ޒުވާން ޓީމާއި ހޮޅުދޫ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެން

ހޮޅުދޫވެސް ޒުވާން ޓީމާއި އެއްވަރު ކޮށްފި

ޅ.ނައިފަރުގައި މިހާރު ކުރިއަށްދާ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޓްރެއިނިން ކޭމްޕުގެ ތެރެއިން ހޯމަ ދުވަހު ނ.ހޮޅުދޫ އާއި ބައްދަލު ކުރި މެޗު އެއްވަރުވެއްޖެ އެވެ.

ނައިފަރު ޓާފް ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ޒުވާން ގައުމީ ޓީމަށް ގޯލު ޖަހައިދިނީ ކެޕްޓަން އަބްދުﷲ ޔާމީން އެވެ.

އާދީއްތަ ދުވަހު 23 އަހަރުން ދަށުގެ ޓީމާއި ނައިފަރު ބައްދަލުކުރި މެޗު ވެސް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މި މެޗުގައި ވެސް ޒުވާން ޓީމަށް ލަނޑު ޖަހައިދިނީ ޔާމީން އެވެ.

ޒުވާން ޓީމު އަންގާރަ ދުވަހު ބައްދަލުކުރާނީ ނ. ކުޑަފަރީއާ އެވެ. އެއަށްފަހު ޓީީމު ދެން ދަތުރު ކުރާނީ ޅ. ހިންނަވަރަށެވެ. ހިންނަވަރަށް ދަތުރު ކުރުމަށް ފަހު އެރަށު ޓީމާއެކު ޒުވާން ގައުމީ ޓީމު މެޗު ކުޅޭނެ އެވެ. އޭގެ ފަހުން ޅ. ކުރެންދޫ އާއި ރ. މީދޫއާއެކުވެސް މެޗު ކުޅުމަށް ވަނީ ނިންމާފަ އެވެ.

ޒުވާން ޓީމުން ޅ. އަތޮޅުގައި ކޭމްޕު ކުރަން ނިންމީ މިއަންނަ މަހު އޮންނަ އޭއެފްސީ އަންޑާ 23 އޭޝިއަން ކަޕް ކޮލިފިކޭޝަންގެ މެޗު ތަކަށް ތައްޔާރު ވުމަށެވެ. މި ދަތުރުގެ ކުރިން ވަނީ ޒުވާން ޓީމުގެ ސްކޮޑަށް ކުޅުންތެރިން ނެގުމަށް ޓްރަަޔަލްއެއް ވެސް ބާއްވާފަ އެވެ. މި ޓްރަޔަލް އަށް ފަހު ދަތުރުގައި ބައިވެރިވީ 27 ކުޅުންތެރިންގެ ސްކޮޑެކެވެ.

ކޮލިފިކޭޝަންގައި ރާއްޖޭގެ މެޗުތައް އޮންނާނީ މިއަންނަ އޮކްޓޫބަރު މަހުގެ 27 އިން 31 އަށް އުޒްބަކިސްތާނުގަ އެވެ. ރާއްޖެ ހިމެނޭ ގްރޫޕް ސީގައި ދެން އޮތީ އިރާގް، ބަހުރެއިން އަދި އަފްގާނިސްތާން އެވެ.

ރާއްޖޭގެ ފުރަތަމަ މެޗު އޮތީ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު އެވެ. މި މެޗުގައި ރާއްޖެ ބައްދަލުކުރާނީ އިރާނާ އެވެ. އޭގެ ފަހުން 29 ވަނަ ދުވަހު ދެވަނަ މެޗުގައި ބަހްރެއިނާއި ވާދަކުރުމަށް ފަހު ތިންވަނަ މެޗުގައި އަފްގާނިސްތާނާއި ބައްދަލުކުރާނީ 31 ވަނަ ދުވަހު އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާނީ ކޮލިފިކޭޝަންގެ ކޮންމެ ގްރޫޕަކުން ވެސް އެއްވަނައަށްދާ ޓީމެކެވެ. އަދި ކޮންމެ ގްރޫޕަކުން ވެސް ދެވަނައަށްދާ ޓީމު ތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހޯދާފައިވާ ހަތަރު ޓީމެއް މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައި ވާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!