ޕީޕީއެމް، ޕީއެންސީގެ ރަސްމިއްޔާތެއްގައި ރައީސް ވަހީދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19ގެ އަސްލާ ގުޅޭގޮތުން އެމެރިކާއިން ނެރުނު ރިޕޯޓާ މެދު ސުވާލު އުފެދޭ: ވަހީދު

ކޮވިޑް-19 ގެ އަސްލާ ގުޅޭގޮތުން އެމެރިކާއިން ނެރެފައިވާ ރިޕޯޓާ މެދު ސުވާލު އުފެއްދޭނެ ޖާގަ އެބަ އޮތްކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ. ޗައިނާގެ ޝިންހުއާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވަހީދު ވިދާޅުވީ ސއްިހީ ކަންތައްތަކުގައި ނެރޭ ދިރާސީ ރިޕޯޓެއްގައި އެންމެ ބޮޑު އިސްކަމެއް ދެވެން ވާނީ އިލްމީ ނުކުތާތަކާއި ވާހަކަތަކަށްކަމަށެވެ. “މުޅި ދުނިޔެއާއި ގުޅޭ ސިއްހީ މި ފަދަ ކަމެއްގައި އެންމެ ބޮޑު އިސްކަމެއް ދޭންވަނީ ސައިިންސާއި އޭގެ އެކި ފެކްޓުތަކަށް. އަމިއްލަ ވިސްނުންތަކާއި އަމިއްލަ ހިޔާލާއި ނިންމުންތަކަށް މިފަދަ ސިއްހީ ކަމެއްގައި ޖާގައެއް ނޯންނާނެ،” ވަހީދު ވިދާޅުވިއެވެ. ވަހީދު ވިދާޅުވީ އެމެރިކާއިން ނެރުނު ރިޕޯޓުގައި ސިޔާސީ ގޮތުން އެތައް ވާހަކައެއް ދައްކާފައިވާކަމަށެވެ. އަދި ޗައިނާއާ ދެކޮޅަށް ދައްކާފައިވާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތި ދައްކާފައިވާ ވާހަކައެއްކަން ޔަގީންވާކަމަށް ވެސް ވަހީދު ވިދާޅުވިއެވެ. “ވެދާނެ ސިޔާސީ ވެރިން އެ މަސައްކަތްކުރަނީ އެހީތެރިވުމުގެ ބަދަލުގައި އެއްް ގައުމު އަނެއް ގައުމެއްގެ ބޮލުގައި ކުށް އެޅުވުމަށްކަމަށް. ޗައިނާ އާ ދެކޮޅަށް ބަސް ބުނަނީ ޔަގީނުން ވެސް އޭގެ ފަހަތުގައި މަގްސަދެއް އޮވެގެން. އެކަން ވަރަށް ސާފު،” ވަހީދު ވިދާޅުވިއެވެ. މީގެ އިތުރުން މި ބަލިމަޑުކަން ސިޔާސީ ނުކުރި ނަމަ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަވަހަށް އަޅާ ލިބުނު ގެއްލުން ކުޑަ ކުރެވުނީސްކަމަށް ވެސް ވަހީދު ވިދާޅުވިއެވެ. އަދި ބަލިން ރައްކާތެރިވުމަށް އެންމެ ފުރަތަމަ ހަރުދަނާ ފިޔަވަޅުތަކެއް އެޅިވެސް ޗައިނާއިންކަމަށް ވަހީދު ވިދާޅުވިއެވެ. ޗައިނާގެ ޝިންހުއާ ނޫހަށް ދެއްވި އިންޓަވިއުގައި ވަހީދުވަނީ ކޮވިޑް-19ގެ ހާލަތުގައި ޗައިނާއިން ރާއްޖެއަށް ދިން އެހީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެއީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދިޔަ ކަމެއްގެ ގޮތުގައި ވަހީދު ސިފަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދެވެ އެކުވެރިކަން ދެމިއޮންނާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!