ރިހިވެލި ދަ ޑްރީމް ރިސޯޓު

ރިހިވެލީގެ ހުކުމާ އެކު ގާޒީގެ މައްސަލަ ޖޭއެސްސީ އަށް

ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރުގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.

ޖޭއެސްސީ އަށް މައްސަލަ ހުށަހަޅުއްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އެވެ.

އަލީ ނަސީރަކީ ރިހިވެލި ރިސޯޓު ހިންގުމަށް ހަދާފައިވާ އެއްބަސްވުމެއްގެ މައްސަލާގައި ހުކުމް ކުރެއްވި ގާޒީ އެވެ. އެ މައްސަލާގައި ދައުވާކުރީ ސޭވް ދަ ޑްރީމް ފްރާންސުންނެވެ. އެ ފަރާތުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ނާޒިމް އެވެ.

ސިވިލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމްގައި ބުނެފައިވަނީ ރިހިވެލި ރިސޯޓް ހިންގުމަށް ސޭވް ދަ ޑްރީމް މޯލްޑިވްސް އާއި އެކު މާހަލް ޓްއާސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހަދާފައިވާ ސަބްލީސް އެއްބަސްވުން ބާތިލްކުރުމަށް މާހަލް އިން ފޮނުވާފައިވާ ނޯޓިހަކީ ސައްހަ ނޯޓިހެއް ކަމަށް ކަމަށެވެ. އެ ނޯޓިސްގެ ދަށުން ސަބްލީސް އެއްބަސްވުން ބާތިލްވެފައިވާތީ ސޭވް ދަ ޑްރީމް މޯލްޑިވްސް އަށް ނުވަތަ އެ ކުންފުނީގެ ހިއްސާދާރަކަށް ވެސް މާހަލް ޓުއާސްގެ ނުރުހުމުގައި ރިހިވެލި ބީޗު ރިސޯޓުގައި އިތުރަށް ދެމިތިބުމުގެ ނުވަތަ އެ ތަނުން މަންފާ ހާސިލްކުުރުމުގެ ހައްގެއް ލިބިގެން ނުވާ ކަމަށްވެސް ހުކުމްގައިވެ އެވެ.

ޖޭއެސްސީ އަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ މި ހުކުމް ކުރީ މިދިޔަ އަންގާރަ ދުވަހުގެ 15:50 ހާއިރު ކަމަށެވެ. ނަމަވެސް މި ހުކުމާ އެކު މާލެ އަތޮޅުގެ ދެކުނުގައި އޮތް ރިހިވެލި ރިސޯޓަށް މާހަލް ޓުއާސް އިން އެރިއިރު ގަޑިން 16:15 ކަމަށެވެ. މައްސަލާގައިވާ ގޮތުން ލޯންޗެއްގައި މާލެއިން ފުރައިގެން ރިހިވެލި ރިސޯޓަށް ދެވޭނީ ކަނޑުމަޑު ދުވަހެއްނަމަ 45 މިނެޓުން ކަމަށްވެސް ބުނެފައިވެ އެވެ.

އެކަމަކު އެ ދުވަހުގެ 16:15 ގައި ރިހިވެލި ރިސޯޓަށް އެރި މީހުންގެ އަތުގައި އޮތް މާހަލް ޓުއާސްގެ ސިޓީގައި ގަޑިއަކަށް ޖަހާފައި އޮތީ 16:05 ކަމަށާއި އެހެންކަމުން ހުކުމް ކުރުމާއި ރިހިވެލި ރިސޯޓަށް އެރި މީހުން އެރި ގަޑިއާއި ދެމެދު 45 މިނެޓް ނުވާ ކަން އެނގޭ ކަމަށްވެސް މައްސަލާގައިވެ އެވެ.

“މިހެންކަމުން ކޯޓުގެ ނަންބަރު 3121/Cv-C/2020 ގަޒިއްޔާގައި ކުރަން އޮތް ހުކުމެއް، ދައުވާ ލިބޭ ފަރާތަށް އެނގިފައި އޮތީ ގާޒީ އަލީ ނަސީރުގެ އިހުމާލުން ކަމުގައިވާތީ އޭނާގެ މައްޗަށް ފިޔަވަޅު އަޅައިދެއްވުމަށް އަޅުގަނޑުގެ މުވައްކިލް އެދޭ ވާހަކަ ދެންނެވީމެވެ.،” ނާޒިމްގެ ލޯ ފާމް، ލިޓިގަންޓްސް އިން ނެރެފައިވާ ބަޔާނުގައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!