ރިހިވެލި ރިސޯޓު

ރިހިވެލި އެއްބަސްވުން ބާތިލްކުރި މައްސަލަ އިސްތިއުނާފް ކޮށްފި

ރިހިވެލި ރިސޯޓުގެ ސަބްލީޒް އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށް ނިންމާ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރަން ހުށަހަޅައިފި އެވެ.

އިސްތިއުނާފް މައްސަލާގައި ވަނީ ދަށު ކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމުގެ އަމުރެއް ވެސް ނެރެދިނުމަށް އެދިފަ އެވެ.

ސިވިލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމްގައި ބުނެފައިވަނީ ރިހިވެލި ރިސޯޓް ހިންގުމަށް ސޭވް ދަ ޑްރީމް މޯލްޑިވްސް އާއި އެކު މާހަލް ޓްއާސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހަދާފައިވާ ސަބްލީސް އެއްބަސްވުން ބާތިލްކުރުމަށް މާހަލް އިން ފޮނުވާފައިވާ ނޯޓިހަކީ ސައްހަ ނޯޓިހެއް ކަމަށް ކަމަށެވެ. އެ ނޯޓިސްގެ ދަށުން ސަބްލީސް އެއްބަސްވުން ބާތިލްވެފައިވާތީ ސޭވް ދަ ޑްރީމް މޯލްޑިވްސް އަށް ނުވަތަ އެ ކުންފުނީގެ ހިއްސާދާރަކަށް ވެސް މާހަލް ޓުއާސްގެ ނުރުހުމުގައި ރިހިވެލި ބީޗު ރިސޯޓުގައި އިތުރަށް ދެމިތިބުމުގެ ނުވަތަ އެ ތަނުން މަންފާ ހާސިލްކުުރުމުގެ ހައްގެއް ލިބިގެން ނުވާ ކަމަށް ހުކުމްގައިވެ އެވެ.

ދަށު ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމަށް ހުށަހެޅި ނަމަވެސް އަދި ހައިކޯޓުން މައްސަލަ ބަލައިގެންފައި ނުވާ ކަމަށް ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ވަކީލް ނާޒިމް އަބްދުއްސައްތާރު މައުލޫމާތު ދެއްވާފައިވެ އެވެ.

މަހަލް ކުންފުނިން ބުނާ ގޮތުގައި އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމުގައިވާ ގޮތަށް ހެޑްލީސް ރެންޓާއި، ސަބްލީސް ރެންޓު، ސޭވް ދަ ޑްރީމް ކުންފުނިން ދައްކާފައި ނުވާތީ އެވެ. ސަބްލީސް ރެންޓުގެ ގޮތުގައި އެއް މިލިއަން ޑޮލަރު އަދި ހެޑްލީސް ރެންޓުގެ ގޮތުގައި 323،188 ޑޮލަރު ނުދައްކައި އޮތް ކަމަށް މަހަލް އިން ބުނެ އެވެ. މަހަލް އިން ދައްކާ ވާހަކަތަކާއި ސިވިލް ކޯޓުގެ ހުކުމަށް ބަލައި ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ރިހިވެލި ހިންގަން ދޫކުރި އެއްބަސްވުން ބާތިލުކޮށްފަ އެވެ.

ސިވިލް ކޯޓުން މަހަލް އާއި އެއްކޮޅަށް ހުކުމް ކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަހަލް ކުންފުނީގެ ފަރާތުން ރިހިވެލި ރިސޯޓާ ހަވާލުވާން ދިޔަ ބަޔަކާއި އެވަގުތު ރިސޯޓުގައި ތިބި ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ބަޔަކާ ދެމެދު މީގެކުރިން ވަނީ ހަމަނުޖެހުން ވެސް ހިންގާފަ އެވެ. އަދި ސިވިލް ކޯޓުން މައްސަލައިގައި ހުކުމް ކުރި ގާޒީގެ މައްސަލަ ވެސް މިހާރު ވަނީ ޖޭއެސްސީ އަށް ހުށަހަޅާފަ އެވެ.

ސޭވް ދަ ޑްރީމް މޯލްޑިވްސް އާއި މަހަލްއާ ދެމެދު ޖެހިފައިވާ މައްސަލައާއި ދާދި އެއްގޮތް އެހެން މައްސަލައެއްގައި ކާސްޓަވޭ މޯލްޑިވްސް އިން ވެސް ގެންދަނީ މަހަލް އާއި ދެކޮޅަށް ދައުވާކުރަމުންނެވެ. ރިހިވެލި ހިންގަން މަހަލްއާއި ކާސްޓަވޭއާ ދެމެދު 2014 ވަނަ އަހަރު ހެދި އެއްބަސްވުން ބާތިލްކޮށް މަހަލް އިން ވަނީ އެ މައްސަލަ ކޯޓަށް ހުށަަހަޅައިގެން ޖެނުއަރީ 2، 2018 ގައި ކާސްޓަވޭ އަތުން ވެސް ރަށް އަތުލާފަ އެވެ. އޭގެފަހުން ރިހިވެލި ހިންގުމާ ސޭވް ދަ ޑްރީމް މޯލްޑިވްސް އިން ހަވާލުވީ ފެބްރުއަރީ 15، 2018 ގައެވެ. ސަބްލީސް އެއްބަސްވުން ހެދީ 2042 ވަނަ އަހަރާ ހަމައަށް ރިސޯޓު ހިންގާ ގޮތަށެވެ.

މީގެއިތުރުން މަހަލް ޓުއާސްގެ އިސްވެރިންގެ މެދުގައިވެސް މައްސަލަ ތަކެއް ވަނީ ޖެހިފަ އެވެ. އެ މައްސަލަތައް ވެސް ކޯޓު ތަކުގައި ދަނީ ހިނގަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!