އެންޓޯނިއޯ ގްރީޒްމަން: އެނބުރި އެތުލެޓިކޯއަށް ބަދަލުވީ ލޯނު އުސޫލުގެ ދަށުން

ފަހުވަގުތު ގްރީޒްމަން އެތުލެޓިކޯއަށް

ޓްރާންސްފާ މާކެޓުގެ ފަހު ވަގުތުގައި ބާސެލޯނާގެ އެންޓޯނިއޯ ގްރީޒްމަން އޭނާގެ ކުރީގެ ކުލަބް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެއްޖެ އެވެ.

ގްރީޒްމަން އެތުލެޓިކޯއަށް ބަދަލުވީ ލޯނު އުސޫލުގެ ދަށުން ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި މި މުއްދަތު ހަމަވުމުން ގްރީޒްމަން ގަތުމުގެ ފުރުސަތު އެތުލެޓިކޯއަށް އޮންނާނެ އެވެ.

ބާސެލޯނާއިން ލޯނު އުސޫލުން ގްރީޒްމަން ދޫކޮށްލަން ނިންމީ އެޓީމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކަ އެވެ. ކުޅުންތެރިންގެ މުސާރައިގެ ގޮތުގައި ބޮޑު ހަރަދެއް ކުރަން ޖެހުމުން އެޓީމުގެ ހަރަދުތައް ވަނީ އިންތިހާ އަށް މައްޗަށް ގޮސްފަ އެވެ. އެހެންކަމުން އެޓީމުން ވަނީ ގިނަ ކުޅުންތެރިންތަކެއް ވިއްކާލަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން އިއްޔެ ބާސާ އިން ވަނީ މިދިޔަ ޖޫން މަހު އެޓީމަށް އަނބުރާ ގެނައި އެމާސަން ރޯޔަލް 30 މިލިއަން ޔޫރޯއަށް ޓޮޓެންހަމަށް ވިއްކާލާފަ އެވެ.

ހަރަދުތައް ކުޑަ ކުރުމަށް ބާސާއިން ގްރީޒްމަން ވިއްކާލިއިރު، އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނޭ ހުރީ ގްރީޒްމަންގެ ބޭނުން ވަރަށް ބޮޑުވެފަ އެވެ. ގްރީޒްމަން އެތުލެޓިކޯ ދޫކޮށް ބާސެލޯނާ އާއި ގުޅުނީ 2014 އިން 2019 އަށް އެތުލެޓިކޯގައި ކުޅުމަށްފަހު އެވެ. އެތުލެޓިކޯއިން ވިދާލި ގްރީޒްމަން ވަނީ އެ ކުލަބުގައި 180 މެޗު ކުޅެ 94 ގޯލު ޖަހާފަ އެވެ.

ބާސާއަށް ބަދަލުވެ ގްރީޒްމަން ވަނީ 74 މެޗުގައި 22 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.

ގްރީޒްމަންގެ މި ބަދަލާއި އެކު މިހާރު އެތުލެޓިކޯ މެޑްރިޑުގައި ގްރީޒްމަންގެ އިތުރުން ޖޯ ފީލިކްސް އާއި ލުއިސް ސުއަރޭޒް އާއި އެކު ވަރުގަދަ އެޓޭކިން ލައިނެއް އޮންނާނެ އެވެ. މިއީ ލަލީގާ ކާމިޔާބު ކުރުމުގައި ބާސާއަށް ދިމާވާނެ ވަރަށް ބޮޑު އުނދަގުލަކަށް ވާނެ އެވެ. އަނެއް ކޮޅުން ބާސާގެ ކޯޗު ރޮނާލްޑް ކޫމަން ތަކުރާރުކޮށް ބުނަމުން ދިޔައީ އެޓީމަށް އިތުރު ފޯވާޑުން ހޯދަންޖެހޭ ކަމަށެވެ. ނަމަވެސް އިތުރު ފޯވާޑެއް ހޯދުމުގެ ބަދަލުގައި ބާސެލޯނާގެ މެނޭޖުމެންޓުން ނިންމީ ފޯވާޑެއް ވިއްކާލާށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!