ބިދޭސީ މަސައްކަތްތެރިންތަކެއް

ވޯކް ޕާމިޓް ފީ ދެއްކޭނީ ސިސްޓަމުން އިންޝުއަރެންސް ހުށަހެޅުމުން: އިކޮނޮމިކް މިނިސްޓްރީ

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ވޯކް ޕާމިޓް ފީ ދެއްކޭނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިންޝުއަރެންސް ހުށަހެޅުމުން ކަމަށް އިކޮންމިކް މިނިސްޓްރީން އަންގައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބިދޭސީންނަށް ވޯކް ޕާމިޓް ފީ ދެއްކޭނީ އެ މިނިސްޓްރީގެ މިނިމަމް ރިކުއާމަންޓް ނުވަތަ އަސާސީ ޝަރުތުތަކާ އެއްގޮތަށް، އިންޝުއަރެންސް ޕެކޭޖުގެ މައުލޫމާތު އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުންނެވެ.

އެހެންކަމުން މި މަހުގެ 15 ވަނަ ދުވަހުގެ ފަހުން ވޯކް ޕާމިޓް ފީ ދެއްކޭނީ އެ މައުލޫމާތު ހިއްސާކޮށްގެން ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ އެ މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ އިންޝުއަރެންސް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އެ ފަރާތްތައް ރަޖިސްޓާ ކޮށްފައިވާ ތާރީހުތައް މިނިސްޓްރީގެ ވެބްސައިޓުން ފެންނާނެ ގޮތް ހަދާފަ އެވެ.

މިނިސްޓްރީގެ އާ އުސޫލަށް އަމަލުކުރަން ނިންމާފައިވާއިރު މީގެ ކުރިން އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން ނަގާފައިވާ މުއްދަތު ހަމަނުވާ ވޯކް ޕާމިޓް އިންޝުއަރެންސް ޕެކޭޖެއް އޮތްނަމަ، އެ ޕެކޭޖްގެ މުއްދަތު ހަމަވަން ދެން ވޯކް ޕާމިޓް ދޫކުރާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކް (ސްޓެޓްސް) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މާޗް މަހުގެ ނިޔަލަށް 177،585 ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ އެވެ. އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެއީ ބިދޭސީ މަސައްކަތު އާބާދީގެ 63 ޕަސަންޓް ނުވަތަ 112،588 މީހުންނެވެ. ދެވަނައިގައި 28،840 މީހުންނާ އެކު އިންޑިއާ އޮތްއިރު ތިންވަނައިގައި އޮތީ ސްރީ ލަންކާ އެވެ. އެއީ 15،670 މީހުންނެވެ. ނޭޕާލްގެ 5،029 މީހުން މަސައްކަތް ކުރާއިރު ޗައިނާގެ 3،506 މީހަކު ވެސް ރާއްޖޭގައި މަސައްކަތް ކުރެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!