ޅ. ކުރެއްދޫ ރިސޯޓުގައި އުޅުނު ފަތުރުވެރިއަކު ގެނބިއްޖެ އެވެ.
ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު އުމަރު އިބްރާހިމް އަވަސްއަށް ވިދާޅުވީ ކުރެއްދޫގެ ފަތުރުވެރިއަކު ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެ ހޮސްޕިޓަލުގެ ނަރުހަކާ ޑޮކްޓަރަކު މިހާރު ރިސޯޓަށް ގޮސްފައިވާ ކަމަށެވެ.
ގެނބުނު ފަތުރުވެރިޔާ މަރުވި ކަަމަށް އަޑުފެތުރިފައި އޮތް ނަމަވެސް އުމަރު އެކަން ކަށަވަރެއް ނުކޮށްދެއްވަ އެވެ. އަދި ފުލުހުން ވެސް މަރާ ގުޅޭ ގޮތުން އެއްޗެއް ނުބުނެ އެވެ.
“ޑޮކްޓަރު ހަމަ ދެންމެ އެ ރިސޯޓަށް ދިޔައީ. ޑޮކްޓަރު ކަނޑައަޅަނީ މަރުވެއްޖެތޯ ނޫނީ ނޫންތޯ” އުމަރު ވިދާޅުވި އެވެ.
ގެނބުނީ ކޮން ގައުމެއްގެ ފަތުރުވެރިއެއްކަމެއް ވެސް ނޭނގެ އެވެ. ފަތުރުވެރިން ގެނބި މަރުވުމުގެ ހާދިސާތައް މީގެ ކުރިން ވެސް ރާއްޖޭގައި ހިނގައިފައި ވެއެވެ.