ސިފައިންނަށް ހިއުމަން ރައިޓްސްގެ ރޮނގުން ޢިލްމާއި ހޭލުންތެރިކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް: މިނިސްޓަރ މާރިޔާ

ސިފައިންނަށް ހިއުމަން ރައިޓްސްގެ ރޮނގުން ޢިލްމާއި ހޭލުންތެރިކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޑިފެންސް މިނިސްޓަރ އަލް އުސްތާޛާ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ ދިވެހި ޤައުމީ ދިފާޢީ ބާރާއި އެމެރިކާގެ އަސްކަރިއްޔާއިން ގުޅިގެން ކުރިއަށް ގެންދާ އެކްސަރސައިޒް ލެންޓަރން މެޓަލް ސީރީޒްގެ ފުރަތަމަ ޓްރެއިނިންގ އެކްސަރސައިޒް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ނެވެ. ޑިފެންސް މިނިސްޓަރ ވިދާޅުވީ އެކްސަރސައިޒް ލެންޓަރން މެޓަލް އަކީ ދިވެހިރާއްޖެއާއި އެމެރިކާ އާދެމެދު ޒަމާނުއްސުރެ އޮންނަ ގާތް އަދި ވަރުގަދަ އަސްކަރީ ގުޅުމުގެ މައްޗަށް އޮތް ހެއްކެއް ކަމަށެވެ. އަދި ދެޤައުމުގެ ދެމެދުގައި މިދިޔަ އަހަރު ސޮއިކުރި ޑިފެންސް ފްރޭމްވަރކް އެގްރީމެންޓުގެ ސަބަބުން ދިފާޢީ ރޮނގުން ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަމަށް ވެސް ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް އަޙައްމިއްޔަތުކަން ދެއްވާތީއާއި، ދިވެހި ޤައުމީ ދިފާޢީ ބާރު “ޑިމޮކްރަޓައިޒް” ކުރުމަށް މަސައްކަތްކުރަމުން ގެންދާތީ، ސިފައިންނަށް ހިއުމަން ރައިޓްސްގެ ރޮނގުން ޢިލްމާއި ހޭލުންތެރިކަން ދިނުމަކީ ވަރަށް މުހިންމު ކަމެއްކަން މިނިސްޓަރ މާރިޔާ ވަނީ ފާހަގަ ކުރައްވާފަ އެވެ. ލ. ކައްދޫގައި ހުންނަ އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ ކޮމާންޑުގައި ބޭއްވި މިރަސްމިއްޔާތުގައި މިނިސްޓަރ ވަނީ މިދިޔަ ބުރާސްފަތިދުވަހު، އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އަށް ދިން ބޮމުގެ ޙަމަލާތަކުގައި މިދުނިޔެ ދޫކުރި އެމެރިކާގެ ސިފައިންނާއި ޒަޚަމްވި ސިފައިންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފަ އެވެ. އަދި 2004 ވަނަ އަހަރު އަފްޣާނިސްތާނުން ފާސްކުރި ޤާނޫނު އަސާސީން އެޤައުމުގެ އަންހެނުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތައް، އޭގެ އެންމެ ފުރިހަމަ ގޮތުގައި، ރައްކާތެރިކޮށްދީ، ފޯރުކޮށްދިނުމަށް، އެޤައުމުން ފަށާފައިވާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށް އުންމީދުކުރައްވާކަމަށް އެކަމަނާވަނީ ވިދާޅުވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!