ކޭޝް ކާޑު ބޭނުންކޮށްގެން ވަގަށް ވިޔަފާރިކުރި ދެ މީހުން -- ފޮޓޯ: ޕޮލިސް

ގެއްލުނު ކޭސް ކާޑަކުން ވިޔަފާރިކުރާ ދެމީހަކު ހޯދަނީ

ގެއްލިގެން ރިޕޯޓް ކޮށްފައިވާ މާސްޓާ ޑެބިޓް ކާޑަކުން ވަގަށް ވިޔަފާރި ކޮށްފައިވާ މައްސަލައެއްގައި ދެމީހަކު ހޯދަން ފުލުހުން އާންމުގެ އެހީއަށް އެދިއްޖެ އެވެ.

ފުލުހުން މިހާރު ވަނީ ކޭސް ކާޑު ބޭނުންކުރި ކުރި ދެ މީހުންގެ ވީޑިއޯއެއްވެސް އާންމުކޮށްފަ އެވެ.

އެ ވީޑިއޯއިން ފެންނަނީ ދެ ފިރިހެނުން ހެދުން ވިއްކާ ފިހާރައެއްގައި ހަރަކާތްތެރިވާ މަންޒަރެވެ. އެކަކު ހުރީ ތޮއްޕެއް އަޅައިގެނެ އެވެ. އޭނާ ހުރީ އަތް ދުގު ގަމީހެއް ވެސް ލައިގެނެވެ. ދެވަނަ މީހާ ހުރީ އަޅި ކުލައިގައި އޮތް ކުރު ގަމީހެއް ލައިގެނެވެ.

ދެ މީހުން ވެސް ތިބީ މާސްކު އަޅައިގެނެވެ. އެކަކުގެ މާސްކް ދަތްދޮޅި މަތީގައި އޮތުމުން އޭނާގެ މޫނު ސާފުކޮށް ފެނެ އެވެ.

އެމީހުން ވަގަށް ބޭނުން ކުރި ކާޑަކީ މިދިޔަ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މާސްޓާ ޑެބިޓް ކާޑެ ކެވެ. އޭތި ބޭނުންކޮށްގެން ފިހާރައަކުން އެ ދެމީހުން ވަނީ ވިޔަފާރިކޮށްފަ އެވެ. ކާޑުން ވައްކަން ކުރި ފައިސާގެ އަދަދެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ދެ މީހުން ހޯދަމުންދަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ކަމަށް މައުލޫމާތު ދީފައިވެ އެވެ. ފުލުހުން ބުނީ އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.

ފުލުހުން ވަނީ މީގެ ކުރިން ވެސް މިފަދަ ކުށްތައް ހިންގާ މީހުން ހޯދުމަށް އާންމުންގެ އެހީއަށް އެދިފަ އެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުން ވެސް ވަރަށް ބޮޑެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!