހިދުމަތަކީ މުޅިން ޑިޖިޓަލްކޮށް ކުރިއަށް ގެންދާނެ ބޭންކެއް. އެކައުންޓު ހުޅުވާކަށް މީހެއް ކައިރިއަށް ދާކަށް ނުޖެހޭ. އޮންލައިންކޮށް ފަސް މިނިޓުތެރޭގައި އެކައުންޓު ވެސް ހުޅުވާލެވޭނެ،” އަމްރު ވިދާޅުވި އެވެ.

އެސްޓީއޯއިން ޑިޖިޓަލް ބޭންކިންގް ހިދުމަތާއި ބެހޭ ގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން އަމްރު ވިދާޅުވީ ޑިޖިޓަލް ބޭންކެއްގައި ހިދުމަތްތައް އަވަސް ކަމާއެކު ފޯރުކޮށް ދެވޭނެ ކަމަށެވެ. އެކައުންޓު ހުޅުވުމާ އެހެނިހެން މުއާމަލާތްތައް ވެސް ތަނަކަށް ނުގޮސް އޮންލައިންކޮށް ކޮށްލެވޭނެ ކަމަށެވެ. އަދި ޑިޖިޓަލް ބޭންކިންގް މެދުވެރިކޮށް ލޯނަށް އެޕްލައިކޮށް އެކައުންޓަށް އެ ފައިސާ 60 ސިކުންތު ތެރޭގައި ޖަމާ ވާނެ ކަމަށް އަމްރު ވިދާޅުވި އެވެ.

ޑިޖިޓަލް ބޭންކިން ހިދުމަތް ބެނުން ކުރާއިރު އެ ފައިސާ މެނޭޖު ކުރުމަކީ އެކައުންޓުގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ ޑިޖިޓަލް ބޭންކިންގެ ހިދުމަތް ފެށޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށް ޑިޖިޓަލް ބޭންކިންގެ ލައިސެންސް ލިބުމުން ކަމަށެވެ. އެހެންކަމުން މި ހިދުމަތް ފަށަން ހަ މަސް ވަރު އަދި ނަގާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

“އެހެންވެ މި އަންނަ އަހަރު ތެރޭގައި މި ހިދުމަތް ފެށޭނެ ކަމަށް އުންމީދު ކުރަން” އަމްރު ވިދާޅުވި އެވެ.

އެސްޓީއޯއަކީ ރާއްޖެއަށް ތެލާއި ބޭސް އެތެރެ ކުރާ މައި ކުންފުންޏެވެ. މި ކުންފުންޏަކީ ސަރުކާރުގެ އިތުރުން އާއްމު ހިއްސާދާރުންގެ ހިއްސާވެސް އޮންނަ ކުންފުންޏެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!