ރަސްފަރި ފަރަށް އުރުނު އާގު ބޯޓު: އެ އުޅަނދު ބޭނުންވަނީ ރާއްޖެއިން ދާން --- އަވަސް ފޮޓޯ

ކާގޯ ބޯޓު ބޭނުންވަނީ ފުރަން، ޑިޕޮސިޓް ފައިސާގެ ވާހަކަ ނުދައްކާ

ރަސްފަރި ފަރަށް މިދިޔަ މަހު 19 ގައި އުރުނު ކާގޯ ބޯޓު “ނާވިއޮސް އާމަލިސް” ބޭނުންވަނީ ރާއްޖެއިން ފުރަން ކަމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ ( އީޕީއޭ) އިން ބުނެފި އެވެ.

އާގު ބޯޓާ ގުޅޭގޮތުން އަވަސް އިން ސުވާލު ކުރުމުން އީޕީއޭގެ ޑިރެކްޓަރު ރިފްއަތު ނައީމް ވިދާޅުވީ އެ ހާދިސާގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

ރިފްއަތު ވިދާޅުވީ ކާގޯ ބޯޓުގެ ވެރިން ބޭނުންވަނީ ފަރަށް އެރުމުގެ ސަބަބުން ބޯޓަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށް ޕެނެމާއަށް ގެންދިއުމަށް ކަމަށެވެ. އަދި އެކަން ޓްރާންޕޯޓް މިނިސްޓްރީ އަށް ބޯޓުން އަންގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ތަހުގީގުގެ މަރުހަލާ ނުނިމެނީސް ބޯޓަށް ރާއްޖެއިން ފުރައިގެނެއް ނުދެވޭނެ އެވެ. ތަހުގީގު ނިމުމުގެ ކުރިން އެ ބޯޓު ފުރަން ބޭނުންނަމަ ފަރަަށް އެރުމުން ލިބުނު ގެއްލުންތަކަށް ބަދަލުދޭން 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ދައްކަން ޖެހެ އެވެ. އެކަން ފާހަގަކުރައްވަމުން ރިފްއަތު ވިދާޅުވީ ޑިޕޮސިޓް ދެއްކުމާއި ގުޅޭގޮތުން ބޯޓުގެ ވެރިން އަދި މިހާތަނަށް އީޕީއޭ އާއި އެކު އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާ ކަމަށެވެ.

އާގު ބޯޓު ފުން ކުރީ މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު އެވެ. ބޯޓު ފުންކުރީ 150 އާއި 50 ޓަނުގެ ދެ ޓަގު ބޯޓު ރާއްޖެ ގެނެސް، އެ ބޯޓުތައް ބޭނުންކޮށްގެންނެވެ. ބޯޓު ފުން ކުރުމަށާއި ބޯޓު ފުންކުރާއިރު އެ ސަރަހައްދުގެ ވެއްޓަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ބޭނުންވާނެ ވަސީލަތްތައް ދުބާއީއާއި މޮރިޝަސް އިން ހޯދައި އެތަކެތި ވެސް ރާއްޖެ ގެނެސްފައިވެ އެވެ. އުޅަނދު ފުންކޮށް، ބޯޓު ބަނދަރު ކޮށްފައިވަނީ ކުޑަ ބަނޑޮސް ކައިރީގަ އެވެ.

ގާތްގަނޑަކަށް 600 ފޫޓުގެ ދިގު އަދި 32،000 މެޓްރިކް ޓަނަށް ވުރެ ބޮޑު ކާގޯ ބޯޓު ފުންކުރިއިރު މިހާތަނަށް ބެލި ބެލުމުން ތިމާވެއްޓަށް ގެއްލުން ވާނެ އެއްވެސް އެއްޗެއް ބޯޓުން ބޭރުވެފައި ނުވާ ކަމަށް އީޕީއޭއިން ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!