މިއަދު އުޑުމަތިން ފެނުނު "ހޭލޯ ފިނޯމިނާ" ވަށްބުރު

އިރުވަށާ ވަށްބުރު، މިއީ އިހުގައި ކިޔާ “އިރު ގެއެޅުން”!

އިހުގައި ކިޔާ “އިރު ގެއެޅުން” މިއަދު އިރުގެ ވަށައިގެން ވިއްސާރަ ދުނި ކުލަތަކާއެކު ފެންނަ ވަށްބުރުން ސިފަވެއްޖެއެވެ. މިއަދު ގިނަ އިރުތަކެއް ވާންދެން ފެންނަން ހުރި އެ ވަށްބުރުން ގިނަ ބަޔަކަށް ހައިރާންކަން ގެނުވިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި ވަށްބުރަށް ކިޔަނީ “ހޭލޯ ފިނޯމިނާ” އެވެ. ސޯޝަލް މީޑިޔާގައި މިއަދު އެންމެ ގިނައިިިން ދައުރުކުރި އެއް ފޮޓޯ އަކަށް ގިނަ ބަޔަކު އާޝޯހުކޮށްލި މި “ހޭލޯ” ގެ ފޮޓޯއަށް ނުވެ ނުދާނެއެވެ. ގިނަ ބަޔަކަށް އެމަންޒަރު ފެނުމުގެ ކުރިން މެޓް އިން ވަނީ އޭގެ ހަގީގަތް ބުނެދީފައެވެ. އެގޮތުން މެޓުން ބުނީ، އެއީ “ހައި ކްލައުޑް ލޭޔާއެއް” ހުރުމުން ފެންނަ އެއްޗެއް ކަމަށެވެ. އެއީ ހަމަ އެކަނި އިރުން ފެންނަ އެއްޗެއް ނޫން ކަމަށާއި ހަނދު ވަށައިގެން އެ ވަށްބުރު ފެނިގެން ދާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ. މެޓުން ބުނީ، އެއީ އުޑުގެ އެންމެ މަތީ ފަށަލައިގައި އުފެދޭ ސިރޯސްޓުރާޓަސް ފަދަ ވިލާގައި ހުންނަ ގަނޑުފެނުގެ ކުރިކީލަތަކުގެ ތެރެއިން، އަލި ރިފެރިވެގެން އައުމުގެ ސަބަބުން ފެންނަ ވަށްބުރެއް ކަމަށެވެ. ގުދުރަތީ މިފަދަ އާދަޔާ ހިލާފު ކަންކަން މަދު މަދުން ފެނިގެން ދާއިރު މިފަދަ ކޮންމެ މަންޒަރެއްގެ ފޮޓޯތަކުން މުޅި ސޯޝަލް މީޑިޔާ ފުރާލާކަން ފާހަގަ ކޮށްލެވެއެވެ. މިއަދު އުޑުމަތިން ފެނުނު “ހޭލޯ ފިނޯމިނާ” އަކީ، ކުރީގައި ދިވެހިން ކިޔާ އުޅޭ އިރު ގެއެޅުމެވެ. ހަނދު ވަށައިގެން ފެންނަ އެފަދަ ވަށްބުރަށް ދިވެހިން ކިޔާ އުޅެނީ ހަނދު ގެއެޅުމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!