މާފުށި ޖަލު

މާފުށީ ޖަލުން އިތުރު އޮފިސަރެއް ޕޮޒިޓިވް

މާފުށީ ޖަލުގެ އޮފިސަރެއް ކޮވިޑް-19 އަށް ޕޮޒިޓިވް އެ ޖަލު ކުއްލި ހާލަތަށް ގެނެސްފައިވާއިރު އިތުުރު އޮފިސަރެއް ޕޮޒިޓިވްވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިރޭ ބުނީ މާފުށީ ޖަލުގެ އޮފިސަރެއްގެ ފަރާތުން ކޯވިޑް-19 ގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރުމުން މިމަހުގެ ތިންވަނަ ދުވަހު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެން ކަމުން ޖަލުގެ ސަލާމަތާއި ރައްކަލަށްޓަކައި އެ ރެއިން ފެށިގެން މާފުށީ ޖަލު ކުއްލި ހާލަތައް ގެނެސްފައިވާ ކަމަށެވެ. އަދި ވަގުތީ ގޮތުން ގައިދީންގެ ހުރިހާ މޫވްމަންޓްތައް މެދުކަނޑާލާފައިވާ ކަމަށެވެ.

އޭގެ ފަހުން ނެގި ސާމްޕަލްތަކުން އިތުރު އޮފިސަރެއް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ދަނީ ގޯސްވަމުންނެވެ. މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއް ކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 45 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 106 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ހަ މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 4،544 ސާމްޕަލް އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،002 މީހުންނެވެ. މިހާތަނަށް 79،569 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 27 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އަދާ ހަމައަށް 226 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!