އެމްޕީއެލް ތެރެއިން ފެނުނު ހަރުފަ / ފޮޓޯ: ސޯޝަލް މީޑިއާ

އެމްޕީއެލް ސަރަހައްދުގެ ފަޅުތެރެއިން ހަރުފައެއް ފެނިއްޖެ

މިދިޔަ މަހު 12 ގައި މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުގެ ފަޅުތެރެއިން ހަރުފައެއް ފެނިވާ ކަމަށް އެމްޕީއެލް އިން ބުނެފިއެވެ. “ދަ ޕްރެސް” އަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހަރުފައަކީ އެމްޕީއެލް ސަރަހައްދުގެ ފަޅު ތެރެއިން މިދިޔަ މަހުގެ 12 ވަނަ ދުވަހު ފެނުނު ފެން ހަރުފައެއް ކަމަށާއ، އެ ހަރުފަ އެމްއެންޑީއެފްއާ ހަވާލުކޮށްފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އެކަމާ ގުޅިގެން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން ހަނާ މުހައްމަދު “ދަ ޕްރެސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމްޕީއެލް ތެރެއިން މިދިޔަ މަހު ހަރުފައެއް ފެނިގެން އެހަރުފަ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހަރުފައަށް ހެދީ ކިހިނެތްތޯ ފުލުހުންނާ ސުވާލު ކުރުމުން އެސުވާލުގެ ޖަވާބު އަދި ލިބިފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޕީއެލް ސަރަހައްދުން އެފެނުނު ހަރުފަ އަކީ ވަރަށް ވިހަގަދަ ހަރުފައެކެވެ. އަދި މިއީ ރާއްޖެއިން އާންމުކޮށް ފެންނަ ހަރުފައެއް ނޫނެވެ. މިދިޔަ މަހު 29 ވަނަ ދުވަހުވެސް އެމްޕީއެލްގެ މާލެ ކޮމާޝަލް ހާބަރު ތެރެއިން ގޮތްނޭނގޭ ރެޕްޓައިލް އެއް ވަނީ ފެނިފައެވެ. މިހާރު އެ ރެޕްޓައިލް ވަނީ އެމްއެންޑީއެފް އާ ހަވާލު ކޮށްފައެވެ. އެމްޕީއެލްއިން ވަނީ ބައެއް ފަހަރު ގެންނަ ކޮންޓެއިނާ ތަކުން އެގޮތަށް ދިރޭ އެއްޗެހި ފެންނަ ކަމަށް ބުނެފައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!