ސައުތު އީސްޓް އޭޝިއާ ސަރަޙައްދުގެ “ރީޖަނަލް ކޮމިޓީ”ގެ ބައްދަލުވުން ފަށައިފި

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ކޮމިޓީގެ 74ވަނަ ބައްދަލުވުން މިއަދު ފެށިއްޖެ އެވެ. ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މި ބައްދަލުވުން ކޯވިޑް-19 ބަލިމަޑުކަމާ ގުޅިގެން މި އަހަރުވެސް ބާއްވަނީ “ވަރޗުއަލް” ބައްދަލުވުމެއްގެ ގޮތުގަ އެވެ. މި މަހުގެ 6 ން 10 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ ފަރާތުން އެންމެ އިސްކޮށް ހުންނަވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ޑރ. ޝާހު ޢަބްދުﷲ މާހިރެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުއިއްޔާގެ ރީޖަނަލް ކޮމިޓީގެ ބައްދަލުވުމަކީ މި ސަރަޙައްދުގެ 11 ޤައުމުގެ ޞިއްޙަތާބެހޭ ވަޒީރުންނާއި ޞިއްޙީ ދާއިރާގެ އިސްވެރިންނާއި ފަންނީ ފަރާތްތައް ހިމެނޭގޮތަށް، މި ސަރަޙައްދުގެ ރައްޔިތުންގެ ޞިއްޙަތާގުޅޭ މުހިންމު ކަންކަން ކަނޑައަޅައި، މި ސަރަޙައްދުގެ ޞިއްޙަތާގުޅޭ ކަންކަން ކުރިއެރުމަށް މަޝްވަރާކޮށް، ނިންމުންތައް ނިންމާ އެންމެ މުހިންމު ‘ގަވަރނަންސް’ ބައްދަލުވުމެވެ. މި އަހަރުގެ ބައްދަލުވުމުގައި މެންބަރު ޤައުމުތަކުން ކޯވިޑް-19އާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި، ކުރެވުނު ތަޖުރިބާއާއި، މުސްތަޤުބަލުގައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވަޒީރުންގެ ފެންވަރުގައި މަޝްވަރާ ކުރެވޭނެ އެވެ. އަދި ކޮންމެހެން ފޯރުކޮށްދެންޖެހޭ ޞިއްޙީ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުމަށްޓަކައި ޤައުމުތަކާއި ސަރަޙައްދީ ފެންވަރުގައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވިގެންދާނެ އެވެ. މީގެ އިތުރުން ކޯވިޑް-19ގެ ޙާލަތުގައި ދެމުންގެންދާ ޞިއްޙީ އަސާސީ ޚިދުމަތްތައް ހަރުދަނާކުރުމާ ގުޅޭގޮތުން ސިއްޙަތާއިބެހޭ ވަޒީރުންގެ ޤަރާރެއް ފާސްކުރެވިގެންދާނެ އެވެ. މި ބައްދަލުވުމުގައި އެޖެންޑާ ކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި އެޗް.އައި.ވީ، ވައިރަލް ހެޕަޓައިޓިސް އަދި އެސް.ޓީ.އައި ފެތުރުން ހުއްޓުމާގުޅޭ ނިންމުމުކާއި، ގައިންގަޔަށް ނާރާ ބަލިތައް މަދުކުރުމާއި ގުޅޭ ނިންމުމުކާއި، 2022 އަދި 2023ވަނަ އަހަރަށް މި ސަރަޙައްދަށް ހުށަހަޅައިފައިވާ ބަޖެޓާ ގުޅޭގޮތުން މަޝްވަރާކުރުން ހިމެނެ އެވެ. މީގެ އިތުރުން ވެސް ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ އެންމެ ސަމާލުކަންދޭ ޞިއްޙީ މައްސަލަތަކާއިގުޅޭ ގޮތުން މިބައްދަލުވުމުގައި މަޝްވަރާކޮށް، އެމައްސަލަތަކަށް ޤައުމުތަކާއި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގުޅިގެން ކުރާނެ މަސައްކަތްތަކެއް ނިންމިގެންދާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!