ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން: ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ 25 ތަނެއްގެ ވިޔަފާރިއަކަށް ގާނޫނީ އިންޒާރު ދީފައިވާ ކަމަށް ފުލުހުން ބުނޭ --

ޑްރަގް ވިއްކާ 25 ވިޔަފާރިއަކަށް އިންޒާރު، 8 މީހަކަށް ދައުވާ

ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ 25 ތަނެއްގެ ވިޔަފާރިއަކަށް ގާނޫނީ އިންޒާރު ދީފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ބުނެފި އެވެ.

ފުލުހުން ދެންމެ ބުނީ މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ފާހަގަކުރެވިފައިވާ ތަންތަނަށް މީހުން ވަނަނުދީ އެކަން ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އެ އޮޕަރޭޝަން ފަށާފައިވަނީ މިއަދު ހެނދުނު 7:00 ޖެހިއިރުއެވެ.

އެ ގޮތުން އެފަދަ ތަންތަނުގައި ސައުވީސް ގަޑިއިރު ފުލުހުން ޑިއުޓީ ކުރަމުން ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ 25 ތަނެއްގެ ވިޔަފާރިއަކަށް މިހާރު ވަނީ ގާނޫނީ އިންޒާރު ދީފައި ކަމަށްވެސް ބުންޏެވެ. އަދި މިފަދަ 8 މައްސަލައެއް މިހާރު ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވެއެވެ. އިތުރު ހަތަރު މައްސަލައެއްގެ ތަހުގީގު ނިންމާ ޕީޖީއަށް ފޮނުވުމުން ދަނީ ޕްރޮސިއުޓް މަރުހަލާގައި ކުރަން ޖެހޭ މަސައްކަތް ކުރަމުންނެވެ. އެފަދަ އެއް މައްސަލައެއްގައި މިދިޔަ ހަފްތާގައި ވަނީ ދައުވާ ކުރަންވެސް ފޮނުވާފައެވެ.

މި މަހުގެ ދެވަނަ ދުވަހު ޕީޖީ އޮފީހުން ބުނީ މ. ބްރައިޓްފްލާވާ ގޭގައި އެގޭގެ ވެރިމީހާ ހުސައިން ޔޫސުފް، ކެފޭ އުސޫލުން ޑްރަގް ވިއްކައި ވިޔަފާރިކުރުމަށް ހުއްދަ ދީފައިވާ ކަމަށެވެ.

ގޭގައި ކެފޭ އުސޫލުން ޑްރަގް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި، އެ ގޭގައި މީހުން މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ޕެޑްލް ކުރާ ކަމަށް ގަބޫލުކުރެވޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެކަމަކީ ވެރިފަރާތަށް ވެސް އެނގިގެން ކުރާ ކަމެއް ކަމަށްވެސް ޕީޖީއަށް ގަބޫލުކުރެވެ އެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ މި މައްސަލައިގައި މ. ބްރައިޓްފްލާވާގައި އެކަން ހުއްޓުވުމަށް އެންގުމުންވެސް ވެރިފަރާތުން އެކަން ހުއްޓުވާފައި ނުވާ ކަމަށެވެ.

ދައުލަތުން ހުސައިން ޔޫސުފްގެ މައްޗަށް ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ގެއެއް ނުވަތަ އިމާރާތެއް ނުވަތަ ގެއަކުން ނުވަތަ އިމާރާތަކުން ބައެއް، ގާނޫނުގައިވާ މަސްތުވާއެއްޗެއް، ޓްރެފިކްކުރުމަށް ނުވަތަ ޕެޑެލްކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ އެއިން ކަމެއް ކުރުމަށް ކަމަށް ގަބޫލުކުރެވޭ ހާލު، ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނެއްގައި އުޅޭ ފަރާތުން ނުވަތަ އެ ތަނެއްގެ މަސްއޫލިއްޔަތު އުފުލާ ފަރާތުން ހުއްދަ ދިނުން ނުވަތަ ހުއްދަކުރުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.

މިއީ ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތި ވިއްކާ މައްސަލައިގައި މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ގެއެއްގެ ވެރިފަރާތުގެ މައްޗަށް ދައުވާކުރެވުނު ފުރަތަމަ ފަހަރު ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!