ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަންޖެހޭ ވެކްސިން؛ 30،000 މީހުން އަދިވެސް އެއްވެސް ޑޯޒެއް ނުޖަހާ -- އަވަސް ފޮޓޯ

30،000 މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ގާތްގަނޑަކަށް 30،000 މީހުން އެބަތިހި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މަބްރޫކް ވިދާޅުވީ 18 އަހަރުން މަތީގެ ވެކްސިން ޖެހޭ އާބާދީގެ 85 ޕަސެންޓް މީހުން ފުރަތަމަ ޑޯޒް ޖަހައިފައިވާ ކަމަށެވެ. އެއީ މިދިޔަ މަސް ނިމުމުގެ ކުރިން، ފުރަތަމަ ޑޯޒް ފުރިހަމަކުރުމަށް ސަރުކާރުން އަމާޒުކުރި އަދަދާ ވަރަށް ގާތްކުރާ އަދަދެއް ކަމަށް ވިދާޅުވި އެވެ. ސަރުކާރުން އަމާޒުކުރީ އެ އާބާދީގެ 95 ޕަސެންޓަށް ފުރަތަމަ ޑޯޒް ޖެހުމަށެވެ.

މަބްރޫކް މިއަދު ވިދާޅުވީ އެއްވެސް ޑޯޒެއް ނުޖަހާ މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންގެ ގޮތުގައި ކަމަށެވެ. ރާއްޖޭގެ ބޮޑު އާބާދީއެއް ގައުމުން ބޭރުގައި އުޅޭކަން ފާހަގަކުރައްވައި ވިދާޅުވީ ވެކްސިން ނުޖެހި ވަނީ މީގެ ތެރެއިން ކޮންމެވެސް ސަބަބަކާ ހުރެ ރާއްޖެއަށް ނާދެވިފައިވާ މީހުން ކަމަށެވެ. މި މީހުންނާ ކޮންޓެކްޓް ކުރުމުގެ މަސައްކަތް ނުވަތަ އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން 12 އަހަރުން މަތީގެ އާބާދީގެ 84 ޕަސެންޓް ދަރިވަރުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. މި އާބާދީއަށް ދެމުން އަންނަނީ ފައިޒާ ވެކްސިނެވެ.

ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަށް މިއަދުން ފެށެގެން ސަރުކާރުން ވަނީ ދަތިތަކެއް ކުރިމަތިކުރުވާފަ އެވެ. އެގޮތުން ވިޔަފާރިކުރާ ތަންތަނުން ހިދުމަތްދޭ އިރު ވެކްސިން ޖަހައިގެން ތިބި މީހުންނަށް އިސްކަން ދިނުމަށް ވަނީ އަންގާފަ އެވެ. އަދި ޖިމް، ސެލޫން ފަދަ ތަންތަނުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަށް ހިދުމަތް ނުދިނުމަށް ވަނީ އަންގާފަ އެވެ. ސުކޫލްތަކަށް ވެސް ނުވަދެވޭނެ ކަމަށް ވަނީ އަންގާފަ އެވެ.

މީގެ އިތުރުން އޮފީސްތަކުގެ މުވައްޒަފުންގެ ތެރެއިން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާނަމަ ކޮންމެ ދެ ހަފްތާއަކުން ޕީސީއާރް ޓެސްޓް ހަދަން ޖެހެ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!