ރިހިވެލި ރިސޯޓް

ރިހިވެއްޔަށް އެރީ ސިވިލް ކޯޓުގެ ހުކުމާއެކު ސޭވް ދަ ޑްރީމް މީހުން ބާލަން: މާހަލް ޓުއާސް

ރިހިވެލި ދަ ޑްރީމް ރިސޯޓަށް އަރާ ހަމަނުޖެހުން ނުހިންގާ ކަމަށާއި، އެރަށަށް އެމީހުން އެރީ “ސޭވް ދަ ޑްރީމް” ކުންފުނިން މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑް އަށް ކުލި ދެއްކުމަކާ ނުލައި އެތަނުން މަންފާ ހޯދުމުގެ ހައްގު ލިބިގެން ނުވާ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމުން ކަމަށް މާހަލް ޓުއާސް އިން ބުނެފިއެވެ. ރިސޯޓުގެ ވެރިފަރާތް ކަމުގައި ވާ މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑުން ސޭވް ދަ ޑްރީމް މޯލްޑިވްސްއާއެކު ފެބްރުއަރީ 15، 2018 ގައި އެއްބަސްވެފައި ވަނީ 2042 ވަނަ އަހަރާ ހަމައަށް ރިހިވެލި އައިލެންޑް ރިސޯޓް ކުއްޔަށް ދިނުމަށެވެ. ނަމަވެސް މި އެއްބަސްވުމާ ހިލާފަށް ސެޕްޓެމްބަރު 14، 2020 ގައި އެއްބަސްވުން ބާތިލު ކޮށް، މާހަލް ޓުއާސް އިން ވަނީ ޓާމިނޭޝަން ނޯޓިސް ފޮނުވާފައެވެ. މި މައްސަލައިގައި ސޭވް ދަ ޑްރީމް އިން ސިވިލް ކޯޓުގައި ދައުވާ ކުރިއެވެ. އެގޮތުން މިއަދު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ކުލީގެ ފައިސާ ސޭވް ދަ ޑްރީމުން ނުދެއްކުމަކީ މަހަލްއާ އާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލު ކުރެވިދާނެ ފަދަ ހާލަތެއް ކަމަށެވެ. އަދި ކުލި ދެއްކުމަކާ ނުލައި އެތަނުން މަންފާ ހޯދުމުގެ ހައްގު ލިބިގެން ނުވާ ކަމަށް ވެސް ސިވިލް ކޯޓުން ބުނެފައި ވެއެވެ. މި ކަމާ ގުޅިގެން މަހަލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އެއްބަސްވުން ބާތިލު ކުރި މައިގަނޑު ސަބަބަކީ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ހެޑްލީސް ރެންޓާއި ސަބްލީސް ރެންޓު ސޭވް ދަ ޑްރީމްއިން ނުދެއްކުމުން ކަމަށެވެ. ހެޑްލީސް ރެންޓުގެ ގޮތުގައި 323،188 ޑޮލަރު އަދި ސަބްލީސް ރެންޓުގެ ގޮތުގައި އެއް މިލިއަން ޑޮލަރު އަދިވެސް ނުދައްކައި އެބަ އޮތް ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ. ހެޑްލީސް ރެންޓު ނުދެއްކުމުން މީރާއިން ނޯޓިސް ފޮނުވަމުން ގޮސް އެންމެ ފަހުން “ރެޑް ނޯޓިސް” ވެސް ފޮނުވާފައިވާ ކަމަށް މަހަލް އިން ބުނެފައިވެ އެވެ. ސޭވް ދަ ޑްރީމް އަށް ނުވަތަ އެ ކުންފުނީގެ އެއްވެސް ހިއްސާދާރަކަށް ވެސް މާހަލްގެ ހުއްދަ ނެތި ރިސޯޓްގައި ނުތިބެވޭނެ ކަމަށާއި އެތަނުން މަންފާ ހޯދުމުގެ ހައްގު ނޯންނާނެ ކަމަށް ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ވެއެވެ. އެހެން ކަމުން މިއަދު މަހަލްގެ ބައެއް މުވައްޒަފުން ވަނީ އެ ރިސޯޓަށް އަރާފައެވެ. މި މައްސަލަ ފެންމަތިވެ އެ ރިސޯޓަށް ފުލުހުން ވެސް ވަނީ ގޮސްފައެވެ. އަދި ރިސޯޓަށް ބަޔަކު އަރާ ހަމަނުޖެހުން ހިންގަމުން ދިޔަ ކަމަށް ބުނެ ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މަހަލް އިން ބުނީ އެމީހުން އެ ރިސޯޓަށް އަރާފައި ވަނީ އެތަނުން ސޭވް ދަ ޑްރީމްގެ އިސް ފަރާތްތައް ބޭރު ކުރުމަށް ކަމަށެވެ. ހަމަނުޖެހުމެއް ހިންގަން ނޫން ކަމަށެވެ. ރިހިވެލި ރިސޯޓުގެ މައްސަލައިގައި މާހަލް އިން އެއްބަސްވުން އުވާލުމާ އެކު މިދިޔަ އަހަރު ވެސް ވަނީ މި މައްސލަަ ވަރަށް ހޫނު ވެފައެވެ. ރިސޯޓު ބަންދު ކުރުމަށް ފަހު މި އަހަރު އޮގަސްޓް މަހުގެ 7 ވަނަ ދުވަހު އެ ރިސޯޓު ހުޅުވައިގެން ހިންގުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހުއްދަ ދީފައެވެ. އެ ހުއްދަ ދިނީ ސިވިލް ކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ނެރުނު ވަގުތީ ކޯޓު އަމުރަށް ހައި ކޯޓުން ޖުލައި 7 ވަނަ ދުވަހު ތާއީދު ކުރުމާ ގުޅިގެންނެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!