ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މަބްރޫކް އަޒީޒް: މަހުލޫފުގެ މައްސަލައިގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

“މަހުލޫފްގެ މައްސަލައާ ސަރުކާރުން ނުބެހޭނެ”

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައަކީ ސަރުކާރުން ބެހޭނެ މައްސަލައެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ މަބްރޫކް ވިދާޅުވީ މިނިސްޓަރު މަހުލޫފްގެ މައްސަލައިގައި ގޮތެއް ނުނިމި ޕީޖީ އޮފީހުގައި އޮންނަތާ ތިން މަހާ ގާތްކުރާއިރު، ސަރުކާރުން ވެސް އެދެނީ މައްސަަލަ އަވަހަށް ނިންމައިދިނުން ކަމަށެވެ.

މަހްލޫފްގެ މައްސަލާގައި ލަންކާ ރައްޔިތެއްގެ ހެކިބަސް ނަގަން އެސެޓް ރިކަވަރީ ކޮމިޝަނުން ލަންކާގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ހިލާފަށް ކަމަށް ރައީސް އޮފީހުން ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެ ކޮމިޝަނަށް ވަނީ އަންގާފަ އެވެ.

އެ މައްސަލައިގައި ހެކިބަސް ނަގަން އެސެޓް ރިކަވަރީ ކޮމިޝަނުން ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ސީދާ ގުޅައިގެން ލަންކާ ރައްޔިތަކާ ސީދާ އެމްބެސެޑަރު އެތައް ފަހަރަކު ފޯނުކޮށް ވަކީލެއްގެ ފުރުސަތުވެސް ނުދީ އޭނަ ލައްވާ އެންބެސެޑަރު ބޭނުންވާ ގޮތަށް ހެކިބަސް ނަގާފައިވާ ކަމަށް މަހުލޫފު ތުހުމަތު ކުރައްވަ އެވެ.

މަބްރޫކް ވިދާޅުވީ ބޭރުގެ މީހެއްގެ ހެކިބަސް ނެގީ އިޖުރާއަތްތަކެއް ފުރިހަމަ ނުކޮށް ކަމަށް މަހުލޫފު ތުހުމަތުތަކެއް ކުރައްވާ ކަމަށާއި ރައީސް އޮފީހުން އެކަން ބެލުމަށް ފޮރިން މިނިސްޓްރީއަށް އެންގި ކަމަށެވެ. ރައީސް އޮފީހުން މިނިސްޓްރީއަށް ފޮނުވި ސިޓީ އެސެޓް ރިކަވަރީ ކޮމިޝަނަށް ފޮނުވި ކަމަށާއި އެހިސާބުން ދެން އެކަމުގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށެވެ.

“އިތުރަށް މިކަމުގެ ތެރެއަށް ވަދެ ގޮތްތަކެއް ނިންމުމަށް އެދި ސަރުކާރަކުން މި މައްސަލައިގެ ތެރެއަކަށް ނުވަންނާނަން. އެއީ މައްސަލަ އަވަސް ކުރަން ކަމަށް ވިޔަސް އަދި ވަކި ގޮތަކަށް ނިންމަން ކަމަށް ވިޔަސް ސަރުކާރަކުން ނުބެހޭނެ. އެކަމަކު އަޅުގަނޑުމެން އެދެނީ ޕްރޮސެކިއުޓާ ޖެނެރެލްގެ އޮފީހުން ވީހާވެސް އަވަހަށް މައްސަލަ ނިންމައިދިނުމަށް،” މަބްރޫކް ވިދާޅުވި އެވެ.

މިނިސްޓަރު ސަސްޕެންޑް ކުރައްވާފައި ހުރި ހުރުމާ ގުޅޭ ގޮތުން މަބްރޫކް ވިދާޅުވީ، މިނިސްޓަރެއްގެ މައްސަލަ ޕީޖީ އޮފީހަށް ވަންނަ ހިސާބުން އެ މިނިސްޓަރަކު މަގާމުން އެކަހެރި ކުރަން ޖެހޭ ކަމަށެވެ. ސަބަބަކީ އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅުނަ ނުދިނުން ކަމަށް ވިދާޅުވި އެވެ. އެހެންކަމުން މައްސަލަ ވަކި ގޮތަކަށް ނިމެންދެން މިނިސްޓަރު ހުންނަވާނީ ސަސްޕެންޝަންގައި ކަމަށާއި އެކަމަށް ބަދަލު ނާންނާނެ ކަމަށެވެ.

މިނިސްޓަރު މަހުލޫފުގެ މައްސަލައިގައި ގޮތެއް ނުނިންމިގެން އުޅެނީ އިތުރަށް ހޯދަންޖެހޭ ހެކިތަކެއް ހުރުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ކުރިން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އިތުރަށް ހޯދާނެ ހެއްކެއް ނެތްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!