ދައުލަތުން ބަދަލު ހޯދާ ނަމަ ގެއްލުންވިކަން ސާބިތުކޮށްދޭން ޖެހޭ ގޮތަށް އުސޫލެއް ހަދަނީ

ދައުލަތުން ބަދަލު ހޯދާ ނަމަ ގެއްލުންވިކަން ސާބިތުކޮށްދޭން ޖެހޭ ގޮތަށް، ދިވެހި ދައުލަތުން ގެއްލުމުގެ ބަދަލުދިނުމާ ގުޅޭ އުސޫލެއް ހެދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ލަފާދީފިއެވެ. އޭސީސީން މިގޮތަށް ލަފާދީފައިވަނީ ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ރާވާފައިވާ ގޮތާއި ނަޒާހަތްތެރިކަމާއެކު ކަންކަން ބައްޓަންކޮށް، މަސައްކަތް އިތުރަށް ހަރުދަނާކޮށް، ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ލަފާދީ، އެ ކަންކަމާ މެދު ދެކޭގޮތް ހާމަކުރުމަށް “ހުދު ކަރުދާސް” ގެ ނަމުގައި ނެރެމުން އަންނަ ސިލްސިލާ ރިޕޯޓުތަކުގެ ތެރެއިން “ދައުލަތުގެ މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގެ ނިޒާމުގެ ނަޒާހަތްތެރިކަން” މި ރިޕޯޓްގައެވެ. މިރިޕޯޓްގައި އޭސީސީން ވަނީ ދައުލަތުން ބަދަލުދިނުމާއި ގުޅިގެން އޭސީސީއަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަނުން ތަހުގީގުކުރަމުންދާ 6 މައްސަަލައަކަށް އަލިއަޅުވާލާ ފާހަގަކުރެވުނު މައިގަނޑު 9 މައްސަލައެއް ފާހަގަކޮށް އެކަންކަން ހައްލުކުރުމަށް ލަފާވެސް ހުށަހަޅާފައެވެ. ކޮމިޝަނުން ފާހަގަކޮށްފައިވާ އެއް މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް އެކުލަވާލާފައިވާ ސެޓްލެމެންޓް ކޮމިޓީން މައްސަލަ ނިންމުމުގައި އަމަލުކުރާނެ ވަކި މިންގަނޑެއް ލިޔުމުން ނެތުމެވެ. އޭސީސީން ފާހަގަކޮށްފައިވާ އަނެއްކަމަކީ ގެއްލުމުގެ އަގު ކުރުމުގެ ގޮތުން ހަދަންޖެހޭ އެސެސްމަންޓް ނުހެދުން ނުވަތަ އެސެސްމެންޓް ހެދުމަށް ބޭނުންވާނެ ގައިޑްލައިނެއް ހަދާފައި ނުވުމެވެ. މީގެއިތުރުން ގެއްލުމެއް ލިބިދާނެކަމަށް ލިޔުމުން އަންދާޒާކުރެވިފައި ނެތުމަކީވެސް މައްސަލައެއްކަމަށް އޭސީސީން ވަނީ ފާހަގަކޮށްފައެވެ. ލިބިފައިވާ ގެއްލުން އަގު ކުރުމުގެ އެސެސްމެންޓް ކަނޑައަޅަނީ ކޮށްފައިވާ މަސައްކަތާއި އެއްބަސްވުމުގައި ކުރަން ކަނޑައަޅާފައިވާ މަސައްކަތުގެ ފަރަގުން ކަމަށްވާއިރު މިއެސެސްމެންޓް ހެދުމުގައި އަމަލުކުރާނެ އެއް ހަމަތަކެއް ނުވަތަ ގައިޑްލައިނެއް ހެދިފައިނުވެއެވެ. އެހެންކަމުން އެކި ހާލަތްތަކުގައި އެކި ގޮތްގޮތަށް އެސެސްމެންޓް ހެދުމާއި ވަކި ބަޔަކަށް މަންފާ ކުރާނެގޮތަށް ކަންކަން ކުރުމުގެ ފުރުސަތު އޮންނަކަމަށް ރިޕޯޓްގައި ބުނެއެވެ. އަދި ގެއްލުމެއް ލިބިދާނެކަމަށް އަންދާޒާކުރުމުގެ މާއްދާއެއް ލިޔުމުގައި ބަޔާންވެފައި އޮތުމީ ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާ ދެ ފަރާތަށްވެސް ބަދަލުގެ ގޮތުގައި އެދެވޭނެ މިންވަރު އަންދާޒާކޮށްދީ ގެއްލުމުގެ ބަދަލުގައި ދޭންޖެހޭ އަދަދު ކުޑަވާނެކަމެއް ކަމަށް އޭސީސީން ބުނެއެވެ. މިކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ސެޓްލްމެންޓް ކޮމިޓީ އާ ގުޅޭގޮތުން މައިގަނޑު 4 ލަފާއެއް ވަނީ ހުށަހަޅާފައެވެ. ފުރަތަމަ ކަމަކީ ދިވެހި ދައުލަތުން ގެއްލުމުގެ ބަދަލުދިނުމާއި ގުޅޭ އުސޫލެއް ހެދުމަށެވެ. އަދި އެއުސޫލުގައި 8 ކަމެއް ހިމެނުމަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގެއްލުން ލިބުނު ކަމަށް ބުނާ ފަރާތުން، ލިބުނު ގެއްލުން ސާބިތުކޮށްދޭންޖެހުން، ބަދަލަށް އެދި ތުހުމަތެއް ކުރާއިރު، ކުރެވުނު ތުހުމަތާއި ނުކުތް ނަތީޖާއާއި ގުޅުން ގާއިމްކޮށް، ލިބުނު ގެއްލުމުގައި ފެކްޗުއަލް ނުވަތަ ލީގަލް ކޮޒޭޝަނެއް ޤާއިމްކުރެވިފައިވޭތޯ ކަށަވަރުކުރުން، ލިބިފައިވާ ގެއްލުމުގެ ހެކި ވަޒަންކުރާނެ މިންގަނޑެއް އެކުލަވާލުން، ސްޓެންޑަރޑް އޮފް ޕްރޫފް’ ނުވަތަ ހެކި ސާބިތުކުރާނެ މިންގަނޑެއް އެކަށައެޅިގެންދާނެގޮތެއް ކަނޑައެޅުން، ލިބިފައިވާ ގެއްލުމަކީ، އެއްބަސްވުމުގައި ދެފަރާތުންވެސް އަންދާޒާކުރެވިފައިވާ ގެއްލުމެއްކަން ސާބިތުކުރެވުން، އެއްބަސްވުމުގައި ލިބިދާނެ ގެއްލުންތައް އަންދާޒާ ކުރެވޭނެ މާއްދާއެއް އޮތްކަން ކަށަވަރުކުރުން، ގެއްލުން ކުޑަ ކުރުމަށް ނުވަތަ މިޓިގޭޓް ކުރުމަށް ކޮށްފައިވާ ކަންތައްތަކަކީ ކޮބައިކަން ބެލުން އަދި ގެއްލުމުގެ ބަދަލު ދިނުމުގެ ކުރިން ލިބިފައިވާ ގެއްލުން އަގުކުރުމަށް ހެދޭ އެސެސްމެންޓެއް ހެދުން، އަދި މި އެސެސްމެންޓް ހަދާނެ ގޮތުގެ ގައިޑްލައިނެއް އެކުލަވާލުމެވެ،

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!