އަފްޣާން އާންމުން އަފްޣާން ސިފައިންނަށް ތަރުހީދިނުމަށް އެއްވެ --

އަފްޣާން ޖަލުގައި ތިިބި ދިވެހި އާއިލާ މިނިވަން ވެއްޖެ

ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން އުޅެނިކޮށް އަފްޣާނިސްތާނުން ހައްޔަރުކުރި ދިވެހި އާއިލާ ޖަލު ހުކުމުން ސަލާމަތްވެ މިނިވަން ވެއްޖެ އެވެ. އެކަން އެ މީހުން ނިސްބަތްވާ އާއިލާއިން ވަނީ ޔަގީންކޮށްދީފައެވެ.

އަފްޣާނިސްތާނުން ހައްޔަރު ކުރީ އަލީ ޝަފީއު، ހ. މޫންލައިޓްވެލީ ގެ އިތުރުން އޭނާގެ އަންހެނުންނާއި އެ ދެމަފިރިންގެ ހަތަރު ކުދިން ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، ޝަފީއު އޭނާގެ އަނބި ދަރިން ގޮވައިގެން އަފްޣާނިސްތާނަށް ގޮސްފައި ވަނީ 2018 އަހަރުގެ ޖޫން މަހުގެ ތެރޭގައި ސްރީލަންކާއަށް ބޭސް ފަރުވާއަކަށް ދިޔުމަށްފަހު އެވެ. އޭގެ ފަހުން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ޕާކިސްތާނު މަގުން އެ އާއިލާ އަފްޣާނިސްތާނަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު އިންޓަޕޯލް މެދުވެރިކޮށް ފުލުހަށް ވަނީ ލިބިފަ އެވެ.

ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާ ކަމަށް ތުހުމަތު އޮތް ޝަފީއު އަކީ އޭނާގެ ކުރީގެ އަނބިމީހާއާއި ދަރިފުޅު ގޮވައިގެން 2015 ވަނަ އަހަރު ސީރިއާއަށް ދާން އުޅެނިކޮށް އެއާޕޯޓުން ހިފަހައްޓާފައިވާ މީހެކެވެ. އަދި ހަމަ އެ އަހަރު ބ. ހިބަޅިދޫގެ ފަޅު ތެރެއިން ފެނުނު ހަތިޔާރާ ގުޅުން ހުރި ތަކެތި ފެނިގެން، ޝަފީއު ހައްޔަރުކުރި ކަމަށާއި، ނަމަވެސް، ހެކި ނެތުމުގެ ސަބަބުން އޭނާ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި، އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ވާގި ދޭ ޖަމާއަތަކާ ގުޅިގެން ޝަފީއު އާއި އޭނާގެ އަނބިދަރިން ހައްޔަރު ކުރި މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.

އަދި އޭނާގެ މައްޗަށް ޝަރީއަތް ކުރެވި، ޓެރަރިޒަމްގެ ކުށް ސާބިތުވެ، 21 އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފަ އެވެ.

އޭނާގެ އާއިލާއިން ބުނީ ތާލިބާނުން އެ މީހުން މިނިވަންކޮށްފައިވާ ކަމަށެވެ. އަދި ޝަފީއު ގުޅާ އެކަން އަންގާފައިވާ ކަަމަށެވެ. އެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އާއިލާއިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!