ރައީސް ސޯލިހާއި ރައީސް ނަޝީދު އެމްޑީޕީގެ ހަރަކާތެއްގައި ބައިވެރިވަނީ -- ފޮޓޯ: އެމްޑީޕީ

ޕްރައިމަރީން އަޅުގަނޑު ބައްޔެއް ނުވާނެ: ނަޝީދު

އެމްޑީޕީގެ އެއްވެސް އިންތިހާބެއްގައި ވޯޓުން ބަލި ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހައެއްފަހެއްގެ ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި އެމަނިކުފާނު ބަލި ނުކުރެވޭނެ ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕްރައިމަރީން ބަލިވެވަޑައިގެންފިނަމަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާނަންތޯ ނޫސްވެރިޔަކު ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ. ސީދާ ސުވާލުގެ ޖަވާބެއް އެމަނިކުފާނު ދެއްވާފައެއް ނުވެ އެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީން ބަލި ނުވާނެ ކަމަށެވެ. އެހެންކަމުން ސުވާލާ ގުޅޭގޮތުން ވިދާޅުވާނެ އިތުރު އެއްޗެއް ނެތް ކަމަށެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް އެމްޑީޕީން ލިބިވަޑައިގެންނެވީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޓިކެޓް ކަމަށާއި އެ ޓިކެޓް ރައީސް ސޯލިހަށް ލިބިވަޑައިގަތީ އެވަގުތު އެމަނިކުފާނަށް ކުރިމަތިނުލެއްވޭނެ ހާލަތެއް އޮވުމުން ކަމަށްވެސް ވިދާޅުވި އެވެ. އަދި ޕްރައިމަރީ އަކާ ނުލައި ރައީސް ސޯލިހަށް ޓިކެޓް ލިބިވަޑައިގެންނެވި ނަމަވެސް ޕްރައިމަރީއާ ނުލައި ޓިކެޓް ލިބޭނެ އުސޫލެއް އެމްޑީޕީގައި ނެތް ކަމަށެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހާއި ދެމެދު ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި ގުޅިގެން ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު 2023ގެ ކުރިން ބަރުލަމާނީއަށް ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް އެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް ނަޝީދު ވަނީ ކުރިން ވިދާޅުވެފަ އެވެ. ރާއްޖެއަށް އެންމެ ފައިދާކުރާ ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީން އަބަދުވެސް އިންތިޒާރުކުރަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުވާނެ ދުވަހަކަށް ކަމަށް ވެސް ރައީސް ނަޝީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!